ހއ. އިހަވަންދޫގައި ހަދާ ފެނަކައިގެ އާ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

އިހަވަންދޫ އާ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޯޝަން ގޭޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ މެނޭޖިން ޑިރެކްޓަރު ސައީދެވެ. އަދި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުސްތަފާ އެވެ.

ދެ ބުރިއަށް ހަދާ އިހަވަންދޫ އާ ފެނަކަ އޮފީސް އިމާރާތުގައި މީޓިން ރޫމަކާއި ރިސެޕްޝަން އަދި ލޮބީ އޭރިއާއެއްގެ އިތުރުން ރެސްޓް ރޫމާއި ޓެރަހެއް ހިމެނޭ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. އަދި އެތަނުގައި 40 އަށްވުރެ ގިނަ މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ އެވެ.

ފެނަކައިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު 13 ރަށެއްގައި އިންޖީނުގެ އެޅުމަށް އިޢުލާންކޮށް އިވެލުއޭޓް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންގެންދާކަމަށް ފެނަކައިން ބުނެއެވެ. މިމަސައްކަތް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ނިންމުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނައިރު މި 3 އަހަތު ތެރޭގައި 56 ރަށުގެ އިންޖީނުތައް އަޕްގްރޭޑުކޮށް އިންޖީނުގެތައް ރީލޮކޭޓުކުރުމުގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށްވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 56 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްދެމުންނެވެ. އޭގެ ތެރެއިން 42 ރަށެއްގައި ފެނަކައިން އަންނަނީ ފެނުގެ ޚިދުމަތް ދެމުންނެވެ.