އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން މަސައްކަތް ފެށީ މެދުއިރުމަތިން އެމެރިކާ އަތް ދޮވެލައި ސަލާމަތް ވެގަންނާށެވެ. އެއަށްފަހު ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ މިމަސައްކަތް ކުރިން ގެންދިޔަ ވަރަށް ވުރެން ހަލުއި ކޮށްފައެވެ. އެމެރިކާއިން މެދުމަތީގައި ހުސްކުރި ޖާގަ ފުރުމަށް ޗައިނާއިން މަސައްކަތް ފެށިތާ ދުވަސްތަކެއް ވެއްޖެއެވެ. މިހާރު އެމެރިކާއަށް ކުރެވުނު ކަންތައްތަކުގެ ނަތީޖާ އިޙުސާސް ކުރެވިއްޖެއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކާއެކު މެދުއިރުމަތީގެ ގައުމުތަކުގައި ޗައިނާ ވަނީ ރަނގަޅަށް ފައިތިލަ ސާބިތުކޮށްފައެވެ. އެމެރިކާގެ ބައިވެރިޔާ ސައޫދީ އަރަބިއްޔާގައި ޗައިނާ މެންޑެރިން ބަސް ސްކޫލުތަކުގައި ކިޔަވައި ދެއެވެ.

އެމެރިކާގެ އަނެއް ބައިވެރިޔާ މިސްރަކީ އުތުރު އެފްރިކާގައި ޗައިނާގެ އެންމެ ބޮޑު ދޯސްތެވެ. ޔޫއޭއީއަކީވެސް ޗައިނާގެ މުހިންމު ވިޔަފާރީގެ ބައިވެރިއެކެވެ.

މެދުއިރުމަތީގެ ތެލުގެ 72 އިންސައްތަ މިހާރު އެތެރެ ކުރަމުން ދަނީ ޗައިނާއިން ނެވެ. އީރާނާއެކު ޗައިނާއިން ވަނީ 25 އަހަރުގެ ގުޅުމުގެ މުއާހަދާއެއް އެކުލަވާލާފައެވެ.

ސައުދީ އަދި ޑުބާއީގެ ޓެކްނޮލޮޖީ ޕްރޮޖެކްޓްތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރި ވަނީ ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކެވެ.