ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު ޒިންމާ އަދާކުރަނީ މައިންނެވެ. ނަމަވެސް މިހާރު ބަފައިން އަދާ ކުރާ ދައުރުވެސް ކުޑައެއްނޫނެވެ. ގިނަފަހަރަށް ގޭގައި ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރަނީ މަންމަ ކަމުގައިވާތީ ކުދިން އުޅޭ ގޮތާ އެކުދިން ކުރާ ކަންތައްތައް ބޮޑަށް ދެނެގަނެވޭނީ މަންމަ އަށެވެ. އެހެން ކަމުން ދަރިން ހަރުދަނާ ގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމަޢަށް ފައިދާހުރި ކުއްޖަކަށް ހެދުމަށް މަންމަމެން ހަރުދަނާ އުސޫލުތަކެއްވެސް ގެންގުޅެންޖެހެއެވެ. ނަމަވެސް މި ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކުދިން ގައިގައި އަށަގަންނަން ޖެހޭ ރަނގަޅު ސިފަތައް މިއަދުގެ ޖީލުން ފެންނަނީ ވަރަށް މަދުންނެވެ.

ގިނަފަހަރަށް އުސޫލުތައް ފޫދުއްވާލާނީ ބައްޕައިންނެވެ. 7 އަހަރުގެ ދަރިފުޅަށް ދުވާލަކު އެއް ޞަފުޙާ ލިޔުމަށް ހަވާލުކުރުމުން ބައްޕަ ގެއަށް ދުރުވާއިރު ނުނިންމާ އަތްވާޅުވެގެން ޝަކުވާކޮށްލާއިރަށް ބައްޕަ އެކަން ގަބޫލުކުރައްވާނެއެވެ. އަދި ދަރިފުޅަށް މަންމަ ހަވާލުކުރި 1 ޞަފުހާ ބައި ޝަފުޙާ އަށް ބަދަލުކޮށްލާނެއެވެ. މިކަމުގެ ސަބަބުން ދަރިފުޅު މަންމަ ދޭ މަސައްކަތް ނުނިންމާ ބައްޕަ އަށް ޝަކުވާ ކުރުން އިތުރުވެއެވެ. އަދި މީގެ އިތުރަށް ކުދިން އުމުރަށް ވުރެ ޅަކޮށްގެން ގެންގުޅުމަކީ ވެސް މިޒަމާނުގެ ބައްޕައިންގެ ވަރަށް އާންމު ކަމެކެވެ. 8 އަހަރުގެ ދަރިފުޅަށް ގޭތެރޭގެ ކަންތައްތައް ހަވާލު ކުރުމުން ބައްޕައިން އެކަމާ ހިތްހަމަނުޖެހޭ ފަހަރު އާދެއެވެ. އެއީ އެނދުގެ ބެޑްޝީޓް ރަނގަޅުކޮށް ކާ ތަށި ދޮންނަވަރު ކުއްޖަކަށް ނުވެއެވެ. އަދި ކުދިންނާއި އެކު ކުޅުމުގައި ކުޑަ ކުއްޖެކޭ އެއްގޮތަށް ބައްޕަމެންގެ ބަސްމަގު ބަދަލުވެއެވެ. ވެއްޓުމުން "ބަންކީ ދޯ ދަރިފުޅާ" މީ ގްރޭޑް އެކަކުން މަތީގެ ކުދިންގެ ބަސްމަގު ހުންނަންވީ ގޮތެއް ނޫނެވެ. އެކުދިންގެ އުމުރު މަތިވަމުން އަންނަ ވަރަކަށް ބަސްމަގުވެސް ކުރިއަރުވަންޖެހެއެވެ.

