ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްގެ ރައީސާއަށް، ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް މިއަދު ހަމަޖައްސަވައިފި އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވުނު ހަފްލާގައި އެކަމަނާއާއި ރައީސާކަން ހަވަލާކޮށްދެއްވީ އެ ޖަމްއިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ މިސް. ލިންޑާ ސްކޮޓްއެވެ. ޑރ. ފަރަހަނާޒް ފައިޒަލްގެ ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނާއިބުއަކަށް ހުންނަވާނީ އިނގިރޭސިވިލާތަށް ޖޯޖިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހރ އެކްސަލަންސީ މިސް. ސޮފީ ކަޓްސަރަވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ޑރ. ފަރަހަނާޒް މަޤާމުގެ މަސްއޫލިއްޔަތު ނަންގަވާނީ މި އަހަރުގެ ޖުލައި މަހުއެވެ.
ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްއަކީ އިނގިރޭސިވިލާތުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލައިގެން މީގެ އެތަށް އަހަރެއްކުރިން އުފައްދާފައިވާ ނެޓްވަރކްއެކެވެ. އެތަކެއް އަހަރެއްވަންދެން މި ނެޓްވަރކްގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމަށްފަހު، އެމްބަސީ މެގަޒިންއާއި ގުޅިގެން މި ނެތްވަރކްގެ މަސައްކަތް އަލުންވަނީ މިދިޔަ އަހަރު އޭޕްރިލް މަހުފަށާގަނެފައެވެ.
މި ޖަމްއިއްޔާގެ މައިގަނޑު މަޤްސަދަކީ އަންހެނުން ބާރުވެރިކުރުވާ، މަސައްކަތުގެ މާހައުލުގައި އަދި ދރިއުޅުމުގައި އަންހެން ޑިޕްލޮމެޓްސްއަށް ދިމާވާކަންތައްތައް ދެންތިއްބަވާ ބޭފުޅުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ ބޭފުޅުން އެކުގައި ވާހަކަ ދައްކާ ހައްލުހޯދުމަށް މަސައްކަތްކުރުމެވެ. އަދި މި ޖަމްއިއްޔާއިން އިސްނަގައިގެން އެހެން އެމްބަސީ އަދި ހައިކޮމިޝަންތަކުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ޓްރެއިނިންގެ ޕްރޮގްރާމާއި ވަރކްޝޮޕްތައްވެސް ހިންގައެވެ. އަދި އިނގިރޭސިވިލާތަށް އަލަށް ވަޑައިގަންނަވާ ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މެންޓަރޝިޕް ޕްރޮގްރާމްތައްވެސް މި ނެޓްވަރކުން އިސްނަގައިގެން ކުރިއަށް ގެންދެއެވެ.
މި ޖަމްއިއްޔާގެ ރައީސާއަކީ ކޮންމެ ހަ މަހަކުން ބަދަލުވާ މަޤާމެކެވެ. މި ނެޓްވަރކްގެ މަސައްކަތް އަލުން ފަށައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސަކު އައްޔަންކުރެވުނީ މިދިޔަ އަހަރު އޭޕްރިލްމަހުގެ އެވެ. މި ނެޓްވަރކްގެ ފުރަތަމަ ރައީސާއަކީ އިނގިރޭސިވިލާތުގައި ހުންނަ ސައުތު އެފްރިކާ ހައިކޮމިޝަންގެ ސަފީރެވެ.
ޑރ ފަރަހަނާޒް ފައިޒަލްގެ ރައީސާކަމުގެ ތީމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދިމާވާ ކަންތައްތަކަށް އަލިއަޅުވާލާ މަސައްކަތްކުރުމެވެ. މީ މި ނެޓްވަރކްގެ ރައީސާކަން ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.
ހައިކޮމިޝަނަރ ޑރ ފަރަހަނާޒް ފައިޒަލްއަކީ ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔަރލަންޑް އަދި ސްޕެއިންއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރެވެ.