މެލޭޝިޔާގެ ފަރުތަކުގައި ދިރިއުޅޭ ވައިޓްޓިޕް މިޔަރުތަކުގެ މެދުގައި ގޮތްނޭނގޭ ހަމުގެ ބައްޔެއް ފެތުރެމުންދާތީ، މެރިން ބަޔޮލޮޖިސްޓުން އެކަން ތަހްގީގުކުރަން ތައްޔާރުވާން ފަށައިފިއެވެ.

މެރިން ބަޔޮލޮޖިސްޓުން މިހާތަނަށް ހޯދި ހޯދުންތަކުން، މިއީ، ކަނޑުގެ ހޫނުމިން މަތިވަމުން އަންނަ އައުމާ ގުޅުންހުރި ކަމެއް ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.

އޭގެ ފިންސްތަކުގެ ކޮޅުގައި ހުދުކުލަ ހުންނަނާތީ ވައިޓްޓިޕްގެ ނަމުން ނަންދީފައިވާ މިޔަރު އާއިލާގެ މި ބާވަތަކީ ދުވާލުގެ ވަގުތުތަކުގައި ފަރުތައް ކައިރީގައި އަޑީގައި ބަނޑުޖައްސައިގެން އަރާމުކުރަންތިބޭ ބާވަތެކެވެ.

އެބާވަތުގެ މިޔަރުތައް ތިބޭ ތަންތަނަކީ ކަނޑުގެ އަޑިއަށް ފީނާ ޑައިވަރުންގެ މެދުގައި ވަރަށް މަގްބޫލް ތަންތަނެވެ. ގިނަބަޔަކު މިޔަރުތައް ބަލާލަން ގޮސްއުޅޭ ތަންތަނެވެ.

ވައިޓްޓިޕް މިޔަރުތައް އޭގެ ކާނާ ހޯދުމަށް ނުވަތަ ކުދި މަސްތައް ޝިކާރަކުރަން އާންމުގޮތެއްގައި ނުކުމެ މަސައްކަތް ފަށައިގަންނަނީ ރޭގަނޑުވުމުންނެވެ.

އޭގެ މިޔަރެއްގެ ބޮލާދިމާ މަތިން ހަންގަނޑު ވަރަށް ބޮޑަށް ހަލާކުވެ ބައެއް ދިމަދިމާއިން ހުދުކުލައިގެ ތިކިތަނެއް ފެންނަ ފޮޓޯތަކެއް މެލޭޝިޔާގައި ވައިރަލްވެފައި ވެއެވެ. އެ ފޮޓޯއަކީ، ބޯނިއޯ އައިލެންޑްގެ ސަބާހް ސްޓޭޓް ކައިރިން، ކަނޑުގެ އަޑީގެ މަންޒަރުތައް ފޮޓޯނަގާ ފޮޓޮގްރާފަރަކު އޭޕްރީލްމަހު ނަގާފައިވާ ފޮޓޯތަކެކެވެ.

ނަމަވެސް، އޭގެފަހުން، ސަބާހް ސްޓޭޓް ކައިރީގައި އޮންނަ ފީނުމަށް މަޝްހޫރު ސިޕަޑާން އައިލެންޑްގެ ޔުނިވަރސިޓީއަކާއި، ސަރުކާރާއި އަދި ކޮންޒަވޭޝަން ގްރޫޕްތަކުގެ އެކްސްޕާޓް ގްރޫޕަކުން ޑައިވްކުރުމުގެ ތެރޭގައި، ހަމުގެ މައްސަލަ ދިމާވެފައިވާ އެތައް މިޔަރެއް ފެނިގެން ރިކޯޑްކޮށްފައި ވެއެވެ.

އަދި މިމައްސަލަ ދިމާވަނީ ކީއްވެގެންކަން ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އެގޮތުން، އެކްސްޕާޓުންގެ ޓީމުން ކުރި މަސައްކަތުން އެނގުނު އެއްކަމަކީ، ސިޕަޑާން އައިލެންޑް ކައިރިން ކަނޑުގެ ލޮނުގަނޑުގެ މަތީ ފަށަލައިގެ ހޫނުމިން މިދިޔަ މެއިމަހު 29.5 ޑިގްރީ ސެލްސިއެސްއަށް މަތިވެފައިވާ ކަމެވެ. މިއީ، 1985 ވަނަ އަހަރާ އަޅާބަލާއިރު އެއްޑިގްރީ މަތި މިންވަރެއް ކަމަށް ވެއެވެ.

މެރިން ބަޔޮލޮޖިސްޓުން ގަބޫލުކުރަނީ، މިޔަރުތަކަށް ހަމުގެ މައްސަލަތައް ދިމާވުމާއި، މިކަމާ ގުޅުން އޮވެދާނޭ ކަމަށެވެ.

ފަރުތަކުގެ ދިރުންތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އަމިއްލަ ގްރޫޕެއް ކަމަށްވާ "ރީފް ގާޑިއަން" ގެ ސީނިއަރ މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ ޑާވީސް އޮސްޓިން ސްޕިޖީ ވިދާޅުވީ، މިޔަރުތަކަށް ހަމުގެ މައްސަލަތައް ދިމާވެގެން އުޅެނީ އިންސާނުންގެ ސަބަބުން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ސްޕިޑާން އައިލެންޑްގެ ފަރުތަކަކީ ހިމާޔަތްކޮށްފައިވާ ފަރުތަކަށްވެފައި އަދި އެއީ މަސްވެރިކަންވެސް ކުރުން މަނާކޮށްފައި އޮންނަ ސަރަހައްދުތަކަށް ވާތީ ކަމަށެވެ.

ހަމުގެ މައްސަލަ ދިމާވެފައިވާ މިޔަރުތައް ފެނުނު ސަރަހައްދުތަކަކީ އެހިސާބުތަކުގައި މީހުންވެސް ދިރިނޫޅޭ އަދި ސިނާއީ މަސައްކަތެއްވެސް ކުރާ ހިސާބެއް ނޫންކަމަށް ޑާވީސް އޮސްޓިން ސްޕިޖީ ވިދާޅުވިއެވެ.

އެހެން ނަމަވެސް، ސްޕިޑާން އައިލެންޑްގެ ބައެއް ފަރުތަކަށް، މުރަކަ ހުދުވުން ނުވަތަ ކޮރަލް ބްލީޗިންގެ މައްސަލަ ދިމާވެގެން އެކަން ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އެހެންވެ، މެލޭޝިޔާގެ ކަމާބެހޭ ޓީމުތަކުން މިހާރުދަނީ މިކަމުގެ ފުރިހަމަ ސައިންޓިފިކް ދިރާސާއެއް ހެދުމަށް ތައްޔާރުވަމުންނެވެ.