އިޓަލީގެ ސްޓާޑިއޯ އޮލިމްކޯ ސްޓޭޑިއަމްގައި އިޓަލީ އާއި ތުރުކީ ބައްދަލުކުރާ މެޗުން ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ބޮޑު އީދު ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައި ފަށާނެއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިން ބާއްވަން ތާވަލް ކުރެވިފައި އޮތީ މިދިޔަ އަހަރުއެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން މިއަހަރަށް ފަސް ކުރަން ޖެހުނީއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށާ އިޓަލީއަކީ ކޮވިޑުގައި ޔޫރަޕުން އެންމެ ގިނަ މީހުން މަރުވި ގައުމެވެ. ކޮވިޑުގެ ހާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި އިޓަލީގެ ސިއްހަތާ ބެހޭ އިދާރާއިން ނިންމާފައި ވަނީ އެގައުމުގައި ކުޅުމަށް ހަމެޖެހިފައިވާ މެޗުތަކަށް 17،600 އަށް ވުރެ ގިނަ ސަޕޯޓަރުން އެއްފަހަރާ ދަނޑަށް ނުވެއްދުމަށެވެ. ޔޫރޯގައި އިޓަލީއިން ބޭނުން ކުރާ ސްޓާޑިއޯ އޮލިމްކޯ ސްޓޭޑިއަމްއަކީ އެއްފަހަރާ 70،000 މީހުންނަށް ކުޅިބަލަން ވަދެވޭ ސްޓޭޑިއަމްއެކެވެ.
އިޓަލީ
ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ނުކުންނަ އިޓަލީއިން އެންމެފަހުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު އެގައުމަކީ މިފަހަރުގެ ޔޫރޯގެ ފެވަރީޓުންގެ ޓެގް އަޅުވައިގެން ތިބި ގައުމުތައް ސިއްސުވާލަފާނެ ގައުމެކެވެ. މިރޭ ތުރުކުރީއާ ދެކޮޅަށް ނުކުންނައިރު އިޓަލީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން މިޑްފީލްޑަރު މާކޯ ވެރައްޓީ އާއި ސްޓެފާނޯ ސެންސީ ލޮރެންޒޯ ޕްލެގްރިނީއަށް އަނިޔާ ވެފައި ވުމެވެ. މީގެ ތެރެއިން ސެންސީ އާއި ޕްލެގްރިނީއަށް މުބާރާތުގައި ކުޅެވިދާނެކަމަށް ނުފެންނާތީ އެދެކުޅުންތެރިން ވަނީ ސްކޮޑުންވެސް ބާކީ ކޮށްފައެވެ. ވެރައްޓީގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ކުރިއަށް ހުރި މެޗުތަކުގައި ކުޅެވިދާނެ ކަމަށް ބެލެވެއެވެ.
ތުރުކީ
ތުރުކީގެ ކޯޗްކަމާ ސިނޯލް ގޫނެސް 2019 ހަވާލުވެ އެންމެ ބޮޑު ތަފާތެއް ގެނައީ ތުރުކީގެ ޑިފެންސަށެވެ. ކޮލިފައިންގައި ވަރުގަދަ ފްރާންސާއި އައިސްލެންޑާއި އެއްގްރޫޕެއްގައި ހިމެނުނު ތުރުކީ ކޮޅަށް ކޮލިފައިންގައި ވަދެފައިވަނީ އެންމެ 3 ލަނޑެވެ. ބެލްޖިއަމް ފިޔަވައި އެހެން ހުރިހާ ގައުމެއް ކޮޅަށް ކޮލިފައިންގައި ތިންލަނޑަށްވުރެ އިތުރަށް ވަނީ ވަދެފައެވެ. ތުރުކީއަށް އަނިޔާގެ މައްސަލަތަކެއް ނެތެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިފަހަރު ފެންނާނެ އެންމެ ހުނަރުވެރި އެއްސްކޮޑް އޮތީ ތުރުކީގައެވެ.
ގްރޫޕް އޭ
1. އިޓަލީ
2. ތުރުކީ
3. ސްވިޓްޒަލޭންޑް
4. ވޭލްސް
ޔޫރޯގައި މާދަމާ ރޭ (12 ޖޫން) ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް
1. ވޭލްސް – ސްވިޓްޒަލޭންޑް (18:00)
2. ޑެންމާކް – ފިންލެންޑް (21:00)