ޗައިނާއިން ވާލު ރޯގާއާ ގުޅޭ ކަންކަމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ސެކެޓްރީ ޖެނެރަލް ޗައިނާއަށް ގޮވައި ލައްވައިފިއެވެ. އޭނާ ވިދާޅުވީ، ވޫހާން ލެބުން ޖަރާސީމު ބޭރުވެގެން ފެތުރުނުކަމަށް ބުނާ ވާހަކައަކީ ބަލައި ނުލައި ދޫކޮށްލެވޭނެ ވާހަކައެއް ނޫން ކަމަށެވެ.

ކޮވިޑް19 ފެތުރުގޮތް އަދިވެސް ދުނިޔެއަށް ވަނީ ނުހޯދިފައެވެ. ޗައިނާއިން ބުނަނީ، ލެބޯޓްރީން ވައިރަސް ބޭރުވިކަމަށް ޗައިނާއިން ގަބޫލު ނުކުރާ ކަމަށެވެ. އަދި މިކަމަށް ޗައިނާ ޒިންމާ ނުކުރެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ދަ ސަން އިން ރިޕޯޓް ކުރިގޮތުގައި އިނގިރޭސިވިލާތުގައި ހިނގަމުންދާ ޖީ7ގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަށް މަޢްލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ވެރިޔާ އިތިއޯޕިއާގެ ޓެޑްރޮސް އަދަނަން ވިދާޅުވީ މިއީ ލެބޯޓްރީން ބޭރުވެފައިވާ ވައިރަސްއެއް ނޫން ކަމަކަށް އަދި ނިންމައިފައި ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ 3.75 މިލިއަން މީހުންގެ ފުރާނަ މި ވަބާގެ ސަބަބުން ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި 174 މިލިއަން މީހުންނަށް މި ބަލި ޖެހިފައި ވާނެ ކަމަށެވެ.

ޖީ7ގެ ވެރިންނަށް މަޢްލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ޗައިނާގެ ފަރާތުން ލިބެންވާ އެހީތެރިކަމާއި މަޢްލޫމާތާއި ދެފުށް ފެންނަން ޖެހޭ ކަންކަމުގައި އެގޮތަށް ޗައިނާއިން އަމަލުކޮށްފައި ނުވާ ކަމަށެވެ. މަޢްލޫމާތު ހާމަކުރުމާއި ދިނުމުގައިވެސް ޗައިނާ ފަހަތު ފަޔަށް ބުރަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިއުނިސްޓް އިތިއޯޕިއާގެ ސަރުކާރުގައި ހެލްތު މިނިސްޓަރގެ މަގާމު ފުރުއްވި އަދަނަން މިހައި ސަރީހަކަމާއެކު މި މައްސަލައިގައި މިހައި ތަނަށް ވާހަކަ ދައްކައިފައެއް ނުވެއެވެ.