އިނގިރޭސިވިލާތުގައި ބޭއްވި ސިނާއީ މުއްސަނދި ހަތް ގައުމުގެ މަހާސިންތާ ނިންމައިލައިފައި ވަނީ ފަގީރު ގައުމުތަކަށް ވެކްސިން ދޭނެ ކަމުގެ ގެރެންޓީއާއި ޗައިނާގެ ހަރުކަށި ސިޔާސަތުތަކަށް ފާޑު ކިޔަމުންނެވެ.

ޖީ7ގެ ގައުމުތަކުގެ މަހާސިންތާގެ އުސްއަލިތައް:

· ޖީ7ގެ ރައީސްގެ ހައިސިއްޔަތުން އިނގިރޭސިވިލާތުން މި ސަމިޓަށް އިންޑިއާއާއި ދެކުނު އެފްރިކާއާއި ދެކުނު ކޮރެއާ އަދި އޮސްޓްރޭލިއާއަށް ދައުވަތު ދިނެވެ.

· އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެމެރިކާގެ ރައީސާއެކު ބައްދަލުވުމަކަށް އެދިވަޑައިގަތުމުން އެމެރިކާއިން އެކަމާ ދެކޮޅުހަދައި ބައްދަލުވުން ބޭއްވީ އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ތިން ބޭފުޅުން އެކުގައި ތިއްބަވައިގެންނެވެ. އެމެރިކާއިން އޮސްޓްރޭލިއާ ދެކެ ނުރުހިފައި ވަނީ އޮސްޓްރޭލިއާއިން ކަރބަން ބޭނުންކުރާ މިންވަރު ދަށް ކުރުމަށް އެމެރިކާއިން އެދުމުން އެކަމަށް އިންކާރު ކުރުމުންނެވެ.

· އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރާއި ކޯވިޑް19އާ ހެދި ބައިނަލްއަގްވާމީ ގުޅުން މަޑުޖެހިފައި އޮތުމަށްފަހު އަނެއްކާވެސް ބާރަށް ކުރިއަށް ދާނެ ކަމުގައި މި ގައުމުތަކުގެ ވެރިން ވިދާޅުވިއެވެ.

· އިނގިރޭސި ބޮޑު ވަޒީރު ވިދާޅުވީ ޖީ7 އިން ދައްކަނީ ޑިމޮކްރެސީއަށާއި އިންސާނީ ހައްގުގެ މުހިންމުކަން ކަމަށާއި ފަގީރު ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޭނުންވާ ފެހި އިގްތިސާދާއި ތިމާވެށީގެ މައްސަލަތަކަށް މި ޖަމާއަތުން މަސައްކަތް ކޮށްދޭނެ ކަމަށެވެ.

· ޗައިނާއިން ދުނިޔޭގެ އިގްތިސާދީ ހަރަކާތުން ބޭރުގައި ހިންގާ ކަންކަން ކުށްވެރިކުރަމުން މި ގައުމުތަކުގެ ވެރިން ވަނީ ފަގީރު ގައުމުތަކަށް އެހީވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

· ފަގީރު ގައުމުތަކަށާއި ދުނިޔެއަށް އެއް ބިލިއަން ޑޮލަރުގެ ވެކްސިން ލިއްބައިދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

· ގައުމުތަކުގައި އިންވެސްޓް ކޮށްފައިވާ ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތަކުގެ އިގްތިސާދީ ހަރަކާތްތަކުން އެންމެ މަދުވެގެން 15 ޕަސެންޓްގެ ޓެކްސްއެއް ނަގައި ދުނިޔޭގެ ގައުމުތަކަށް އިންސާފުވެރި ފުރުސަތެއް ލިބި ދިނުމަށް ވެސް އެއްބަސްވިއެވެ.

· ޗައިނާއިން ޝިންޖިއާންގައި އިންސާނީ ހައްގަށް ޙުރުމަތްތެރިކޮށް ހިތުމަށާއި ޒާތީ މިނިވަންކަމަށް އެއްބަސްވެފައިވާ ހޮންގކޮންގގައި ޗައިނާއިން އިންސާނީ ހައްގަށް އަރައިގަންނަ މައްސަލަ ކުށްވެރިކުރައްވަމުން ޗައިނާއަށް ގޮވައި ލެއްވީ ހަމައާއި އިންސާފުގެ ތެރޭން އަމަލުތައް ބެހެއްޓުމަށެވެ.

ޖީ7ގެ މަހާސިންތާގައި މައިގަނޑު މައުޟޫއަކަށް ޗައިނާ އާ މެދު ބަހުސް ކުރެވި ޗައިނާއަށް ފަޑުކިޔައި ހެދުމުން ޗައިނާއިން ބުނެފައި ވަނީ ކުޑަ ގްރޫޕަކުން ދުނިޔެ ކޮންޓްރޯލް ކުރަމުން ދިޔަ ޒަމާން ނިމިގެން ހިނގައްޖެ ކަމަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވީޑއޯ މެދުވެރިކޮށް ދުރުން ވާހަކަދައްކަވަމުން ވިދާޅުވީ އިންޑިއާއަކީ ޖީ7ގެ ގައުމުތަކުގެ ތޮބީއީ ބައިވެރިޔާ ކަމުގައެވެ. އަދި އިންޑިއާއިން ޒަމާންވީ ޙަޟާރީ ސުލޫކުތައް ދަމަހައްޓާނެ ކަމަށާއި ޚީޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގަށް އިޙުތިރާމް ކުރުން ދަމަހައްޓާނެ ކަމަށެވެ.

ޖީ 7 ގައި ހިމެނެނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ކެނެޑާއާއި ޖަރުމަންވިލާތާއި އިޓަލީވިލާތާއި ފަރަންސޭސިވިލާތާއި ޖަޕާނެވެ.

މި ބައްދަލުވުން ނިމުނު އިރު ނޭޓޯއިން ވަނީ ދާދި އަވަހަށް ނޭޓޯގެ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާފައެވެ. މި ބައްދަލުވުމުގެ އެޖެންޑާގައި ހިމެނެނީ ޗައިނާއަކީ ދުނިޔެއަށް އޮތް ނުރައްކަލެއްކަމަށް ފާސް ކުރުމާ ގުޅޭ ބަހުސެވެ.