ދުރު ބިންތަކުގައި މުސްލިމުންގެ އާދޭސް ޕާކިސްތާނަށް ނިކަން ބާރަށް އަޑު އިވެއެވެ. ބައެއް ފަހަރަށް އާދޭސް ކުރަން އުޅޭހެން ހީވިއަސް އެކަންވެސް އިޙުސާސް ކުރެވެއެވެ. ތަޙްރީކޭ އިންސާފް ޕާޓީ ވެރިކަމަށް އައިފަހުން ޕާކިސްތާނުން ވަނީ މުސްލިމުންގެ އުދާސްތައް އެހުމުގައި އެއްދަރަޖަ ކުރިއަށް ޖެހިފައެވެ. އިޒްރޭލުން ފަލަސްތީނުގެ ބިލްޑިންގތައް ގޮއްވި އިރު، އިމްރާން ޚާންވެސް ގެންދެވީ ޓުއިޓާގައި ނިކަން ހަރުއަޑުން ފަލަސްތީނުގެ ހައްގުގައި ވާހަކަ ދައްކަވަމުންނެވެ. ސަލާމާއި ސަލަވާތްލެއްވި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ ކާޓޫނުތައް ޕެރިހުގައި ކުރެހުމުން، ޕާކިސްތާނުގައި ބޮޑެތި މުޒާހަރާތައް ބާއްވައެވެ. މި މުޒާހަރާތަކުގައި އެތައް ބަޔެއްގެ ފުރާނަވެސް ގެއްލިގެން ދެއެވެ.

ފަލަސްތީނަށް އިޒްރޭލަށް ދިން އުދުވާނީ ހަމަލަތަކުގައި ޕާކިސްތާންގެ ބައެއް މީހުން ގޮވާލާފައި ވަނީ ޕާކިސްތާންގެ ނިއުކްލިއަރ ބޮންވެސް ބޭނުން ކުރުމުގެ ވަގުތު އައިސް ޖެހިއްޖެކަމަށެވެ! މިއީ ސަމާސާ ވާހަކައެއް ނޫނެވެ. ޕާކިސްތާންގެ ޖަމާއަތޭ އިސްލާމީގެ ދަންނަބޭކަލެއްކަމަށްވާ މައުލާނާ އަބްދުލް އަކުބަރު ޗިޓްރާލީ ޕާކިސްތާންގެ ސިފައިންގެ އިސް ޖެނެރަލަށް ވިދާޅުވީ، ކަޝްމީރާއި ފަލަސްތީން މީނިވަން ނުކުރެވޭނަމަ ޕާކިސްތާންގައި ހަތް ލައްކަ މީހުންގެ ލަޝްކަރެއް އޮތުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ! މިއީ އަމަލީ ސިފައެއް އަންނާނެ ވާހަކަތަކެއް ކަމުގައި ނުވިއަސް މިއިން މީހުންގެ ހިތްވަރު އާލާވެގެން ދެއެވެ.

ޕާކިސްތާންގެ މި ހިތްވަރު ދިނުމާއި އުދާސްތައް އަޑު އަހާއިރު ޕާކިސްތާނަށް ވަކި ދިމާއަކުން އަންނަ އަޑުތަކެއް ނީވެއެވެ. މިއިން އިވެނީ އުންމަތުގެ ނަމުގައި ވާހަކަ ދައްކާނެ ވަކި ގައުމެއް ނޯންނަކަމެވެ. އަދި އިސްލާމީ ނިއުކްލިއަރ ބޮމޭ ކިޔާއެއްޗެއްވެސް ނުހައްދަވާ ކަމެވެ. ކޮންމެ ބަޔަކުވެސް އުޅެނީ އެބަޔެއްގެ ދާޚިލީ ސިޔާސަތުން އުފެދޭ މައްސަލަތަކުން ޚާރިޖީ ސިޔާސަތު ބައްޓަން ކޮށްގެންނެވެ.

