ޗައިނާގެ ދެކުނުގައި ނިއުކްލިއަރ ޕްލާންޓަކުން ލީކެއް އުޅޭކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓް ކުރެއެވެ. ޗައިނާއިން މިކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ޗައިނާގެ ގުއާންޑޯންގގައި ރޭޑިއޭޝަން ލީކެއް އުޅޭކަމަށް އެމެރިކާއަށް މަޢްލޫމާތު ދީފައި ވަނީ ކަމާ ގުޅުން ހުރި ނިއުކްލިއަރ ޕްލާންޓްގެ މަސައްކަތުގައި އުޅޭ ފަރަންސޭސި ކުންފުނިންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން މި ކަމާ ބެހޭ ސާފު މަޢްލޫމާތު ހާމަކުރާކަށް އަދި ބޭނުމެއް ނުވެއެވެ. އެކަމަކު މިދިޔަ ހަފްތާގައި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ އެތައް ފަހަރެއްގެ މަތިން މިމައްސަލާގައި ބަހުސްކުރުމަށް ބައްދަލުވުންތައް ބާއްވާފައެވެ.
އެމެރިކާއިން ވަނީ ފަރަންސޭސިވިލާތާއެކުވެސް މި މައްސަލާގައި މަޝްވަރާތައް ބާއްވާފައެވެ.
ފަރަންސޭސި ކުންފުނިން ބުނާ ގޮތުގައި ޗައިނާއިން ވަނީ އިންސާނުންނަށް ނުރައްކާ ކަމަށް ބަލާ ރޭޑިއޭޝަންގެ ގައުމީ މިންގަނޑު މިކަމާ ގުޅިގެން މަތިކޮށްފައެވެ.
އެމެރިކާއިން ބުނަމުން ދަނީ ނިއުކްލިއަރއާ ގުޅޭ ގޮތުން ދެފަރާތުން އެއްބަސްވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތައް ބުނާ ގޮތުން ރައްޔިތުންނަށް އަސަރު ކުރާ ގޮތަކަށް ނިއުކްލިއަރ ރޭޑިއޭޝަން ބޭރުވެއްޖެނަމަ އެކަން ރިޕޯޓް ކުރަން ޖެހޭ ކަމަށެވެ.
ގުއާންގޑޯންގެ ޓައިޝާންގ ނިއުކްލިއަރ ޕަވަރޕްލާންޓަކީ ފަރަންސޭސި ކުންފުންޏަކުން ހިންގާ ޕްލާންޓެކެވެ. މިއީ ޗައިނާގެ ވިޔަފާރީގެ އެންމެ ކަންތައްތައް ބޮޑު ގޮންޖޯއާއި ޝެންޒެންއާއި ހޮންގކޮންގއާ ކައިރި ސަރަހައްދެވެ.