މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މަރުގެ ގްރޫޕް (ގްރޫޕް އެފް) ގައި މަޝްހޫރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖާދުލުން 3-0 އިން މޮޅުވެ ޕޯޗުގަލްއިން ހަންގޭރީގެ ބައިލައްކައެއްހައި ސަޕޯޓަރުން މިރޭ ހިމޭން ކޮށްލައިފިއެވެ.

ހަންގޭރީގެ ފްރެންކް ޕުސްކަސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޕޯޗުގަލްގެ ތިން ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ރަފެއެލް ގުއެއްރިރޯއެވެ. އޭގެ ތިން މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން ޕޯޗުގަލްއަށް ލީޑް ފުޅާކޮށްދިނީ ރޮނާލްޑޯއެވެ. މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ކާމިޔާބު ކުރި ހިތްގައިމު ލަނޑާއެކު ހަންގޭރީ ސަޕޯޓަރުން ހިމޭން ވެގެންދިޔައެވެ.

ރޮނާލްޑޯ އޭނާގެ ދެވަނަ ލަނޑު އަދި ޕޯޗުގަލްގެ ތިންވަނަ ލަނޑު ހަންގޭރީ ކޮޅަށް ކާމިޔާބު ކުރަނީ.

މިމެޗުގައި ރޮނާލްޑޯ ކުޅުމާއެކު އޭނާ ވެގެންދިޔައީ ޔޫރޯގެ 5 މުބާރާތެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ރޮނާލްޑޯ ވަނީ 2004، 2008، 2012 އަދި 2016 ގެ ޔޫރޯގައި ކުޅެފައެވެ. މީގެ ތެރެއިން 2016 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ޕޯޗުގަލްއާއެކު ހޯދިއެވެ.

މިމެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ދެލަނޑާއެކު އޭނާ ވެފައި ވަނީ ޔޫރޯގެ ތާރިހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކަމުގައެވެ. މިރޭ ކާމިޔާބު ކުރި ދެލަނޑާއެކު ރޮނާލްޑޯ ޔޫރޯގައި ކާމިޔާބު ކޮށްފައިވާ ލަނޑުގެ އަދަދަކީ 11 އެވެ. ރޮނާލްޑޯގެ ފަހަތުން ދެވަނައިގައި އޮތީ 9 ލަނޑު ޖަހައިގެން ފްރާންސްގެ ކުރީގެ ތަރި މައިކަލް ޕްލެޓިނީއެވެ. ތިންވަނައިގައި 7 ލަނޑު ކާމިޔާބު ކޮށްގެން އޮތީ އިންގްލެންޑް ކުރީގެ ފޯވާޑް އެލަން ޝިއަރާއެވެ.

އަނެއްކޮޅުން މިރޭ ކާމިޔާބު ކުރި ދެލަނޑާއެކު ޔޫރޯގެ ތަފާތު 5 މުބާރާތެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފްވެސް ރޮނާލްޑޯއަށް ވަނީ ލިބިގެން ގޮސްފައެވެ.

ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ދެން ބައްދަލު ކުރާނީ ވަރުގަދަ ޖަރުމަނާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 21:00 ގައެވެ.