ކޮވިޑް 19 ބަލި އިންތިހާ އަށް ގިނަވުމުގެ ސަބަބުން މާލޭގައި މިވަނީ ބޭރަށް ނުކުމެ އުޅުން މަނާކުރެވިފައެވެ. އެޗް ޕީއޭގެ ހުއްދަ ލިބިގެންނޫނީ އެއްވެސް ފަރާތަކަށް ބޭރަށް ނުކުމެ ނޫޅެވޭނެއެވެ. ހުއްދައަކާއި ނުލާ ބޭރަށް ނުކުމެއްޖެނަމަ، ޖޫރިމަނާ ކުރެއެވެ. މި ހުއްދަ ލިބެނީ އޮފީސްތަކާއި ޑެލިވަރީ ކުރާ ފަރާތް ތަކުން އެކަމަށް އެދި ހުށަ އެޅުމުން ވަކި ޢަދަދަކަށެވެ. އަމިއްލަ ޒަރުރީ ބޭނުންތަކަށް ނުކުންނަން ޖެހޭ މީހުން ގޭބިސީތަކުގެ ފެންމީޓަރުގެ ނަންބަރު ފޮނުވުމުން ކޮންމެ މީޓަރަކަށް އެގެއަކުން ދެމީހުނަށް ހުއްދަ ލިބެއެވެ. އެއީ ވަކި ވަގުތު ތަކެއްގައެވެ. އެހެންނަމަވެސް މަލޭ މަގުމަތީގައި ކޮޅުކޮޅަށް ހިނގާ ބިދޭސީންގެ އަދަދު މަދެއް ނުވެއެވެ. ޕާކިން ޒޯންތަކުގައި އުޅޭ ބިދޭސީންގެ އަދަދު މަދެއް ނުވެއެވެ. މީ ކޮންމީޓަރެއްގެ ހުއްދަ ލިބިގެން އުޅޭ ބައެއް ހެއްޔެވެ؟
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހުންނަ ސަރަހައްދު ކަމަށްވާ ވެލާނާ ބިލްޑިންގުގެ ޕާކިން ޒޯނުގައި ހަރަކާތްތެރިވާ ބިދޭސީއަކު އެތަނުން ނުފެންނަ އިރެއް ނުދެއެވެ. އޮފީހަށް ދިޔަ ރައްޓެސަކާއި ދިމާވެގެން މީ ކޮން ހުއްދައެއްގައި އުޅޭ މީހެއްތޯ ސުވާލުކޮށްލީމެވެ. ޖަވާބުގައި ރަހުމަތްތެރިޔާ ބުނީ އެ ބިދޭސީ މީހާ ދިރިއުޅެނީ ވެލަނާގޭ ޕާކިން އޭރިޔާގައި ހަދާފާހުރި ކާރު ޕާކު ލިފްޓްގައި ކަމަށެވެ. ކިހިނެއްތޯ ރަހުމަތްތެރިޔާ އަށް އެކަން އެނގުނީ ސުވާލުކޮށްލުމުން ބުނީ އޭނާގެ އަންނައުނާއި ދެންވެސް ގެންގުޅޭ އެހެނިހެން ސާމާނު އެތާގައި ބަހައްޓާފައި ހުއްޓާ ދައްކާލި ކަމަށެވެ. އެހެންކަމުން މީނާ އަށް ލިބުނީ ކޮންހުއްދައެއް ކަމެއް ނޭނގުނެވެ. މި ސަރަހައްދުގައި އޭނާ އުޅޭ މަންޒަރު ކަމާބެހޭ ފަރާތްތަކަށް ނުފެންނަނީ ކަމަށް ވެދާނެއެވެ.
