އުއިގޫރު މުސްލިމުން ގަދަކަމުން ދަރިމައި ނުވާގޮތް ހަދާކަމަށް ޗައިނާއަށް ތުހުމަތުކޮށްފިއެވެ. ޝިންޖިއާންގައި ޗައިނާއިން ކުރަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން ކޮންމެ ދުވަހަކުވެސް އައު ވާހަކަތަކެއް އައު ތުހުމަތުތަކެއް އައު ހެކިތަކެއް ރިޕޯޓް ކުރެއެވެ. ލަންޑަންގައި ރައްޔިތުންގެ ޓްރައިބިއުނަލެއް ވެސް ވަނީ ގާއިމް ކޮށްފައެވެ.
އޮސްޓްރޭލިއާގެ ސްޓްރެޓެޖީ ޕޮލިސީ އިންސްޓިއުޓް އިން ބުނާ ގޮތުން 2017އާއި 2019އާ ދެމެދު ޝިންޖިއާން އަކީ ދުނިޔޭގެ ހުރިހައި ސަރަހައްދަކާ އަޅާ ބަލާއިރު ދަރި މައިވުމުގެ ނިސްބަތް އެންމެ މަދު ސަރަހައްދެވެ. މިއީ ޝިންޖިއާންގެ ދަރިމައިވާ ރޭޓާ ގުޅޭ ގޮތުން އެހެން ރިސާޗަރުންވެސް ބުނެފައިވާ ވާހަކައާ ދިމާވާ ވާހަކައެވެ.
އޮސްޓްރޭލިއާ އިންސްޓިއުޓުން ބުނާ ގޮތުން 48.74 އިން ސައްތައަށް ޝިންޖިއާންގެ މުސްލިމުންގެ ދަރި މައިވާ ރޭޓް ދަށަށް ގޮސްފައި ވެއެވެ. 2017އާއި 2018އާ ދެމެދު ބައި މަދު މުސްލިމުން ދިރިއުޅޭ އަވަށްތަކުގައި 43.7 އިންސައްތައަށް ދަށްވެފައި ވެއެވެ. މާނައަކީ، އެ މުއްދަތުގައި މުސްލިމު މައިން ވިހައިފައި ވަނީ، 160ހާސް ބޭބީޒް އެވެ. މިއަދަދަށް ބަލާއިރު ޗައިނާގެ ހޭން ދަރިކޮޅުގެ މީހުން އުޅޭ ތަންތާނގައި ބޭބީޒް ވިހައިފައިވާ މިންވަރު އިތުރުކަމަށް ދައްކައެވެ.
ދަރިމައިވާ ނިސްބަތް އދން ބަލަހައްޓަން ފެށި 71 އަހަރު ގެ ތެރޭގައި ޝިންޖިއާންގެ ދަރިމައިވާ ނިސްބަތް މަދުވެފައިވަނީ އަހުލީ ހަނގުރާމަ ހިނގާ ނުވަތަ ހިނގާފައިވާ ސަރަހައްދުތަކަށް ވުރެންވެސް ދަށް މިންވަރަކަށެވެ. އޮސްޓްރޭލިއާ ރިޕޯޓާ ބެހޭ ގޮތުން އެސޯސިއޭޓެޑް ޕްރެސް ގައި މި ވާހަކަ ރިޕޯޓް ކޮށްފައި ވަނީ މެއި 2021ގައެވެ.