ޕާކިސްތާނަކީ، މުސުމަށް ފަހި ގޮތަކަށް، އިސްލާމީ އުޚުއްވަތްތެރި ކަމުގައި އުޅޭ ގައުމެކެވެ. މަގްސަދު ހާސިލު ކުރުމަށް އެމެރިކާއާ ގުޅުނީ އަފްޣާނިސްތާނުން ރޫސީން ބޭރު ކުރުމަށެވެ. ނަޖީބުﷲގެ ސަރުކާރު ވައްޓާލުމަށްފަހު ތާލިބާނާ ގުޅުނީ ރޫސީން ފައިބައިގެންދާ ފަހުން އަފްޣާނިސްތާންގައި މުހިންމު ދައުރެއް ހޯދުމުގެ މަގްސަދުގައެވެ.

ޕާކިސްތާނުން ކަޝްމީރަށްވެސް އެހީ ފޯރުވައިދެނީ މިފަދަ މަގްސަދެއް ހާސިލު ކުރުމަށެވެ. ޕާކިސްތާނުން އެހީތެވެދިން ހުރިހައި ޖަމާއަތަކާއި އެޖަމާއަތްތަކުގެ ލީޑަރުންނަށް ޓެރަރިޒަމްގެ ގާނޫނާއި މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން ދައުވާކޯށް ޖަލަށް ލާފައި ވެއެވެ.

މިހުރިހައި ވާހަކައަކުން ޕާކިސްތާނުން އިސްތިސްނާ ކުރަނީ، ޗައިނާގެ އިރުމަތީ ތުރުކިސްތާން ޝިންޖިއާންގެ އުއިގޫރު މުސްލިމުންނެވެ. މިމީހުންގެ ކެކުޅުމުގެ އަޑު އިސްލާމްއާބާދާ ހަމަށް ނުފޯރާ ގޮތަށް ފިލްޓަރުތަކެއް ވަނީ ލެވިފައެވެ. މިފިލްޓަރު ތަކަކީ ޗައިނާއިން އިސްވެސްޓް ކޮށްފައިވާ ސީޕެކްގެ އިންވެސްޓްމެންޓެވެ.

އުއިގޫރު މީހުންނާ އިނދެގެން އުޅޭ ޕާކިސްތާން މީހުންގެ އަޑެއްވެސް އިސްލާމްއާބާދާ ހަމައަކަށް ނުފޯރައެވެ. އުއިގޫރު މީހުން ދެކެނީ މިއީ ޕާކިސްތާންގެ ދެ ފުށް ދެގޮތް ސިޔާސަތުގެ ނަތީޖާ ކަމަށެވެ.

އުއިގޫރު މުސްލިމުންގެ ތެރޭން ބައެއް މީހުންނަކީ 1950 ން ފެށިގެން 1970އާ ހަމައަށް ޕާކިސްތާންގައި ވަޒަންވެރިވެފައިވާ މީހުންނެވެ. މިމީހުންނަކީ މިހާރު ޕާކިސްތާން ރަށްވެހިންނެވެ. އުރުދޫ ބަހުން ވާހަކަ ދައްކާ އަދި ޕަޓާން ހެދުން އަޅައިގެން އުޅޭ މީހުންނެވެ.

އޭޝިއާ ޓައިމްސްއަށް މިމީހުން ކިޔައިދޭ ގޮތުގައި ސީޕެކްގެ މަޝްރޫއުތައް ޕާކިސްތާންގައި ފަށައި ޕާކިސްތާނާއި ޗައިނާ ގާތްވި ފަހުން އެމީހުންނަށް ދިރިއުޅުން ދަތިވެފައި ވެއެވެ. ފުލުހުންގެ ފާރަ ލުމާއި ބޯކޮޅު ބެލުން އާންމު ކަމަށް ވެފައި ވެއެވެ.

