ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ރަޝިޔާ ކޮޅަށް ފުރަތަމަ ލަނޑު ޖަހައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެލަނޑު، ރޭ ފިންލެންޑާއި ދެކޮޅަށް ކުޅެނިކޮށް ދަނޑުމައްޗަށް ވެއްޓި ނާޒުކު ހާލަތެއްގައި ވަގުތުތަކެއް ހޭދަކުރަން ޖެހުނު ޑެންމާކުގެ ހުނަރުވެރި މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއަށް ހާއްސަ ކޮށްލައިފިއެވެ.

ލަކާކޫ، ރަޝިޔާ ކޮޅަށް ލަނޑު ޖަހައި އެލަނޑު އެކުވެރި އެރިކްސަންއަށް ހާއްސަކޮށްލީ މެޗުގެ 10 ވަނަ މިނެޓުގައެވެ. ލުކަކޫ މިލަނޑު ޖެހީ ރަޝިޔާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ޑްރައިސް މާޓިން ނަގައިދިން ހުރަސް ރަޝިޔާގެ ޑިފެންޑަރަކަށް ސަލާމަތް ނުކުރެވުމުން ލިބުނު ފަޅި ފުރުސަތުގައެވެ. މިލަނޑު ޖެހުމަށްފަހު ލުކާކޫ ދުވެފައި ދިޔައީ ކެމެރާގެ ކުރިމައްޗަށެވެ. ކެމެރާއަށް މޫނު ކައިރިކޮށްގެން ހުރެ ލުކާކޫ ބުނީ "ކްރިސް، ކްރިސް، އަހަރެން ވަރަށް ބޮޑަށް ލޯބިވަން". މިއާއެކު ފުޓްބޯޅައަށް ލޯބިކުރާ އެތައް މިލިޔަން މީހުންގެ ލޯތްބާއި ތައުރީފުގެ މެސެޖްތަކުން ސޯޝިއަލް މީޑިއާގެ ޕްލެޓްފޯމްތައް ފުރާލިއެވެ.

ބެލްޖިއަމް 3-0 މޮޅުވި މިމެޗުގައި ލަކާކޫގެ ދެވަނަ ލަނޑެއްވެސް ޖެހިއެވެ. މިލަނޑު ފެނިގެންދިޔައީ މެޗް ނިމެން ދެމިނެޓަށް ވެފައި ވަނިކޮށެވެ. ބެލްޖިއަމްއަށް ދެން ލަނޑު ޖަހައިދިނީ ތޯމަސް މިއުނިއާއެވެ.

ލުކާކޫއާއެކު އިންޓަމިލާނަށް ކުޅެމުން އަންނަ އެރިކްސަން ދަނޑު މައްޗަށް ވެއްޓި އެއްވެސް ހަރަކާތެއް ނެތި ނާޒުކު 10 ވަރަކަށް މިނެޓް ދަނޑު މަތީގައި ހޭދަކުރަން ޖެހުނެވެ. މިއާއެކު މުޅި ޑެންމާކަށާއި ފުޓްބޯޅައިގެ ދުނިޔެއަށް މާޔޫސްކަން ވެރި ކުރުވިއެވެ. އެރިކްސަންގެ ފުރާނަ ސަލާމަތްވުމުގައި ޑެންމާކުގެ ކެޕްޓަން ސިމޮން ކެއާގެ އަވަސް ހަރާކާތްތަކުން އެރިކްސަން ރަނގަޅު ޕޮޒިޝަންގައި ބޭއްވުމާއި ރެފްރީ އެންތަނީ ޓޭލާ ވަގުތުން ކުޅުން ހުއްޓުވައި މެޑިކަލް ޓީމު ދަނޑަށް އެރުމަށް ދިން އަވަސް އިރުޝާދު މުހިއްމު ދައުރެއް އަދާކުރިއެވެ. ސިމޮން އާއި ޓޭލާ އަދި މެޑިކަލް ޓީމުން އެޅި އަވަސް ފިޔަވަޅުތަކަށް ފުޓްބޯޅައިގެ ދުނިޔެއިން ދަނީ ލޯތްބާއި ތައުރީފް އޮއްސަމުންނެވެ.

ދަނޑުމަތީގައި ބާއްވައިގެން އެރިކްސަންއަށް ފަރުވާދޭއިރު ޑެންމާކް ކުޅުންތެރިން އިންސާނީ ހިމާޔަތް ދެނީ. އެރިކްސަންގެ ހާލު މިހާރު ރަނގަޅު.

ޔޫރޯގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޑެންމާކުގެ މައްޗަށް ފިލެންޑުން ވަނީ 1-0 އިން ކުރި ހޯދައި، ބޮޑު މުބާރާތެއްގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފައެވެ. އެކަމަކު ލަނޑު ޖެހުމަށްފަހު، އެރިކްސަންއަށާއި ޑެންމާކް ރައްޔިތުނަށް އިހްތިރާމް އަދާ ކުރުމުގެ ގޮތުން ފިންލެންޑް ކުޅުންތެރިން އުފާފާޅު ކޮށްފައެއް ނުވެއެވެ. މިމެޗް ނިމުމުން ޔުއެފާއިން ވަނީ ފުރަތަމަ ފަހަރަށް "ސްޓަރ އޮފް ދި މެޗް" ގެ މަގާމް ހޮވައި، މިމަގާމް އެރިކްސަންއަށް ދީފައެވެ. ވޭލްސް އާއި ސްވިޓްޒަލޭންޑް ބައްދަލު ކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ޔޫރޯގައި މިރޭ ކުޅުމަށް ހަމަހެހިފައިވާ މެޗުތައް:

އިންގްލެންޑް- ކްރޭޝިޔާ (ރާއްޖޭ ގަޑިން 18:00)

އޮސްޓްރިއާ – ނޯތު މެސަޑޯނިއާ ( 21:00)

ނެދަލޭންޑްސް – ޔޫކްރައިން (0:00)