ޗައިނާއާ ވާދަކުރުމަށް އެމެރިކާއިން އެކުލަވައިލާ ބިލް ވަނީ ކޮންގްރެސްގެ މަތި ގެ، ސެނެޓުން ފާސްކޮށްފައެވެ. ކޮންގްރެސްގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކޮށް އެމެރިކާގެ ރައީސް މި ބިލް ތަސްދީގް ކުރެއްވުމުން މި ބިލް ގާނޫނަކަށް ވެގެންދާއެވެ.

މި ބިލަށް ދީފައިވާ ރަސްމީ ނަމަކީ، ޔޫއެސް އިނޮވޭޝަން އެންޑް ކޮމްޕެޓިޝަން އެކްޓް އެވެ. ސެނެޓްގައި މިބިލް ތައާރަފްކޮށްފައިވަނީ ދި އެންޑްލެސް ފްރޮންޓިއަޒް އެކްޓްގެ ނަމުންނެވެ.

މި ބިލްގެ މަގްސަދަކީ އެމެރިކާގެ ޓެކްނޮލޮޖީ ރިސާޗާއި އުފެއްދުންތެރިކަން އިތުރުކޮށް ދުނިޔޭގެ އެންމނެ ކުރިއަރާފައިވާ ސައިންޓިފިކް ގައުމަށް އެމެރިކާ ހެދުމެވެ. އެމެރިކާގެ މިފިޔަވަޅުތައް އައިސްފައި ވަނީ ބައިނަލްއަގްވާމީ މައިދާނުގައި އެމެރިކާއާއި ޗައިނާގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ އިރެއްގައެވެ. ޗައިނާއިން ބުނާ ގޮތުން އެމެރިކާއިން ޗައިނާގެ ނުރައްކާ ބޮޑކަމަށް ބުނެ ކަން ބޮޑު ކުރަނީއެވެ.

މި ބިލަށް ސެނޓްގެ 100 މެމްބަރުންގެ ތެރޭން 68 މެމްބަރުންގެ ވޯޓް ލިބުނެވެ.

މި ބިލްގައި ޓެކްނޮލޮޖީ ރިސާޗަށާއި ސެމީކޮންޑަކްޓަރ އުފެއްދުމަށާއި ރޮބޮޓް އުފައްދާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށާއި ކޮމްޕިއުޓަރ ޗިޕް އުފެއްދުމަށް، 250 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައި ވެއެވެ.

އެމެރިކާގެ ތާރީޚްގައި މިހާތަނަށް ފާސްކޮށްފައިވާ ސިނާއަތާއި އުފެއްދުންތެރިކަމަ ބެހޭ އެންމެ ބޮޑު މުހިންމު ބިލް ކަމަށް މިބިލް ވެގެން ދާނެއެވެ.

ސައިންޓިފިކް ރިސާޗަށް ބާރުއަޅާފައިވާ މިބިލުން އެމެރިކާގެ އުފެއްދުންތައް އިތުރުކޮށް ސިނާއީ އެކިއެކި ރޮނގުރޮނގުން އެމެރިކާ އިތުރަށް ވާދަވެރިކޮށް ދޭނެއެވެ.

އެމެރިކާގެ ސައިންޓިފިކް ރިސާޗާ ބެހޭ މައި އިދާރާ އަކީ، ނޭޝަނަލް ސައިންސް ފައުންޑޭޝަންއެވެ. މިބިލްގައި ސައިންޓިފިކް ރިސާޗާ ބެހޭ އަދަދުތައް ކަނޑައެޅިގެން ދާނީ މި އިދަރާއަށެވެ. 1950 ގައި އުފައްދާފައިވާ މި އިދާރާއަކީ، ކޮންގްރެސްއިން އަހަރަކު 8 ބިލިއަން ޑޮލަރުގެ ބަޖެޓެއް ދީފައި އޮންނަ އިދާރާއެކެވެ. ސައިންޓިފިކް އުފެއްދުމުގައި އެމެރިކާ މަތިފަޑީގައި ބޭއްވުމުގެ ޒިންމާ އޮންނަނީ މިއިދާރާއަށެވެ.

މީގެ އިތުރުން އެމެރިކާގައި ސްޓެމް އެޑިއުކޭޝަނަށް ހޭދަ ކުރުމަށްވެސް މިބިލްގައި ފައިސާ ކަނޑައެޅިފައި ވާނެއެވެ. ސްޓެމް އެޑިއުކޭޝަނަކީ، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސްގެ ދާއިރާއިން މީހުން ބިނާކުރުމަށް އުގަންނައި ދިނުމެވެ.