ޕީޝާވަރުގެ ނޫސްވެރިއަކު ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕާކިސްތާނަށް އުއިގޫރު މުސްލިމުންގެ ދެ ހާހެއްހާ މީހުން ވަނީ ވަދެފައެވެ. ޕާކިސްތާންގެ ދާޚިލީ ވުޒާރާއިން ސިފަ ކުރިގޮތުގައި މިމީހުން ވަދެފައި ވަނީ ގަވާއިދާ ޚިލާފަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ފިއްތުމާ ހެދި ޕާކިސްތާނުން ދަނީ މިމީހުން ޑިޕޯޓް ކުރަމުންނެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލުން 2016ގައި ބުނެފައި ވަނީ ޕާކިސްތާނުން ޑިޕޯޓް ކުރި 37 މީހކު ޗައިނާއިން ދަން ޖެއްސި ކަމަށެވެ.

މިދިޔަ އެޕްރީލް މަހު ހިއުމަންރައިޓްސް ވޮޗް އިން ބުނެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުއިގޫރު މީހުން ޗައިނާއިން ހޯދައި ފާހަގަ ކޮށްގެން އުޅޭ ކަމަށެވެ. ޗައިނާއިން މިމީހުންނަށް ބާރުއަޅަމުން ދަނީ އެނބުރި ގައުމަށް ދިއުމަށާއި އަދި ޝަރީއަތާ ކުރިމަތި ލުމަށެވެ.

ދާދިފަހުން އެމެރިކާގެ ނޯރތުވެސްޓާން ޔުނިވަރސިޓީން ތައްޔާރު ކުރި ޑޮކިއުމެންޓްރީ އެއްގައި ޕާކިސްތާންގައި އުޅޭ އުއިގޫރު މީހުންގެ ހާލަތު ކިޔައި ދީފައި ވެއެވެ. މީގައި ބުނެފައިވާ ގޮތުން ޕާކިސްތާން ސަރުކާރުން އުއިގޫރު މީހުން ޑިޕޯޓް ކޮށްލާނެ ކަމުގެ ބިރު ޕާކިސްތާންގައި ދިރިއުޅޭ އުއިގޫރު މީހުންގެ ހިތުގައި އަބަދުވެސް އޮވެއެވެ. މި ޑޮކިއުމެންޓްރީގައިވެސް ބުނެފައި ވަނީ ސީޕެކްއާ ހެދި ޕާކިސްތާނަށް ޗައިނާއިން ކުރިމަތިވާ ފިއްތުންތައް ވަރަށް ބޮޑު ކަމަށެވެ.

ޕާކިސްތާންގައި ދިރިއުޅޭ އުއިގުރު ރެފިއުޖީންގެ އަދަދަކީ ދެހާހެވެ. އަދި ސީޕެކްގެ ޖުމުލަ މަޝްރޫއުތަކުގެ އަގަކީ 60 ބިލިއަން ޑޮލަރެވެ.

ޕާކިސްތާނުން ދާދި އަވަހަށް ޗައިނާއަށް ތިން ބިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. ޕާކިސްތާނުން މި ފައިސާ ދެއްކުން ފަސްކޮށް ދިނުމަށް އެދުމުން ޗައިނާއިން އެކަމަށް އިޖާބަ ދީފައި ނުވާކަމަށް ބުނެފައި ވެއެވެ.

ދަ ޑިޕްލޮމޭޓްގައި (5 މެއިގައި) އޮތް ރިޕޯޓެއްގައި ބެއިޖިންގގައި ހުންނަވާ ޕާކިސްތާންގެ އެމްބެސެޑަރު މުއީނުލްޙައްޤުއާ ޙަވާލާދީ ބުނެފައިވަނީ ޝިންޖިއާންގައި އެއްވެސް ވަރަކަށް މުސްލިމުންނަށް އަނިޔާވެރިވާކަމުގެ އެއްވެސް ނިޝާނެއް ފެންނާން ނެތް ކަމަށެވެ. ޕާކިސްތާނުން އުންމަތުގެ ހާލަތާމެދު ބާއްވާ މަޝްވަރާތަކުގައި ޝިންޖިއާންގެ މުސްލިމުންގެ ހާލަތާ މެދު އެއްވެސް މަޝްވަރާއެއް ނުކުރެއެވެ. އުންމަތުގެ ހާލަތާމެދު ކަންބޮޑުވާ ޕާކިސްތާންގެ މިއަމަލަކީ ހައިރާން ކުރަނިވި އަމެލެކެވެ.