ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމަށް "ގެދޮރުވެރިޔާ ލޯން" ގެ ނަމުގައި ސްކީމެއް ތައާރަފުކޮށްފިއެވެ.
ސަރުކާރުން ބުނީ މި ލޯނު ދޫކުރެވޭނީ އަމިއްލަ ގޯތީގައި ގެއެއް އަލަށް އިމާރާތް ކުރުމަށް، ނުނިމި ހުރި މަސައްކަތް ކުރުމަށް އަދި އިމާރާތް މަރާމާތު ކުރުމަށާއި، މިހާރު ހަދާފައި ހުރި އިމާރާތަކަށް ބައެއް އިތުރުކުރުމަށް ކަމަށެވެ.
ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 700،000 ރުފިޔާ އެވެ. ލޯނުގެ އިންސްޓްރެޓް ރޭޓަކީ ހަ ޕަސެންޓެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެއެވެ. މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހުގެ މުއްދަތެއް ލިބޭނެއެވެ. ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓެއް ނުނަގާނެއެވެ.
މީގެއިތުރުން ލޯނު ނަގަނީ އަލަށް ގެއެއް އިމާރާތް ކުރުމަށް ކަމަށްވާނަމަ، ލޯނަށް އެދޭ ފަރާތުން ޕްރޮޖެކްޓުގެ މުޅި ޖުމްލައިގެ 20 އިންސައްތަ ޕްރޮޖެކްޓަށް ލާންޖެހެއެވެ. ނަމަވެސް މި ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް އެކައުންޓެއްގައި ހުރުން ލާޒިމެއް ނޫނެވެ.
އެގޮތުން ޕްރޮޖެކްޓަށް ކުރެވިފައިވާ ހަރަދާއި، ގަނެފައިވާ ތަކެތި، ގޯތީގައި ބޭނުންކުރާ އިމާރާތެއްވާ ނަމަ އެ އިމާރާތެއް އަދި ގޯތީގައި އިމާރާތެއް ނެތްނަމަ އިމާރާތެއް ގަސްދުކުރާ ބިން އެ 20 އިންސައްތައިގެ ތެރޭގައި އަގު ކުރެވިދާނެ އެވެ. ލޯނުގެ މޯގޭޖުގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އިމާރާތް ކުރެވޭ ތަނެވެ.
މި ސްކީމްގެ ދަށުން ލޯނު ޕޭމަންޓްތައް ދޫކުރާނީ ހުށަހެޅޭ ކޮންސްޓްރަކްޝަން ޕްލޭނާއި އެއްގޮތަށް ބަހާލައިގެންނެވެ. ލޯނުގެ ގޮތުގައި 700،000 ރުފިޔާ 15 އަހަރުގެ މުއްދަތަށް ބަހާލައިގެން ނަގައިފިނަމަ މަހަކު ދައްކަންޖެހޭނީ 5907 ރުފިޔާއެވެ. 16 އަހަރަށްނަމަ މަހަކު ދައްކަންޖެހޭނީ 5680 ރުފިޔާ، 17 އަހަރަށްނަމަ މަހަކު ދައްކަންޖެހޭނީ 5485 ރުފިޔާ އަދި 18 އަހަރަށްނަމަ 5307 ރުފިޔާއެވެ. އަދި 19 އަހަރުން ދައްކާނަމަ މަހަކު ދައްކަންޖެހޭނީ 5153 ރުފިޔާ ކަމަށްވާއިރު 20 އަހަރަށްނަމަ މަހަކު ދައްކަންޖެހޭ އަދަދު އުޅެނީ 5015 ރުފިޔާގައެވެ.
މި ލޯނަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ލޯނަށް އެދޭ ފަރާތުގެ ނަމުގައި އެހެން ބިމެއް ރަޖިސްޓްރީ ވެފައި ނެތުމާއި ބިން ރަޖިސްޓްރީ ވެފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި، ރަށްވެހި ވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އެ މީހެއްގެ އާއިލާ ދިރިއުޅޭތާ މަދުވެގެން ތިން އަހަރުވެފައިވާ މީހުންނަށެވެ.
މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީއެފްސީންނެވެ.