ކޮވިޑް 19 ގެ މި ހާލަތުގައި ދަތުރުފަތުރުގެ ދަތިކަން މިވަނީ އިންތިހާ އަށް ބޮޑުވެފައެވެ. ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުވެރިންގެ ދަތުރުތައްވެސް މިވަނީ ހުއްޓުމަކަށް ގެނެވިފައެވެ.

2021 ގެ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިންޑިއާއިން ރާއްޖެ އަށް މީހުން އެތެރެވުން މިވަނީ ސަރުކާރުން ހުއްޓުވާފައެވެ. އެހެންކަމުން އިންޑިއާ އަށް ދަތުރުކުރާ ފުލައިޓުތައް މިވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެހެންނަމަވެސް އެހެން އެއާލައިން ތަކެކޭ އެއްފަދައި އިންޑިގޯއިން މިވަނީ ކުއްލިއަކަށް ކުރަންޖެހޭ މުހިއްމު ދަތުރުތައް ކުރުމަށް ޗާޓަރު ދަތުރުކުރުމުގެ މަގުފަހި ކޮށްދީފައެވެ. އެހެން ކަމުން މި ހާލަތުގައި ދިވެހި ގައުމަށާއި ރައްޔިތުންނަށް އެހީ އެއްގެ ގޮތުން ކޮންމެހެން ދާންޖެހޭ ދަތުރުވެރިންނަށް އިންޑިގޯއިން ދަތުރު ކޮށްދޭނެކަމަށް އެ އެއާލައިން އިން އިއުލާނު ކޮށްފައި ވެއެވެ.

އިންޑިގޯ އަކީ ކުރު މުއްދަތެއްގައި އަގުހެކޮށް ދަތުރުކޮށްދިނުމުގައި އޭވިއޭޝަން ސިނާއަތުގައި ކުރިއަރާފައިވާ އެއާލައިނެކެވެ. މި އެއާލައިން އަކީ އެތެރޭގެ 67 މަންޒިލަކަށާއި ބައިނަލްއަޤުވަމީ 20 މަންޒިލަކަށް މިހާރުވެސް ދަތުރުވެރިން އުފުލާ އެއާލައިނެކެވެ. އިންޑިގޯގެ އުދުހުންތަކުގައި 280 އަށްވުރެ ގިނަ ބޯޓު ފަހަރު ބޭނުންކުރެއެވެ.