ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދަކަށް ސެބްމެރިން ގެންގުޅޭ ގައުމަށް ވުމުގެ ގޮތުން އިންޑިއާއިން 24 ސެބްމެރިން އުފެއްދުމަށް ނިންމައިފިއެވެ. މީގެ ތެރޭން ހަ ސެބްމެރިން އަކީ ނިއުކްލިއަރ ހަކަތައިން ދުއްވާ، އަދި އޭގެ ޒަރީއާއިން ބެލެސްޓިކް މިސައިން ފޮނުވާލެވޭ ވަރުގެ އުޅަނދު ތަކެކެވެ.

އިންޑިއާގެ އައު ނިއުލިއަރ ސެބްމެރިންގެ ތެރޭން ތިން ސެބްމެރިންގެ މަސައްކަތް ފެށުމަށް އެގައުމުގެ ކެބިނެޓުން ވަނީ ހުއްދަ ދީފައެވެ. މި އުޅަނދުތައް އުފެއްދުމުގައި ޝަރުތުކޮށްފައި ވަނީ މީގައި ހިމެނޭ ތަކެތީގެ 95 އިންސައްތައަކީ އިންޑިއާގައި އަމިއްލައަށް އުފައްދާފައިވާ ތަކެތިކަމުގައި ވާން ވާނެ ކަމަށެވެ.

ނިއުކްލިއަރ ހަކަތައިން ދުއްވާ މި ސެބްމެރިންތައް ބަންނާނީ ވިޝާކަޕަޓްނަމްގެ ޝިޕްޔާޑްގައެވެ.

މި އުޅަނދުތަކުގެ އިތުރުން ދެން ހުރި ސެބްމެރިން ތަކަކީ މިހާރުވެސް އުފައްދާފައި ބޭނުން ކުރަން ފަށާފައިވާ ސެބްމެރިންއަކާއި ޓެސްޓް ކުރުމުގެ މަރުޙަލާގައި އޮތް ސެބްމެރިންއާ އެއްފަދަ އުޅަނދު ތަކެކެވެ. މިއީ މުމްބާއިގެ ޝީޕްޔާޑެއްގައި ބަނދެފައިވާ އުޅަނދުތަކެކެވެ.

އިންޑިއާއިން ބުނެފައި ވާގޮތުގައި މިމަސައްކަތުގެ މަގްސަދަކީ ސަރަހައްދުގައި ކަނޑުގެ ބާރަކަށްވެ، ދުރުން ދުޝްމަނުގެ ހަރަކާތްތަކަށް ފާރަވެރި ވާށެވެ. އިންޑިއާގެ ކޯސްޓްގާޑާއި ކަނޑުގެ ސިފައިން ގެންދަނީ އިންޑިއާގެ ދެ ބިތުން ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންނެވެ.

ބޭ އޮފް ބެންގޯލްއާ ދިމާއިން އޮންނަ ކަނޑުގެ ސަރަހައްދަކީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު ފަހަނައަޅައި މަލަކާ ކަނޑު އޮޅިން ނިކުންނަ އުޅަނދުތައް ގިރާ ކުރަން އޮންނަ މަގެވެ. އިންޑިއާ ކަނޑަކީ އަރަބި ކަނޑާއި އެފްރިކާގެ ސަރަހައާ ދެމެދު ފާރަވެރިވާން އޮންނަ ސަރަހައްދެވެ.