ޓެސްޓް ކިޓްތަކެއްގައި މައްސަލަޖެހިގެން އެކަން ބަލަމުންދާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިވަގުތު ހުރި ޓެސްޓް ކިޓްތަކުގެ ތެރެއިން އެެއް ޓެސްޓް ކިޓްގެ ބެޗަކުން ފުރިހަމަ ނަތީޖާ ނުނިކުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށާ އަދި އެކަން ބެލި ބެލުމުން އެއީ ގުދަން ކުރުމުގައި ދިމާވި މައްސަލައަކުން ފާހަގަ ކުރެވުނު ކަމެއްކަން އެނގިފައިވާ ކަމަށެވެ.

އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ޒިންމާދާރު ކުރުވަންޖެހޭ ފަރާތެއް ހުރިތޯ ބެލުމުގެ ކަންތައްތައް އެ އޮންނަ އުސޫލްގެ ތެރެއިން ކުރިއަށްދާކަމަށާ އެކަމުގައި ފިޔަވަޅު އަަޅަންޖެހޭ ފަރާތެއްވާނަމަ އެ ފަރާތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ޑރ .ނަޒްލާ ވިދާޅުވިއެވެ.

މި މައްސަލަ ދިމާވި ބެޗްގެ 3000 ޓެސްޓް ކިޓް ބާކީ އެބަހުރި ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ގުދަން ކުރުމުގެ ސޭފްޓީ މެކޭނިޒަމް އިތުރަށް ވަރުގަދަ ކުރެވިފައި ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން އެސްޓީއޯއާއި އެކު އެއްބަސް ވުމެއްގެ ދަށުން، ގެންނަ ކިޓް ތަކުގެ ތެރެއިން ޚާއްސަކޮށް މައިނަސް ފްރީޒިން ޓެމްޕަރޭޗަރ ގައި ބަހައްޓަންޖެހޭ ތަކެތި އެސްޓީއޯގެ ކޯލްޑް ސްޓޯރޭޖްގައި ބެހެއްޓުމަށް އެއްބަސްވެވި، ރައްކައުތެރިކޮށް ގުދަން ކުރެވިފައިވާ ކަމަށާ އެސްޓީއޯއިން ގެނެސްފައި ހުރި 40،000 ރިއެކްޝަންސް މިވަގުތު ވެސް އެބަހުރި ކަމަށާއި އެކިޓްތައް 20 އަކަށް ދުވަހަށް ބޭނުން ކުރެވޭނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.