އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގެ ރަށްފުށުގެ އަވަށެއް ކަމަށްވާ މަލާނާއަށް ވެހިކަލްތަކުގައި ދުއްވާފައި ނުދެވެއެވެ. ވަކި ހިސާބަކަށް ގޮސްފައި، އަވަށަށް ދިއުމަށްޓަކައި ދެން ޖެހެނީ ހިނގާފައި ދާށެވެ.

އިންޑިއާގެ ހެލްތު ވޯކަރުންގެ ޓީމެއް އެ އަވަށަށް ގޮސްފައިވަނީ، ގާތްގަނޑަކަށް 5 ކިލޯމީޓަރަށް ފައިމަގުގައި ހިނގުމަށްފަހުގައެވެ.

ހެލްތު ވޯކަރުންގެ ޓީމެއް އެ އަވަށަށް ދިޔައީ އެ އަވަށުގެ މީހުންނަށް ކޮވިޑް ވެކްސިން ޖަހައި ދިނުމަށެވެ. އެއީ، 2،200 މީހުން ދިރިއުޅޭ ކުޑަ އަވަށެކެވެ.

ހެލްތު ވޯކަރުންގެ ޓީމުގޮސް، މަލާނާ އަވަށުގައި ވެކްސިން ޖަހައިދޭން ޓެންޓް ޖަހައި ތައްޔާރުވިއެވެ. ނަމަވެސް، އަވަށުގެ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ޖަހަން އައީ އެންމެ 36 މީހުންނެވެ.

ވެކްސިން ޖަހައިދޭން ދިޔަ ޓީމުގެ މެމްބަރުންނަށް މިވަރުވެސް ވީ ހިތްހަމަޖެހޭ މިންވަރަކަށެވެ.

ސަބަބަކީ، މަލާނާ އަވަށަށް ވެކްސިން ޖަހައިދޭން ދާން ހެލްތު ވޯކަރުން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމަށް ހުރަސްއަޅަމުން ގެންދިޔައީ ވިލެޖް ކައުންސިލުންނެވެ. ސަބަބެއް ކަމަށް ބުނަމުންދިޔައީ އަވަށުގެ "ކަލާނގެ" އެކަމަށް އެއްބަސްނުވެގެންނެވެ.

"ކަލާނގެ ރުޅިއައިސްދާނެތީ" އެމީހުން ވެކްސިން ޖަހަން ބޭނުންނުވަނީއެވެ.

އަވަށުގެ މީހުން "ކަލާނގެ" އާ ވާހަކަ ދައްކަނީ ޖިންނި އަވަލާފައި ހުންނަ އަންހެނަކު މެދުވެރިކޮށެވެ.

އަވަށުގެ މީހުން ވެކްސިންޖަހަން "ކަލާނގެ" އެންމެފަހުން އެކަމަށް އެއްބަސްވީ ގާތްގަނޑަކަށް ފަސްވަރަކަށް މަސްދުވަސްވަންދެން ކުރެވުނު މަސައްކަތުންނެވެ.

އެއީ، ގުރުބާންތައްކޮށް، ދުއާކޮށް އަދި އެތަކެއް ހުށަހެޅުންތައް ހުށަހަޅައިގެން ކަމަށް އަވަށުގެ މީހުން ބުނެއެވެ.

"ކަލާނގެ ރުހޭބަސްލިބި" ވެކްސިން ޖެހުމުގެ ހުއްދަ ލިބުނު ނަމަވެސް، ޓީމުތައް އައުމުންވެސް އަވަށުގެ މީހުން ވެކްސިން ޖަހަން ނުކުމެފައެއް ނުވެއެވެ. އައީ މަދު ބައެކެވެ.

ވެކްސިން ޖަހަން މީހުން މަދުން ނުކުތީވެސް، ޓީމު އަންނަން ދެދުވަހަށް ވެފައިވަނިކޮށް، ވެކްސިން ނުޖެހުމަށާއި، ރޫހާނީ ބާރުތައް މެދުވެރިކޮށް އަވަށުގެ އެންމެން ބަލިން ރައްކަތެރި ކޮށްދޭނޭ ކަމަށް، ޖިންނި އަވަލާފައިވާ އަންހެންމީހާ މެދުވެރިކޮށް ކަލާނގެ ބުނުމުން ކަމަށްވެއެވެ.

މަލާނާ ނޫނަސް، އިންޑިއާގެ ވަރަށް ގިނަ ރަށްފުށުގެ ހިސާބުތަކާއި، ގަބީލީ ވެރިކަން އޮންނަ ހިސާބުތަކުގެ މީހުން ކޮވިޑް ވެކްސިން ޖަހާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ގަބޫލުކުރަނީ ފައްޅިތަކުގެ ހާމުދުރުން ދައްކާ ވާހަކަތަކެވެ. ރޫހާނީ ބާރުތަކާ ގުޅުވައި މީހުން ދައްކާ ވާހަކަތަކެވެ.

"ކަލާނގެ" އަންގައިގެން ކޮވިޑް ވެކްސިން ޖަހަން ބޭނުންނުވާ ވަރަށް ގިނަ ރަށްފުށުގެ އަވަށްތައް އިންޑިއާގައި އެބަހުއްޓެވެ.