ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ގައުމުތަކާއި ޗައިނާއާ މެދު ބަދުބަސް ބުނާ ކުންފުނިތަކާއި ދެކޮޅަށް ހަރުކަށި ފިވަޅު އެޅުމަށް ޗައިނާއިން ގާނޫނެއް ފާސްކޮށްފިއެވެ. ޗައިނާއިން ބުނިގޮތުގައި މި ގާނޫނުގެ މަގްސަދަކީ ޗައިނާގެ ސިޔާދަތާއި ޗައިނާގެ އަގު ހިފެހެއްޓުމެވެ.
މި ގާނޫނު ބުނާ ގޮތުން ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ގައުމުތަކާ ދެކޮޅަށް ޗައިނާއިން އެއްވަރުގެ ރައްދު ފިޔަވަޅުތައް އެޅުމަށް ބާރު ލިބިދެއެވެ. އަދި ޗައިނާގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރާ ކުންފުންޏެއްނަމަ އެކުންފުނީގެ މުދަލާއި ވިޔަފާރިތައް ހިފެހެއްޓުމުގެ ބާރުވެސް ޗައިނާއަށް ދެއެވެ.
މި ގާނޫނުގެ ދަށުން ޗައިނާގައި އިންވެސްޓް ކޮށްފައިވާ އެމެރިކާއާއި ޖަޕާނުގެ ޓެކްނޮލޮޖީ ކުންފުނިތަކުން ޗައިނާއިން ބޭރުވާން އުޅެފިނަމަ އެކުންފުނިތަކުގެ މުދަލާއި ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ ގާނޫނީ ބާރު ޗައިނާއަށް ލިބޭނެއެވެ.
ޗައިނާއާ ވާދައަށް މަސައްކަތް ކުރާ ގައުމުތަކުން ވަނީ ޗައިނާއިން ކުންފުނިތައް އުފުރާލައިގެން އިންޑިއާއާއި ވިއެޓްނާމްފަދަ ގައުމުތަކުގައި އިންވެސްޓް ކުރުމަށް ނިންމާފައެވެ.
އެމެރިކާއިން ދަނީ ޗައިނާއާ ވާދަ ކުރުމުގެ މަގްސަދުގައި އެމެރިކާއިން ފިޔަވަޅުތަކެއް އެޅުމަށް ގާނޫނެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.