ސަރުކާރު ހުރިހައި ސްކޫލެއްގައި ހައިޓެކް ކިލާސްރޫމްތައް ހެދި އެންމެ ފުރަތަމަ ސްޓޭޓަކަށް އިންޑިއާގެ ކެރެލާ ސްޓޭޓް ވެއްޖެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓޭޓްގެ ޗީފް މިނިސްޓަރ ޕިނާރާއި ވިޖަޔަން ވަނީ ސަރުކާރު ސްކޫލުތައް އެއްކޮށް ޑިޖިޓައިސް ކޮށް ނިމިފައިވާ ކަން އިޢްލާން ކުރައްވާފައެވެ.

ކޮމިއުނިސްޓުން ވެރިކަން ކުރާ މިސްޓޭޓަކީ އިންޑިއާގައި އެންމެ ބޮޑަށް ތަޢްލީމަށް ސާލުކަންދޭ އަދި އަންހެން ކުދިންނަށް ކިޔަވާ ދިނުމުގައި އެއްވަނައެވެ.

ވިޖަޔާން ވިދާޅުވިގޮތުގައި އޭނާގެ ސަރުކާރުގެ އަމާޒަކީ ސަރުކާރު ސްކޫލުތަކަކީ، އިންޓަރނޭޝަނަލް ފެންވަރުގެ ތަޢްލީމެއްދޭ ތަންތަން ކަމުގައި ހެދުމެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ކެރެލާގެ އަމިއްލަ ސްކޫލުތަކުން ކެނޑި ސަރުކާރު ސްކޫލުތަކަށް ވަދެފައިވާ ކުދިންގެ އަދަދު ވަނީ އިތުރު ވެފައެވެ. އެގޮތުން ތަފާސްހިސާބު ދައްކާ ގޮތުން ފަސް އަހަރު ތެރޭ ފަސްލައްކަ ކުދިން ސަރުކާރު ސްކޫލުތަކާ ގުޅިފައި ވެއެވެ.

ކެރެލާ އިންފްރާސްޓްރަކްޗަރ އެންޑް ޓެކްނޮލޮޖީ ފޯރ އެޑިއުކޭޝަން ޕްރޮޖެކްޓް (ކިޓް)ގެ ދަށުން 4752 ސްކޫލެއްގެ 45 ހާސް ކިލާސްރޫމެއް ހައިޓެކް ކިލާސްރޫމުތަކަށް ބަދަލުކޮށްފައި ވެއެވެ.