މީހުން ބިނާ ކުރުމަށް STEM އެޑިއުކޭޝަނަށް ސަމާލުކަން ނުދޭންވީ ކީއްވެ؟

ކޮމްޕިއުޓަރ ޗިޕް އުފެއްދުމުގެ ދާއިރާއަށްވެސް މިބިލްގައި އިސްކަން ދީފައި ވެއެވެ. މިއީ ދުނިޔޭގެ އިގްތިސާދުގައި އަންނާން ހުރި ސާމާނާއި އާލާތްތަކަށް ބޭނުންވާ މުހިންމު ވަސީލަތެކެވެ. ދުނިޔޭގައި މި ވަގުތު ކޮމްޕިއުޓަރ ޗިޕް ލިބުމުގައި ދަތިތަކެއް ދިމާވެފައި ވެއެވެ. މި ދާއިރާގެ ފަރާތްތަކުގެ ލަފައަކީ ކުރިއަށް އޮތް ދެއަހަރަށް މިތަދުމަޑުކަން ދެމިގެންދާނެ ކަމަށެވެ.

ކޮމްޕިއުޓަރ ޗިޕް އުފެއްދުމުގައި ދުނިޔޭގައި އެންމެ އިސްކޮށް އުޅެނީ ޓައިވާނެވެ. ކޮވިޑް19އާ ގުޅިގެން ކޮމްޕއުޓަރ ޗިޕްއަށް ބޭނުންވާ މިންވަރު އިތުރު ވެގެން ދިޔައެވެ. ނަމަވެސް ބޭނުމާ އެއްވަރަކަށް ޓައިވާނަށް ޗިޕް ނުއުފެއްދިގެން އެމެރިކާއާއި ޖަރުމަންވިލާތުން ޓައިވާނަށް އެހީވެދޭން ޖެހުނެވެ.

ދުނިޔޭގެ ކޮމްޕިއުޓަރ ޗިޕްގެ 60 އިންސައްތަ އުފައްދަނީ ޓައިވާންގައެވެ.

މިއީ 58 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މާކެޓެކެވެ.

ޗިޕް އުފެއްދުމުގައި ޗައިނާގެ ހިއްސާއަކީ އެންމެ 6 އިންސައްތައެވެ. މިއީ ޗައިނާއިން ކުރަން އުޅެގެން ކާމިޔާބު ވެފައި ނުވާ ދާއިރާއެކެވެ.

ޓައިވާން ސެމީކޮންޑަކްޓަރ މެނުފެކްޗަރިން ކޮމްޕެނީ ފިޔަވައި ދެވަނަ އަށް ދުނިޔޭގައި މި ރޮނގުން ނަގައި ކިޔައި އުޅެނީ ދެކުނު ކޮރެއާގެ ސެމްސުންގ އިންނެވެ.

ޚާއްސަ ގޮތަކަށް ޗައިނާއަށް އަމާޒުކޮށް، މިބިލްގައި މާއްދާތަކެއްވެސް ހިމަނައިފައި ވެއެވެ. އޭގެ ތެރޭގައި އެމެރިކާ ސަރުކާރުގެ އެއްޗެއް ވަސީލަތެއްގައި ޗައިނާގެ މީސްމީޑިއާ، ޓިކްޓޮކް އެޕް ބޭނުން ކުރުން މަނާވާނެއެވެ. ޗައިނާއިން އުފައްދާފައިވާ ޑްރޯންތައް ގަތުން މަނާވާނެއެވެ. އެމެރިކަގެ މަޢްލޫމާތު ޖާސޫސްކުރާ ޗައިނާ ކުންފުނިތަކާއި، މައުލޫމާތުގެ ރަސްމަގުގައި އެމެރިކާއަށް ހަމަލަ ދޭ ޗައިނާ ކުންފުނިތައް ބްލޮކް ބްލޮކް ކުރަން ޖެހޭނެއެވެ.

ސެނެޓުން މިބިލް ފާސްކުރުމުގެ ކުރިން އެމެރިކާ ރައީސްވެސް ވަނީ މިކަމާ ބެހޭ ރިއާސީ ގަރާރެއްވެސް ނެރުއްވާފައެވެ. ރައީސް ބައިޑެން ވަނީ ސެނެޓްގެ ބިލަށް ތައުރީފް ކުރައްވާފައެވެ.