ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ.

ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އަށް، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ރައީސް މިއަދު ޢައްޔަންކުރައްވާފައި ވަނީ ޑރ.ޢަބްދުލްޙަންނާން ވަޙީދެވެ.

ޑރ.ޙަންނާން މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާއި އެއް ފެންވަރުގައެވެ. އަދި މި ޤާނޫނުގެ ދަށުން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުފުރުއްވަމުން ގެންދެވީ ޑޮކްޓަރ ޢަބުދުލްޙަންނާނެވެ.

މީގެ އިތުރުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް)ގެ ސީ.އީ.އޯގެ މަޤާމާއި އަދި ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ޑޮކްޓަރ ޢަބުދުލްޙަންނާން ފުރުއްވާފައިވެއެވެ. ޑރ. ޢަބުދުލްޙަންނާން ޕީއެޗްޑީ ޙާޞިލުކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.

މީގެ އިތުރުން ރައީސް މިއަދު ވަނީ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީގެ އެޑްވައިޒަރީ ބޯޑް" މިއަދު އުފައްދަވައި އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވާފައެވެ. އެ ބޯޑަށް އައްޔަންކުރެއްވި މެމްބަރުން:

1. ޑޮކްޓަރ ޢަބްދުލްޙަންނާނު ވަޙީދު، ދަފްތަރު. ނަންބަރު ރސ 2968(ޗީފް އެގްޒެކެޓިވް އޮފިސަރ) (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ)

2. ޚަދީޖާ އާދަމް، ގ.އަލަފަރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިޔުކޭޝަން(މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 މެންބަރު)

3. ޑޮކްޓަރ އަޙްމަދު ޢަލީމަނިކު، މއ.މާނިކަ (މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)

4. ޑޮކްޓަރ ޢާއިޝަތު ރީޝާ، މ.ސްނޯޑައުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ(މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)

5. ޑޮކްޓަރ މުޙައްމަދު ޝަރީފް، މ.ޏަމްޏަމްގެ ވައިސް ޗާންސެލަރ / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ(ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން ޢައްޔަންކުރާ 1 މެންބަރު)

6. އާދަމް ޙަލީމް، ދަފްތަރު. ނަންބަރު ރސ 2064 ޑިރެކްޓަރ އޮފް ޕްރޮގްރާމް / މޯލްޑިވްސް އިންސްޓިޓޫޓް އޮފް ޓެކްނޯލޮޖީ (ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން ޢައްޔަންކުރާ 1 މެންބަރު)

7. މޫސާ މުޙައްމަދުމަނިކު، ސޯސަންގެ/ރ.ފައިނު ޑިރެކްޓަރ / ވިލާ ކޮލެޖް(ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން ޢައްޔަންކުރާ 1 މެންބަރު)