ސަޢޫދީ ޢަރަބިއްޔާގެ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރަން ފަށާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެވެ.

މި އެޕްލިކޭޝަނަކީ ކޮވިޑް-19 އާ ގުޅިގެން ސަޢޫދީގެ ހެލްތު މިނިސްޓްރީއިން އެޕްރޫވްކޮށް، އެންމެހާ ފަރާތްތަކުގެ ސިއްހީ ޙާލަތު ދެނެގަތުމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް އެގައުމުގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ. ސަޢޫދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީވެސް މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަށްްފަހުގައެވެ.

ދިވެހިރާއްޖޭގެ ފޮރިންމިނިސްޓްރީން މިއަދު ހާމަކުރިގޮތުގައި ސަޢޫދީ ޢަރަބިއްޔާއިން ތައްޔާރުކޮށްފައިވާ "ތަވައްކަލްނާ" މި އެޕްލިކޭޝަން ބޭނުންކުރެވޭ ފުރަތަމަ 74 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

މީގެ އިތުރުން، މި އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތަކަށް ސަޢޫދީ ޢަރަބިއްޔާގެ ޕަބްލިކް ތަންތަނަށް ވަދެ ނިކުމެ ނުހެދޭނެ ކަންވެސް އެމިނިސްޓްރީން ހާމަކުރިއެވެ.

ސަޢޫދީގެ ރައްޔިތުން މި 74 ގައުމަށް ދަތުރުކުރާއިރު، އަދި މިގައުމުތަކުގެ ރައްޔިތުން ސަޢޫދީއަށް ދަތުރުކުރާއިރު މި އެޕްލިކޭޝަން ބޭނުންކުރަން ޖެހޭނެކަންވެސް ފޮރިންމިނިސްޓްރީން ފާހަގަ ކުރިއެވެ.