ރާއްޖޭގެ އެއާޕޯޓުތައް، 100 ޕަސެންޓް ބޭރު މީހުންނާއި ބޭރު ކުންފުނިތަކުގެ ހިއްސާ އޮންނަ ފަރާތްތަކާށް ހިންގޭނޭ ގޮތަށް، ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައިޕީ)އަށް އިސްލާހެއް ގެނައުމަށް ފަހު، އެ އިސްލާހުގައި އަމިއްލަ ފަރާތްތަކަށް އެއަރ ޓްރެފިކް އޮޕަރޭޝަންގެ ހުއްދަދޭ ވާހަކަ ނޯންނާނޭ ކަމަށް، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މައި ދޮރޯށިތަކުގެ ތަޅުދަނޑިތައް ބޭރުގެ ފަރާތްތަކަށް ހަވާލުކުރާ ކަމަށް ބުނެ ރައްޔިތުންގެ ނުހަނު ބޮޑެތި ކަންބޮޑުވުންތަކެއް އޮތް މި ދަނޑިވަޅުގައި، އިއްޔެ އެފްޑީއައިޕީއަށް ސަރުކާރުން ގެނައި އިސްލާހާއެކު، 100 އިންސައްތަ ބޭރުމީހުންނާއި، ކުންފުނިތަކުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގެ އެއަރ ޕޯޓުތައް އޮޕަރޭޓް ކުރުމާއި، އެއަރ ޓްރެފިކް ކޮންޓްރޯލްގެ މަސައްކަތާއި، ގްރައުންޑް ސަރވިސްގެ ޚިދުމަތާއި ޓަރމިނަލްގެ ޚިދުމަތްތައްވެސް ލިބިދެއެވެ. އަދި މިކަން މިގޮތަށް ނުކުރުމަށް ރައްޔިތުން ދަނީ އާދޭސްކުރަމުންނެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް، ޖަވާބު ދެއްވުމުގެ ގޮތުން، މިއަދު މިނިސްޓަރ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މިފަހުން ގެނެވުނު އިސްލާހުގައި، އަމިއްލަ އިންވެސްޓަރުންނަށް (އެއީ ދިވެހި ވިޔަސް އަދި ބޭރުގެ ކުންފުންޏަކަށް ވިޔަސް) އެއަރ ޓްރެފިކް އޮޕަރޭޝަންގެ ހުއްދަ ނުދޭ ކަމަށެވެ. ރާއްޖޭގެ ކޮންމެ އެއަރޕޯޓެއްވެސް އެއަރ ޓްރެކްފިކް އޮޕަރޭޝަންގެ ޚިދުމަތް ދޭނީ ދައުލަތުން ކަމަށް އޭނާ ވިދާޅުވިއެވެ.