ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އަންނަ ހަފްތާއަށް ފަސްކޮށްފި އެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ، ނ. ވެލިދޫ، އެލްޕާސޯ، މުހައްމަދު ހަލީމެވެ. މި މައްސަލަ އޭނާ ކޯޓަށް ހުށައަޅާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ބަލައިގަތީ 22 ވަނަ ދުވަހު އެވެ.

ހަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ޔައުގޫބް، އެ މަގާމާ ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އާ ޚިލާފަށް ކަމަށެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ. އެ މާއްދާގެ ނ. ގައި މެމްބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ދަރަނި ނުދެއްކުމާއި އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައުމާއި ފަނޑިޔާރަކަށް ވުން ހިމެނެ އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، ވަކި ގޮތެއް ނިންމާނީ އެންމެ މަތީ ކޯޓުންނެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުންނަވައިގެން މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދައެއް ނުކުރެވޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދައެއް ނުކުރެވޭނެ އެވެ.

މިކަމާ ގުޅިގެން ޔައުގޫބު ވިދާޅުވެފައި ވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުންނެވެ. ޔައުޤޫބްވަނީ މިހާރު އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.