މިގޮތަށް އުމުރަށް ވުރެ ޅަކޮށްގެން ގެންގުޅޭ ކުދިންނަށް ގިނަފަހަރަށް އަމިއްލައަށް އުޅޭކަށް ދަހެއްނުވާނެއެވެ. އަދި އަމުދުން ފިނޑިވެ، ކުދި ކުދި ކަންތައްތަކާ ރުއިން ގިނަވާނެއެވެ. ސްކޫލުގައިވެސް މިފަދަ ކުދިން މާ، ފިނޑިވެ ގަނާ ކުރުމުގެ އުނދަގޫވެސް ކުރިމަތި ވެއެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ބައްޕައިން ދަރިންނާއެކު އުޅޭއިރު އެކުދިންނާ އެއްވަރު ކުއްޖަކަށްވެއެވެ. މިޒާޖާއި އުޅުމާއި ވާހަކަދެއްކުންވެސް މެއެވެ.

ކުދިންނާއި އެކު، ކުޅެންވެސް ވާނެއެވެ. ވަގުތު ހޭދަކުރަންވެސް ވާނެއެވެ. ނަމަވެސް އެކުދިންނަށް ހަރުދަނާ އުސޫލުތަކާއި ގަވާއިދުތައް ދަސްކޮށްދީ އުމުރާ ގުޅޭގޮތުން ކުދިން ހަރުދަނާ ވާން ފުރުޞަތު ދޭންޖެހެއެވެ. މަންމައިން ގެންގުޅޭ އުޞޫލުތައް ފޫއަޅުވާލާ މީހަކަށް ބައްޕައިން ނުވާށެވެ. ދަރިންތަރުބިއްޔަތު ކުރުމުގައި މައިން ހަރުކަށި ވަނީ އެކުދިންނަށް ރަނަގަޅަކަށެވެ. އެކުދިންގެ މުސްތަޤުބަލު ބިނާ ކުރުމަށްޓަކައެވެ. މީހަކާއި ކައިވެނިކޮށްގެން ފިރިމީހާގެ އާއިލާ އާއި އެކު ދިރި އުޅެން ފަށާ އަންހެން ކުއްޖާއަށް ރޮއްޓެއް ފިހެލަން ނޭނގުމުން އެ ހުރިހާ ލަދެއް ގަންނާނީ އެ މަންމަ އެވެ. މިހާރު ކުދިން ބުނާނީ އަހަންނަކީ "މެއިޑެއް" ނޫނެވެ. ނަމަވެސް ވިސްނާލައްވާފަ ޖަވާބުދެއްވަބަލާށެވެ. އުމުރުން 24 އަހަރު ފުރޭއިރު ލައިގެން ކާއެއްޗެއް ހަދާލަން، ރޮއްޓެއް ފިހެލަން ނޭނގޭ ކިތައްކުދިން މި މުޖުތަމަޢުގައި އުޅޭނެ ތޯއެވެ؟ މީ ހަމަ ރަނގަޅު ގޮތްތޯއެވެ؟

ދަރިން ތަރުބިއްޔަތު ކުރުމުގައި މަންމައިން ގެންގުޅޭ ހަރުދަނާ އުޞުލުތަކަށް ގޮތް ނުކިއުއްވާށެވެ. އެމީހުނަށް އިތުރު ތަކުލީފުތަކެއް ދީ އިތުރު ހާސްކަމެއްގެ ތެރެއަށް ވައްޓާ ނުލާށެވެ. އެމީހުންގެންގުޅޭ އުޞޫލުތައް ޤަބޫލުކޮށް އެގޮތައް ބައްޕައިންގެ ޢަމަލުތައް ބަހައްޓަވާށެވެ. ހަރުކަށިވާން ޖެހޭ ހާލަތު އަންނާނެއެވެ. އެކަން ގަބޫލުކޮށް މަންމަ އާއެކު އެއްނަވެއްގައި ދަތުރުކުރުމަށް ބައްޕަވެސް ހުންގާނު ހިއްޕަވާށެވެ. އޭރުން މުޖުތަމަޢަށް ފައިދާ ހުރި ޖީލެއް ބިނާކުރެވޭނެއެވެ. ހަރުދަނާ ދަރިންތަކެއް މުޖުތަމަޢުން ފެންނާނެއެވެ.