ސަރުކާރުން އިއުލާންކުރި "ގެދޮރުވެރިޔާ ލޯން" ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ގެދޮރުވެރިޔާ ލޯނަށް މިހާރު އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް އެދޭ ފޯމު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ސަރުކާރުން ބުނީ މި ލޯނު ދޫކުރެވޭނީ އަމިއްލަ ގޯތީގައި ގެއެއް އަލަށް އިމާރާތް ކުރުމަށް، ނުނިމި ހުރި މަސައްކަތް ކުރުމަށް އަދި އިމާރާތް މަރާމާތު ކުރުމަށާއި، މިހާރު ހަދާފައި ހުރި އިމާރާތަކަށް ބައެއް އިތުރުކުރުމަށް ކަމަށެވެ.

ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 700،000 ރުފިޔާ އެވެ. ލޯނުގެ އިންސްޓްރެޓް ރޭޓަކީ ހަ ޕަސެންޓެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެއެވެ. މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހުގެ މުއްދަތެއް ލިބޭނެއެވެ. ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓެއް ނުނަގާނެއެވެ.

މީގެއިތުރުން ލޯނު ނަގަނީ އަލަށް ގެއެއް އިމާރާތް ކުރުމަށް ކަމަށްވާނަމަ، ލޯނަށް އެދޭ ފަރާތުން ޕްރޮޖެކްޓުގެ މުޅި ޖުމްލައިގެ 20 އިންސައްތަ ޕްރޮޖެކްޓަށް ލާންޖެހެއެވެ. ނަމަވެސް މި ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް އެކައުންޓެއްގައި ހުރުން ލާޒިމެއް ނޫނެވެ.