އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދާފަހުން އަފްޣާނިސްތާންގައި ސުލްހައިގެ މަސައްކަތް ނާކާމިޔާބު ވެއްޖެނަމަ އެކަމަށް އެއްވެސް ފަރާތަކުން ޕާކިސްތާން ބަދުނާމު ކޮށްގެން ނުވާނެ ކަމަށް ޕާކިސްތާންގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ޤުރެއިޝީ ވިދާޅުވެއްޖެއެވެ. އޭނާ ވާހަކަ ދައްކަވަމުން ގެންދެވީ ޕާކިސްތާން އަފްޣާނިސްތާން ބައިލޭޓަރަލް ޑައިލޮގްއަށް ފަހު މީޑިއާއާ ބައްދަލުކުރައްވައެވެ.

ޤުރެއިޝީ ވިދާޅުވީ އަފްޣާނިސްތާނަށް ބޭނުންވަނީ ސުލްޙައިގެ ވާހަކަ ދެއްކޭ ވަރުގެ ސަރުކާރެއް ކަމަށެވެ. އަދި އަފްޣާނިސްތާންގައި ތާލިބާނާ ޕާކިސްތާނާ ދެމެދު ގުޅުން ބަދަހިކަމަށް ވާހަކަ ދެކެވމުން އޭނާ ވިދާޅުވީ އަފްޣާނިސްތާންގައި ވަކި ޕާކިސްތާނަށް ޚާއްސަ އެއް ބަޔެއް ނޫޅޭ ކަމަށެވެ. ހުރިހައި ފަރާތެއްވެސް ޕާކިސްތާނަށް ހަމަހަމަ ކަމަށެވެ.

އެމެރިކާއާއި ނޭޓޯއިން ދަނީ އަފްޣާނިސްތާނުން ސިފައިން ބާލަމުންނެވެ. ސެޕްޓެމްބަރު 11 އާ ހައަށް ބޭރު ސިފައިން ބޭލުމަށް ނިންމާފައިވާ އިރު ޕާކިސްތާންގެ މިވާހަކަތައް މި ދަނޑިވަޅުގައި މިގޮތަށް އައުމަކީ އިންޒާރުގެ ރަނގަބީލެކެވެ.

އަފްޣާނިސްތާންގައި ތާލިބާނުން ދެމުންދާ ހަމަލަތައް ވަނީ އިތުރު ވެފައެވެ.

ޤުރެއިޝީ ވިދާޅުވީ އަފްޣާނިސްތާންގައި ދިމާވާ ކަންތައްތަކަށް ޕާކިސްތާނު ބަދުނާމު ކުރުމަކީ އަފްޣާނިސްތާންގެ މަސްލަހަތަށް އެންމެ ރަގަޅު ގޮތެއް ނޫނެވެ.

އޭނާ ވަނީ އަފްޣާނިސްތާންގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޕާކިސްތާންގެ އަގު ވައްޓާލުމަށް ދެއްކެވި ވާހަކައާ މެދުވެސް ނުތަނަވަސްކަން ފާޅު ކުރައްވާފައެވެ.