މީރާ ރާޖުޕުތު މިވަނީ އިންސްޓަގްރާމްގައި ދަރިން ބެލުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމާ ބެހޭގޮތުން ޕޯސްޓެއް ޝެއާރކޮށްފައިއެވެ. މީރާއާއި އޭނާގެ ފިރިމީހާ އެކްޓަރ ޝާހިދު ކަޕޫރްގެ ދެކުދިން ތިބެއެވެ. އެއީ އަންހެން ދަރިފުޅު މިޝާ އާއި ފިރިހެން ދަރިފުޅު ޒައިންއެވެ.
މީރާ ބުރާސްފަތި ދުވަހު ވަނި ''ހާޑެސްޓް ޕާރޓް އޮފް ޕޭރޭންޓިންގް'' އާ ބެހޭގޮތުން ހުރި ޕޯސްޓެއް އޭނާގެ ސްޓޯރީގައި ހިއްސާ ކޮށްފައިއެވެ. އޭނާގެ ސްޓޯރީގައި ރީޕޯސްޓް ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ދަރިން ބަލާއިރު ކުރަން އެންމެ އުދަނގޫ ކަމަކީ ދަރިފުޅު ގޯސް އެހެނަސް ވަރަށް މަޖާ ކަމެއް ކުރުމުން މޫނުމަތިން ސީރިއަސް ކަން ދެއްކުން ކަމަށެވެ.
ޝާހިދުއާއި މީރާ ކައިވެނީގެ ގޮށް ޖަހާފައިވަނީ 2015 ވަނަ އަހަރުގައިއެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު މީޝާއަށް މަރުހަބާ ކިޔާފައިވަނީ 2016 ވަނަ އަހަރުގައިއެވެ. އަދި ދެވަނަ ދަރިފުޅު ޒައިން ލިބިފައިވަނީ 2018 ވަނަ އަހަރުގައިއެވެ. މީރާ އަކީ އަބަދުވެސް އާދަ ވެގެން އޭނާއާއި އޭނާގެ އާއިލާގެ ފޮޓޯތައް ހިއްސާ ކުރާ މީހެކެވެ. މިއަހަރު ޖުލައިގަ ޝާހިދުއާއި މީރާގެ ކައިވެންޏަށް 6 އަހަރު ފުރޭނޭއެވެ.
މީރާއާއި ޝާހިދުގެ އުމުރުގެ ތަފާތާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޝާހިދު ބުނެފައިވަނީ އުމުރުން ވަރަށް ޅައިރުގައި މީރާއާ އޭނާއާ ކައިވެނި ކުރެވުނު ކަމަށާއި އެއަށް ފަހު ދެ ކުދިން ލިބި އެކަމާއި ކުރިމަތި ލާން ޖެހުނު ދުވަސްވަރަކީ މީރާ ޅަޒުވާނެއްގެ އުމުރުން ޒުވާނަކަށް ބަދަލުވަމުންދިޔަ ދުވަސްވަރު ކަމަށެވެ. މީރާގެ ހުވަފެންތަކާއި އުއްމީދުތަކެއް ވާނެ ކަމަށެވެ. ނަމަވެސް އޭނާއެ ހުރިހާ އުއްމީދުތަކާއި ހުވަފެންތައް އެއްފަރާތް ކުރީކަމަށެވެ. އެއީ ކުރިމަތިލާން ބައިވަރު ކަންކަމަށާއި އޭގެ އިތުރުން އެމީހުންގެ އުމުރުގެ ތަފާތު ވެސް ހިމެނޭ ކަމަށެވެ.
ޝާހިދުގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު އޭނާ އެންމެ އަވަހަށް ފެނިގެންދާނީ 2019 ވަނަ އަހަރު ނިކުތް ޓެލްގޫ ފިލްމު ޖާރޒީގެ ހިންދީ ރީމޭކް އިންނެވެ. މިއީ ހުނަރުވެރި އެހެނަސް ނާކާމިޔާބު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ އަރްޖުން އޭނާގެ އުމުރުން 40 ވާން ގާތްވެފައި ވަނިކޮށް ދަރިފުޅުގެ އެދުމުގެ މަތިން ކްރިކެޓް ކުޅުމަށް އެނބުރި ދާ ދިއުމުގެ ވާހަކައެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ދިވާލީއާއި ދިމާ ކޮށެވެ. ނޮވެމްބަރު 5 ގައިއެވެ. ޝަހިދުގެ އިތުރުން ޕަންކަޖް ކަޕޫރު، މުރުނާލް ކަޕޫރް އަދި މިނޫންވެސް ގިނަ ތަރިން ފެނިގެން ދާނެއެވެ.
ރާޖް އަދި ޑީކޭ ޑައިރެކްޓްކުރާ އެމަޒޯން ސީރީޒްއިން ޝާހިދު އޭނާގެ ޑިޖިޓަލް ޑެބިއުޓް ހަދާނެއެވެ. މި ސީރީޒްއިން ރާޝީ ކަންނާވެސް ފެނިގެންދާނެއެވެ.