ކުރިން އެމެރިކާއާއި ހުޅަނގަށް އޮތީ އަރަބިންގެ އަތުން ތެޔޮ ގަންނާން މަޖުބުރުވެފައެވެ. މިހާރު ތެލާއި ނުލައި އުޅުމަށް ދުނިޔެއިން ދަނީ ފެހި ހަކަތައަށް ބާރުއަޅަމުންނެވެ. އުޅަނދުތައް ތެލާއި ނުލައި ދުއްވާނަމަ އޭގައި ބޭނުން ކުރަން ޖެހެނީ ބެޓެރިއެވެ. ބެޓެރި އަކީ އޭގައި ގިނަ މައުދަންތައް ބޭނުން ކޮށްގެން އުފައްދާ އެއްޗެކެވެ. މި މައުދަންތައް ލިބިގަތުމުގައި އެމެރިކާއާއި ޔޫރަޕުން ޗައިނާއަށް ބަރޯސާވާން ޖެހެއެވެ. އަދި އޮތީ މިކަހަލަ ގޮތަކަށެވެ.

ވައިން ހަކަތަ އުފައްދާ ބިޔަ ފަންކާތަކުގެ މޯޓަރުބަޔާއި ޑްރޯންއާއި ބެޓެރިއާއި މޮބައިލްފޯނާއި ރޭގަނޑު ދުރުބަލަން ބޭނުން ކުރާ ދުރުމީ ފަދަ ހުރިހައި އެއްޗެއްގައި ނާދިރު މައުދަންތައް ބޭނުން ކޮށްފައި ހުރެއެވެ.

އިލެކްޓްރޯނިކް އާލާތްތަކުގައި 17 ބާވަތެއްގެ ނާދިރު މައުދަނުން ހަދާފައި ހުންނަ މާއްދާތައް ހިމެނެއެވެ.

2019 ވަނަ އަހަރު އެމެރިކާއިން އެތެރެ ކުރި ނާދިރު މައުދަންތަކުގެ 80 އިންސައްތަ އެތެރެ ކޮށްފައި ވަނީ ޗައިނާ އިންނެވެ.

ވިލާތު އިއްތިޙާދުން ބުނާ ގޮތުގައި އެމީހުން އެތެރެ ކުރި ނާދިރު މައުދަންތަކުގެ 98 އިންސައްތަ އެތެރެ ކޮށްފައި ވަނީ ޗައިނާއިންނެވެ.

ޗައިނާއިން ނާދިރު މައުދަންތަކުން ފެށިގެނ ގޮސް، ރޯމާއްދާގެ އެތައް ވައްތަރެއް ކޮންޓްރޯލް ކުރެއެވެ. ބޭސް އުފައްދަން ބޭނުންވާ މާއްދާތައްވެސް ކޮންޓްރޯލް ކުރެއެވެ.

މި ސަބަބުތަކާ ހެދި އެމެރިކާ ގެ ރައީސް ވަނީ ޗައިނާ ނޫން އެހެން ގޮތް ހޯދުމަށް އަންގަވައި ރިއާސީ ގަރާރެއް ނެރުއްވާފައެވެ. ކޮންގްރެސްއިން ވަނީ ގާނޫނެއް ފާސްކޮށްފައެވެ.

އެމެރިކާއިން ޖަޕާނާއި އިންޑިއާއާއި ދެން ވެސް ހުރި ޚިޔާލު އެއްގޮތް ގައުމުތަކާ ވާހަކަ ދައްކައިގެން ބާރު އަޅަނީ ދުނިޔޭގެ ސަޕްލައި ޗެއިން ޑިމޮކްރެޓިކް ކޮށް، ޗައިނާއަށް މޮނޮޕޮލީ ނޯންނަ ގޮތަކަށް ކަންކަން ބައްޓަން ކޮށްފައި ބާއްވަށެވެ.

އެމެރިކާ އަކީ ކުރިން ނާދިރު މައުދަންތައް ކޮނެގެން ނެގި ގައުމެކެވެ، ކެލިފޯނިއާ އިން ނާދިރު މައުދަންތައް ނެގުން ހުއްޓާލީ ޗައިނާ ސަރުކާރުން ކުންފުނިތަކަށް ސަބްސިޑީ ދީގެން ޗައިނާގެ މާއްދާތައް ބާޒާރުގައި އަގުހެޔޮ ކުރުމުގެ ސަބަބުން ނެވެ. އަލުން ކެލިފޯނިއާ މައިން އިން ދަނީ މައުދަންތައް ނެގުމުމަށް މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ އިކޮނޮމިކް ކައުންސިލްގެ ނާއިބް ރައީސާ ސަމީރާ ފާޟިލީ ވިދާޅުވިގޮތުގައި ކޮންގްރެސްއިން ފާސްކޮށްފައިވާ ގާނޫނާއެކު އެމެރިކާއިން ރަޙުމަތްތެރި ގައުމުތަކާއި ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރަމުންދާނީ ސަރަހައްދީ ނުފޫޒުގަދަ ވާދަވެރި ގައުމުތަކުގެ މޮނޮޕޮލީން ނާދިރު މައުދަންތަކާއި ރޯ މާއްދާގެ ސަޕްލައި ޗެއިން ސަލާމަތް ކުރުމަށެވެ.