ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް މިއަދު ފޮނުވައިފިއެވެ.

ޒީނާ ވަކިކުރުމުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާ އެމައްސަލަ ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާން ކުރައްވާފައެވެ.

ޒީނާ ވަކިކުރުމަށް މަޖިލީހުން ނިންމީ އޭނާ ވަކިވަކި މީޑިއާތަކާއި މެދު ތަފާތުކުރުން ގެންގުޅުމާއި ބްރޮޑްކޮމްގެ މެމްބަރުންނަށް ގާނޫނުން މަތި ކޮށްފައިވާ ޒިންމާ އަދާ ނުކުރާ ކަމަށް ބުނެއެވެ.

ޒީނާ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ. އަދި އެ ހުށަހެޅުއްވުމަށް ކޮމެޓީގެ ހަތް މެމްބަރުން ވަނީ ތާއީދު ކުރައްވާފައެވެ.

ބްރޮޑްކޮމްގެ މެމްބަރުންގެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މީގެ ކުރިންވެސް ވަނީ ފަށާފައެވެ.

ބްރޮޑްކޮމްގެ މެމްބަރުންގެ މައްސަލަތައް ބަލަން ފެށުމަޢިއެކު އެކޮމިޝަނުގައި ތިއްބެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ އިސްތިއުފާ ދީފައެވެ. އަދި ބްރޮޑްކޮމްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބްގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް އޭނާވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި މެމްބަރު ފާތުމަތު ޒައިނާ ވަކިކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.