ގިނަ އަދަދަކަށް އަނބިން ގެންގުޅެ ގިނަ ދަރިން ހޯދައި ބޮޑު އާއިލާއެއް ގެންގުޅުމުގެ ރެކޯޑް މުގުރާލި އިންޑިއާ މީހާ އުމުރުން 76 އަހަރު ނިޔައުވެއްޖެއެވެ. މިޒޯރާމް ސްޓޭޓްގައި ދިރިއުޅުނު މިމީހާއަކީ، އެއް އަނބަށްވުރެން ގިނަ އަނބިން ގެންގުޅުމަކީ ހުއްދަކަމެއްކަމަށް ބުނާ ނަސާރާ ދީނުގެ މަޒުހަބެއްގެ ފާދިރީއެކެވެ.

މިޒޯރާމްގެ ޗީފް މިނިސްޓަރ ވިދާޅުވިގޮތުގައި މަރުޙޫމްގެ އޮނަސާޅީސް އަނބިންނާއި ސައުރަޔާނަވައި ކުދިން ދުނިޔޭގައި އެބަތިއްބެވެ. ކާފަކުދިންނާއި މާފަކުދިންނާއި ހޫރުކާފަ ހޫރުމާފަ ކުދިންނާއެކު މަރުހޫމުގެ އާއިލާގައި ޖުމުލަ 167 މެމްބަރުން ތިބޭކަމަށް ވެއެވެ. މަރުޙޫމް ފުރަތަމައަށް މީހަކާ އިނީ އުމުރުން 17 އަހަރުގައެވެ. އޭނާގެ ހަތަރު ބުރީގެ ގޭގައި ސަތޭކައެއްހައި ކޮޓަރި ހުންނަކަމަށް ބުނެއެވެ.

2011ގައި މަރުހޫމް ރޮއިޓަޒް އާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އަދިވެސް އާއިލާއަށް މެމްބަރުން އިތުރުކުރުމުގެ ވިސްނުމެއް އޭނާގެ ހުރި ކަމަށެވެ.