ޔޫރޯ 2020 ހުޅުވި މެޗުގައި ރޭ އަމާޒަކަށްވީ ތުރުކީއަށް ކުޅޭނެ އެއްވެސް ފުރުސަތެއް ނުދިނުން ކަމަށާއި އެކަން ވަރަށް ފުރިހަމައަށް ހާސިލް ކުރެވުނު ކަމަށް އިޓަލީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފިއެވެ.
އިޓަލީގެ ޕްރެސިންގ ވަރުގަދަ ވުމުގެ ސަބަބުން ފުރަތަމަ އެއްކޮށް ކަހަލަ ގޮތަކަށް ތުރުކީ ޓީމު ތިބެން ޖެހުނީ އަމިއްލަ ހާފު ތެރޭގައެވެ. އިޓަލީއިން ހައިލައިންގައި ކުޅެ ބައެއްފަހަރު ޑިފެންސްލައިން މެދު ރޮނގާ ހަމައަށް ޖެއްސިއެވެ. ބޭނުމަކަށްވީ ތުރުކީއަށް ކައުންޓަރ އެޓޭކުގައިވެސް ހަމަލާއެއް އުފައްދާނެ ފުރުސަތު ނުދިނުމެވެ.
"ހަގީގަތުގައި ތުރުކީގައި އޮތީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ވަރުގަދަ ޓީމެއް. އަހަރެމެން ބޭނުންވީ ތުރުކީއަށް ހަމަޖެހިލައިގެން ތިބޭނެ އެއްވެސް ފުރުސަތެއް ނުދިނުން. އެކަން ހާސިލް ކުރެވުމުން އަހަރެން މިހުރީ ހިތްހަމަޖެހިފައި" މަންޗިނީ ބުންޏެވެ.
މުޅި މެޗުގައިވެސް އިޓަލީ ފެނުނީ ކުދި ރީތީ ޕާސްތަކަކާއެކު ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ތަނެވެ. އަދި ބޯޅަ ގެއްލޭ ކޮންމެ ފަހަރަކު އެބޯޅަ ހޯދުމަށް ވަރަށް ވަހަށް ޕްރެސްކޮށްލާ މަންޒަރެވެ.
މަންޗިނީ އިތުރަށް ބުނީ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި މުބާރާތް ހުޅުވާ މެޗް ކުޅެން ލިބުމުން ރީތި ފުޓްބޯޅައެއް ތަމްސީލް ކުރަން ބޭނުންވި ކަމަށެވެ. "މީގެ ހުރިހާ ޝުކުރެއް ހައްގު ވަނީ ކުޅުންތެރިންނަށް. ތުރުކީއިން ފުރަތަމަ ހާފު އެއްކޮށް ވަރަށް މޮޅަށް ޑިފެންސް ކުރި. ވަރަށް އޯގަނައިޒްޑް ޑިފެންސްލައިނެއް ތުރުކީގައި އޮތީ. ޑިފެންސް ލައިން ފޫއަޅުވާލަން ލިބޭނެ ފުރުސަތަކަށް ކުޅުންތެރިން ތިބީ ވަރަށް ކެތްރެރިކަމާއެކު ބަލަން" މަންޗިނީ ބުންޏެވެ.
އިޓަލީއިން 3-0 އިން މިމެޗް ކާމިޔާބު ކުރިއިރު ފުރަތަމަ ލަނޑަކީ ޑިފެންޑަރު ޑެމިރަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ލަނޑު ތަޖުރިބާކާރު ފޯވާޑް ޗީރޯ އިއްމޯބިލޭ ކާމިޔާބު ކޮށްދިންއިރު ތިންވަނަ ލަނޑު ޖެހީ ލޮރެންޒޯ އިންސީނިއޭއެވެ. މިތިން ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. މިއީ ޔޫރޯގެ ތާރިހުގައި މުބާރާތް ހުޅުވި މެޗެއްގައި ތިން ލަނޑުގެ ތަފާތަކުން ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ.
ތުރުކީގެ ކޯޗް ސެނޯލް ގުނެސް ބުނީ ބަލިވީ "ވަރަށް ވަރުގަދަ އިޓަލީ އެއް" އަތުން ކަމަށެވެ. "އަހަރެމެން ބަލިވީ ޓެކްނިކަލީ ވަރަށް މޮޅު ޓީމެއް އަތުން. ފުރަތަމަ ލަނޑާއެކު މެޗުގެ ކޮންޓްރޯލް އަހަރެމެން އަތުން ގެއްލުނު. އަހަރެމެން އަތުން ގިނަ ބޯޅަތަކެއް ގެއްލުނު، އޭގެ ފައިދާ ނަގައިގެން އިތުރު ދެލަނޑު އިޓަލީއަށް ކާމިޔާބު ކުރެވުނީ" ގުނެސް ބުންޏެވެ.
އިޓަލީ އަތުން ބަލިވުމާއެކު، މުބާރާތްތަކުގައި ކުޅޭ ފުރަތަމަ މެޗުން ތުރުކީ ބަލިވުމުގެ ސިލްސިލާއަށް ބޮޅެއް ވަނީ އިތުރުވެފައެވެ. މީގެ ކުރިން އެޓީމުން ވޯލްޑް ކަޕާއި ޔޫރޯގައި ކުޅުނު ކޮންމެ ފަހަރަކުވެސް ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ.
ގްރޫޕް ސްޓޭޖް ދެވަނަ މެޗުގައި ތުރުކީ އަންނަ ބުދަ ދުވަހުގެ ރޭ ބައްދަލު ކުރާނީ ވޭލްސްއާއެވެ. އިޓަލީ ނިކުންނާނީ ސްވިޓްޒަލޭންޑާ ދެކޮޅަށެވެ.