އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ، އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 13 އޮގަސްޓް 2021 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައި ހުންނާނެ ކަމަށާއި، އަދި އެ އޮފީހަށް ހުށަހެޅޭނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ހުރި މައްސަލަތައް އެކަނި ކަމަށެވެ.

އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތައް ކަމަށް އެ އޮފީހުން ބުނެއެވެ.

އެގޮތުން އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ އޮފީހަށް މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު، [email protected] މެއިލް ކުރުމަށް ނުވަތަ އޮފީސް ހުޅުވިފައި ހުންނަ ވަގުތުތަކުގައި އެ އޮފީހުގެ ކައުންޓަރަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އޮމްބަޑްސްޕަރސަންގެ އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމާއި، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި މިކަމާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 7337486 އަށް ގުޅުމަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ވަނީ އެދިފައެވެ.