އިޒްރޭލުގެ ފަހުގެ ތާރީޚްގައި 12 އަހަރު ވަންދެން މައި ރޯލެއް އަދާކުރި ބެންޔަމީން ނަތަންޔާހޫ ދުރުކޮށް މެދުތެރޭ ޕާޓީތައް ގުޅިގެން ސަރުކާރެއް އެކުލަވައިލައިފިއެވެ. ނެފްތާލީ ބެނެޓްއާއި ޔާއީރް ލެބިޑްގެ ސަރުކާރަށް ކެނެސެޓްގައި އިތުރަށް ލިބުނީ އެންމެ ވޯޓެކެވެ.
ޔަހޫދީ ވަޒަން ވެރިން ރުއްސެވުމަށް ވާހަކަ ދައްކަވަމުން ބެނެޓް ވިދާޅުވީ އިޒްރޭލުން ހިފާފައިވާ ހުރިހައި ބިމެއްގައި ޔަހޫދީން ވަޒަންވެރި ކުރުމަށް އޭނާގެ ސަރުކާރުން ގެދޮރު އަޅާނެ ކަމަށެވެ.
ބެނެޓްގެ ދެ އަހަރުގެ ވެރިކަމަށް ފަހު ދެން ވެރިކަމާ ޙަވާލުވެ ވަޑައިގަންނަވާނީ ލެބިޑްއެވެ. މި ސަރުކާރާއެކު ނަތަންޔާހޫގެ ވެރިކަން ވައްޓާލެވުނީއެވެ. ނަމަވެސް އޭނާގެ ނުފޫޒު ކުޑައެއް ނުކުރެވޭނެއެވެ. އެކަމަކު އޭނާގެ ނާޖާއިޒު ފައިދާ ނެގުމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުން އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ޔިޓްޒަކް ރަބީން އަވަހާރަކޮށްލުމުގައި އޭނާ ރަބީންއާ ދެކޮޅަށް ހަރުކަށި މީހުން ރުޅިއެރުވުމަށް ދެއްކި ވާހަކަތައް ތަހްގީގު ކުރެވޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. މި މައްސަލާ ބެލުމަށް އެންމެ ގަދަޔަށް ވަކާލާތު ކުރައްވަނީ ކުރީގެ ބޮޑު ވަޒީރު އެހޫދު އޯލްމާތުއެވެ.
ނަތަންޔާހޫ ވެރިކަމަށް އައުމަށް އެއިރު ހުރަހަކަށްވި، ރަބީން ސިފަކުރަމުން ނަތަންހާޔޫ ބުނެފައި ވަނީ އެއީ ޔަހޫދީ ހިޓްލަރެއް ކަމަށެވެ.
ފަލަސްތީނުގެ ރައީސް ވިދާޅުވީ މިބަދަލަކީ އިޒްރޭލުގެ ދާޚިލީ މައްސަލައެއް ކަމަށެވެ. އިޒްރޭލަށް ހަތިޔާރު ވިއްކައިގެން ފައިދާ ނަގާ އެމެރިކާއިން ބުނެފައި ވަނީ އިޒްރޭލްގެ ސަލާމަތް އެމެރިކާއިން ކަށަވަރު ކޮށްދޭ ކަމަށެވެ. ޖަރުމަން ޗާންސެލަރ މަރކެލް ވިދާޅުވީ އިޒްރޭލާ ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.
ޙަމާސް އިން ބުނެފައި ވަނީ ކޮންމެ ފަދަ ސަރުކާރެއް އިޒްރޭލްގައި އޮތަސް އެއީ ހަމަ ޒަޔަނިސްޓް އުދުވާނީ ނިޒާމެއް ކަމަށެވެ.
އިނގިރޭސިވިލާތުގެ ޔަހޫދީ ދަރިކޮޅުގެ ފޮރިން މިނިސްޓަރ ޑޮމިނިކް ރާބް ވިދާޅުވީ އިޒްރޭލުގެ ސަލާމަތަށާއި ވިޔަފާރިއަށް އިނގިރޭސިވިލާތް އޮތް ކަމަށެވެ.
ވެރިކަމުން ވެއްޓުނުތާ ގިނަ އިރެއް ނުވެ ނަތަންޔާހޫ ޓުއިޓާއަށް އަރައި ބުނެފައި ވަނީ ހިތްވަރު އެލުވައިލައިގެން ނުވާނެ ކަށެވެ! "ހީކުރާ ވަރަށ ވުރެން އަވަހަށް އަހަރެން އެނބުރި އަންނާނަން" ނަތަންޔާހޫ ބުންޏެވެ.