އެހެންނަމަވެސް އަތޮޅު ފިހާރަތަކުގެ ދުވާރު މަތީ ހުސްފޮށި ވިއްކަން ތިބޭ ބިދޭސީން މީ ކޮން ހުއްދައެއް ލިބިގެން ތިބޭ ބައެއް ބާއެވެ؟ ނޯތު ހާބަރަށް ލަފާ ބޯޓު ފަހަރުން ގެންނަ ހަދިޔާ ފޮށިގަނޑު (10 ރުފިޔާ އަށް) ސައިކަލާ ހަމައަށް ގެންގޮސްދޭ ބިދޭސީން މީ ކޮން މީޓަރަކަށް ހުއްދަ ނަގައިގެން އުޅޭ ބައެއް ހެއްޔެވެ؟ އިރު ނާރަނީސް އަތޮޅު ތަކުން އަންނަ ދޯނި ގެންނަ ތަރުކާރީ އާއި މޭވާ ކާށި ކުރުނބާ ފަދަ ތަކެތި ގަންނަނަން ވެމްކޯ ޖެޓީ އަށް، (ހެދުނު ހައެއް ނުޖަހަނީސް) ދާ ބިދޭސީން މީ ކޮން ހުއްދައެއް ލިބިފައިވާ ބައެއް ހެއްޔެވެ؟
މި ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ލިބިފައި އޮތް އިރު، ފޮށި ވިއްކުމާއި ވެހިކަލް ފުހުމުގެ މަސައްކަތުގައި އަބުރުވެރިކަމާއެކު ދިވެހިންވެސް އުޅުނެވެ. ނަމަވެސް މިހާރު އެމީހުން ގެއްލިއްޖެއެވެ. ސަރުކާރުގެ އެންގުންތަކަށް ބޯލަނބާ ކިޔަމަންވެ ބަނޑުފުރާނަ މުއްތި ކުރުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓާލިއެވެ. ނަމަވެސް ބިދޭސީން އެ މަސައް ކަތުގެ އެންމެ މަތީ ހަރުފަތުގައި ރަސްކަން ކުރަނީއެވެ. އެމީހުން ހުއްޓުވާނެ ބަޔަކު ނެތެވެ. ޖޫރިމާނާ ކުރާނެ ފަރާތެއް ނެތެވެ. މިފަދަ މަންޒަރުތަކަކީ އިތުރު މީހުނަށް ބޭރުގައި އުޅުމަށް ހިތްވަރު ލިބޭ ކަންކަމަކަށް ނުވާނެ ބާވައެވެ؟
ދިވެހީންނަށް ވަކި ގަވާއިދެއް ބިދޭސީންނަށް ވަކި ގަވާއިދެއް އޮންނަނީ ހެއްޔެވެ؟ މިއީ ނަސްލީ އަދި ގައުމީ ތަފާތުކުރުމަށް ނުވޭ ހެއްޔެވެ؟ ދިވެހީންނަށް ދިވެހި ފަސްގަނޑުގައި ނުލިބޭ ހައްޤެއް ބިދޭސީންނަށް ލިބިފައި މިވަނީ ކީއްވެހެއްޔެވެ؟ މާލޭގައި ބަލި ކޮންޓްރޯލު ނުވެގެން އެންމެންވެސް ކަންބޮޑުވެއެވެ. މަސައްކަތްތައް ހުއްޓާލާފައި ގެއަށް ވަދެ މި ތިބެނީ އެހެންވެއެވެ. ނަމަވެސް ބިދޭސީން މިގޮތަށް ނުކުމެ އުޅުމަކީ މައްސަލައެއް ނޫންހެއްޔެވެ؟ އެމީހުންގެ ސަބަބުން ބަލި ނުފެތުރެނީހެއްޔެވެ؟
ބޭރުގައި މިއުޅޭ ބިދޭސީން ކޮންޓްރޯލު ކުރާނީ ކޮންބައެއް ހެއްޔެވެ؟ އެމީހުނަށް ހުއްދަ ދެނީ ކޮން ފަރާތަކުން ހެއްޔެވެ؟
އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި މި އުޅޭ ބިދެސީން އަތުގައި ހުއްދަ އޮތްތޯ ބަލާ މީހަކު އުޅޭ ހެއްޔެވެ؟ އެމީހުން ޖޫރިމަނާ ކުރެވޭ ހެއްޔެވެ؟
ބިދޭސީ މީހާ މަސައްކަތް ކޮށްގެން ހޯދާ ފައިސާގެ ބޮޑުބައެއް ދާނީ ހަމަޔަގީނުންވެސް ރާއްޖެއިން ބޭރަށެވެ. މިއަހަރުގެ މިހާތަނަށްވެސް ފައިސާ ޓްރާންސްފަ ކުރާ އެޖެންސީ ތަކުން އެތައް މިލިޔަން ޑޮލަރެއް ރާޖެއިން ރާއްޖެއިން ފޮނުވާފައި ވެއެވެ.
ކޮވިޑް 19 އާގުޅިގެން ބަލި ފެތުރުން ހުއްޓުވުމަށް އެންމެންވެސް ބޭނުމެވެ. ނަމަވެސް މި އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ނުރަނގަޅު އަސަރު ކުރަނީ ދިވެހި މަސައްކަތްތެރީންނަށެވެ. ބަލިފެތުރުން ކޮންޓްރޯލު ކުރުމަށް ދިވެހިން ގެއަށް ވެއްދުމުން މާލޭގައި މި ބަލި ފެތުރުން ކޮންޓްރޯލު ކުރެވޭނެ ތޯއެވެ؟
ތިވަރަށް ރަނގަޅު ވާހަކަ އެއް