ސްޕެއިންގެ ފެޝަން ޑިޒައިންތަކަށް ހެދުން އުފައްދާ ކުންފުނި ޒާރާގެ ފިހާރައެއް މާލޭގައި ހުޅުވާފައި ހުރެއެވެ. ޒާރާގެ ފެޝަން ފަރުމާ ކުރުމުގައި އިސްކޮށް އުޅޭ ވެނީސާ ޕެރިލްމަން ވަނީ މުސްލިމުންނަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށްފައެވެ. އެކުންފުނީގައި އުޅޭ ފަލަސްތީނުގެ މޮޑެލްއަކަށް މަލާމާތް ކޮށްފައެވެ.

"ކަލޭމެން ކިޔަވައިގެން ތިބި ނަމަ، އިޒްރޭލުން ޣައްޒާގައި އަޅާދީފައިވާ ހަސްފަތާލުތަކާއި އިސްކޫލުތައް ގޮއްވާލައެއް ނަހަދާނެ" ޕެރިލްމަން ފަލަސްތީނުގެ މޮޑެލް ޤާހިރު ހަރްހާޝްއަށް ލިޔުނެވެ. ހަރްހާޝްއަކީ އިރުމަތީ ގުދުސްގެ ރަށްވެއްސެކެވެ.

"ކަލޭ މޮޑެލް ކުރާތީ އަހަރެން ކައިރިއަށް އަންނަނީ ހިނި. ހަގީގަތުގައި މޮޑެލް ކުރުމަކީ ކަލޭމެންގެ އިސްލާމް ދީނާ ދެކޮޅު ކަމެއް. ގިނަ މުސްލިމު ގައުމުތަކުގައި ކަލޭ ތިގޮތަށް މޮޑެލް ކޮށް ހަދާނަމަ އޮށްގަލުން ތަޅައި ރަޖަމް ކޮށްލާނެ." އޭނާ އަދިވެސް އިތުރަށް ލިޔުނެވެ.

މި ކަނބުލޭގެ ލިޔުނު މި ނުކިއްސަރު ވާހަކަތަކަށް އެތައް ހާސް މީހުން ދެކޮޅުވެރި މެސެޖްތައް ލިޔުނެވެ. މީސްމީޑިއާއަށް މި މެސެޖްތައް ލުމުންވެސް ޒާރާއިން މި ކަނބުލޭގެއާ ދެކޮޅަށް ފިޔަވަޅު އަޅައިފައެއް ނުވެއެވެ. ނަމަވެސް ޒާރާއިން ބުނެފައި ވަނީ ހަރްހާޝް ވަނީ ޕެރިލްމަން މައާފަށް އެދުމުން އެކަން ގަބޫލުކޮށްފައެވެ.

މައްސަލަ ފިނިކުރުމުގެ ގޮތުން ޒާރާއިން އެދުނީ ހަރްހާޝް، ޕެރިލްމަން މައާފަށް އެދުނުކަން މީސްމީޑިއާއަށް ލައިދިނުމަށެވެ.

ހަރްހާޝް މީޑިއާއަށް ފާއްދާލި ބައެއް ވާހަކަތަކުން އެނގުނީ ފުއްޕައިގެން އުޅުނު ޕެރިލްމަންގެ ވަޒީފާ ގެއްލިދާނެދީ އޭނާ ހަރްހާޝްއަށް އާދޭސް ކުރި ކަމެވެ.