އަމިއްލަ މައިމީހާ މަރާލައިގެން މަންމަގެ ހަށިގަނޑު ކާލިކަމުގެ ކުށް ސާބިތުވި ސްޕެއިންގެ މީހާ 15 އަހަރާއި 5 މަސްދުވަހަށް ޖަލަށްލާން ސްޕެއިންގެ ކޯޓަކުން އަންގާރަ ދުވަހު ހުކުމްކޮށްފިއެވެ.

އަލްބާޓޯ ސަންޗޭޒް ގޯމޭޒް ނަމަކަށްކިޔާ މިމީހާ އޭނާގެ މަންމަ މަރާލާފައިވަނީ ކަރަށް ފިތައި ނޭވާހާސްކޮށްގެންނެވެ.

އޭނާއަށް ސްޕެއިންގައި މުހާތަބުކުރަނީ "ކެނިބަލް އޮފް ވެންޓަސް" ގެ ނަމުންނެވެ. ވެންޓަސްއަކީ މިހާދިސާ ހިނގި އަވަށުގެ ނަމެވެ.

ހުކުމް އިއްވަމުން ކޯޓުން ބުނެފައިވަނީ، އަލްބާޓޯ ސަންޗޭޒް ގޯމޭޒް އެ ޖަރީމާ ހިންގިއިރު ހުރީ ހަމަހޭގައި ކަމަށާއި، އެހެންކަމުން، އެކަމުގެ އަދަބެއްގެގޮތުން އޭނާ ޖެހޭނީ ޖަލުގައި އޮންނަން ކަމަށެވެ.

އަލްބާޓޯ ސަންޗޭޒް ގޯމޭޒްއާއި، އޭނާގެ އުމުރުން 69 އަހަރުގެ މަންމަ ދިރިއުޅެމުން ގެންދިޔައީ، މެޑްރިޑްގެ މަޝްހޫރު ބުލްރިންގް ކައިރީގައި ހުންނަ ފްލެޓެއްގައެވެ.

2019 ވަނަ އަހަރުގެ ކުރީކޮޅު އަލްބާޓޯ ސަންޗޭޒް ގޯމޭޒް އޭނާގެ މަންމަ މަރާލީ، މަންމައާއި އޭނާއާ ދެމެދު ހިނގި ޒުވާބެއްގެ ތެރޭގައި ކަމަށް ޝަރީއަތުގައި ހާމަކޮށްފައި ވެއެވެ.

މަންމަގެ ކަރަށް ބާރުކޮށްގެން މަރާލުމަށްފަހު އޭނާގެ މަންމަގެ ހަށިގަނޑު ދަމާފައި ގެންދިޔައީ މަންމަގެ ކޮޓަރިއަށެވެ. އަދި އޭގެފަހުން ކީހަކާއި ބޮޑު ދެވަޅި ބޭނުންކޮށްގެން މަންމަގެ ހަށިގަނޑު ކޮށާލިއެވެ.

ޝަރީއަތުގައި އަލްބާޓޯ ބުނެފައިވަނީ، އޭނާ މަންމަގެ ހަށިގަނޑު ކޮށާލީ ހަށިގަނޑުގެ ކިބައިން ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ.

މަންމަގެ ހަށިގަނޑު ކޮށާލުމަށްފަހު އެއްބައި އޭނާލީ ފްރިޖަށެވެ. އަދި ބައެއް ބައިތައް ފްލާސްޓިކް ފޮށިގަނޑުތަކަށް އަޅައި، ގޭގެ ވަށައިގެންވާ ސަރަހައްދުތަކުގައި ވެސް ބެހެއްޓިއެވެ. އަދި ބައެއް ބައިތައް ފްލާސްޓިކް ކޮތަޅުތަކަށް އަޅައި ޑަސްބިނަށްވެސް ލިއެވެ.

ފްރިޖްގައި ބެހެއްޓި މަންމަގެ ހަށިގަނޑުގެ މަސްތައް އަލްބާޓޯ 15 ދުވަސް ވަންދެން ކެއި ކަމަށް ޝަރީއަތުގައި އެއްބަސްވެފައި ވެއެވެ.

ކޯޓުގައި ހެކިބަސްދެމުން މައްސަލަ ތަހްގީގުކުރި ފުލުހުންގެ އޮފިސަރަކު ބުނެފައިވަނީ، މަންމަ މަރާލުމަށްފަހު ހަށިގަނޑު ކޮށައި މަންމަގެ ހަށިގަނޑުގެ ބައެއް މަސްތައް އޭނާ ރޮލާވެސް ކެއެވެ. އަދި ބައެއް މަސްތައް ކައްކައިގެންވެސް ކެއި ކަމަށާއި، ބައެއް ބައިތައް ކުއްތާއަށްވެސް ކާންދިން ކަމަށް އަލްބާޓޯ ތަހްގީގުގައި ބުނެފައިވާ ކަމަށް ފުލުސް އޮފިސަރު ބުންޏެވެ.

މިހާދިސާގެ ތުހުމަތުގައި އަލްބާޓޯ ސަންޗޭޒް ގޯމޭޒް ހައްޔަރު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހުއެވެ. އެއީ، އޭނާގެ މަންމަ ނުފެންނާތީ އެ އަންހެންމީހާގެ ރަހްމަތްތެރިޔަކު ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.

ފުލުހުން ގޮސް ފްލެޓް ބެލިއިރު، އަލްބާޓޯ އޭނާގެ މަންމަ ކޮޓަރީ ތެރޭގައި މާލިކަމުގެ ނިޝާންތައް ފެންނާން ހުއްޓެވެ. އަދި ފްރިޖްގައި އޭނާގެ މަންމަގެ ހަށިގަނޑުގެ ބައެއް ބައިތައްވެސް ހުއްޓެވެ.

މަންމަ މަރާލައިގެން ކާލިކަމުގެ ކުށް ސާބިތުވެ 15 އަހަރާއި 5 މަހަށް ޖަލަށްލުމުގެ އިތުރުން، ފަނޑިޔާރުވަނީ އަލްބާޓޯ ސަންޗޭޒް ގޯމޭޒްގެ ދޮށީ ބޭބެއަށް މަންމަގެ މަރުގެ ދިޔައެއްގެގޮތުގައި 73،000 އެމެރިކާ ޑޮލަރު ދިނުމަށްވެސް ހުކުމްކޮށްފައެވެ.