ޖަރުމަންވިލާތުގެ ރިސަރޗަރެއްކަމުގައިވާ އެޑްރިއަން ޒެން ބުނެފައި ވަނީ 2020ގައި ޗައިނާ ސަރުކާރުން ގަދަކަމުން ޝިންޖިއާން މީހުން ދަރިމައި ނުވާ ގޮތް ހެދުމުގެ މަސައްކަތެއް ހިންގި ކަމަށެވެ. އަދި މިކަމާ ގުޅޭ ހެކި އޭނާގެ ދިރާސާގައި ގެނަސްދީފައި ވެއެވެ. އެސޯސޭޓެޑް ޕްރެސް އިން ބުނާ ގޮތުގައި މި ދިރާސާތަކުގައި ގެނެސްދީފައވާ އަދަދުތަކަކީ ޗައިނާގެ ތަފާސްހިސާބުތަކާ އެއްގޮތް އަދަދުތަކެއް ކަމަށެވެ.
ޗައިނާއިން ޝިންޖިއާންގައި ހަރުކަށި ސިޔާސަތެއް ހިންގަން ފެށީ، އެ ސަރަހައްދުގައި ވަކި ވެގަތުމުގެ ހަރަކާތެއް ފެށުމާ ގުޅިގެންނެވެ. އެއަށްފަހު ޝައްކު ކުރެވޭ ކޮންމެ މީހަކު ޖަލަށް ލައި އެމީހުންގެ ސިކުނޑި ދޮވުމަށް މަސައްކަތް ކޮށްފައި ވެއެވެ.
މި މަސައްކަތް މިހައި ފުޅާދާއިރާއެއްގައި ކުރެވެމުންދަނީ އެހެން ޚާއްސަ ސަބަބެއްވެސް އޮވެގެން ނެވެ. ހަނަފަސް، ކުރިން މާބޮޑު ސަމާލުކަމެއް ނުދެވުނު ޝިންޖިއާން މުހިންމު ވެގެން ގޮސްފައި ވަނީ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ފެށުމާ ގުޅިގެންނެވެ. ޕާކިސްތާންގެ ގަވަދާރު ބަނދަރުން ފެށޭ ހައިވޭ ގޮސް ނިމެނީ ޝިންޖިއާ ންގެ ވެރިރަށް ކަޝްގަރަށެވެ. މިއީ އެއްގަމު މަގުން ޗައިނާއިން ގަލްފްގެ އަރަބި ތެޔޮ އުފުލުމަށް ބޭނުން ކުރާނެ މަގެވެ. އަދި މި މަގު ބޭނުން ކުރުމުން ދެކުނު ޗައިނާ ކަނޑު ބޭނުން ނުކޮށް ޗައިނާއަށް ޕާކިސްތާން މަގުން މުދާ އެތެރެކޮށް ބޭރުކޮށް ހެދޭނެއެވެ.
މި ހައިވޭއަކީ، ޗައިނާއިން ރައްކާތެރިކުރަން ޖެހޭ ސްޓްރެޓެޖިކް ރައުސުމާލެއްކަމުން ޗައިނާއަށް ޝިންޖިއާން މުހިންމު ވެގެން ދިޔައެވެ.
ކުރިން އިރުމަތީ ތުރުކިސްތާންގެ ނަމުން އޮންނަ ޒާތީ މިނިވަންކަމެއް ދީފައިވާ ޝިންޖިއާންގ ގެ މީހުންނަކީ ޗައިނާގެ އަސްލު ދަރިކޮޅުކަމަށްވާ ހޭން ދަރިކޮޅާ ގުޅޭ ބަޔެއް ނޫނެވެ. އެހެންވެ، ޝީ ޖިންޕިންގ ގެ ސިޔާސަތަކަށްވީ ޝިންޖިއާންގައި ޙޭން ދަރިކޮޅުގެ މީހުން އިންދައި އެމީހުންގެ އާބާދީ އިތުރު ކުރާށެވެ.
ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޝިންޖިއާންގައި މިހާރު ސަރުކާރު ވަޒީފާތަކާއި ވިޔަފާރީގެ 40 އިންސައްތަ ކޮންޓްރޯލް ކުރަމުން ދަނީ ހޭން ޗައިނާ ދަރިކޮޅުންނެވެ.
ލަންޑަންގައި ގާއިމް ކޮށްފައިވާ ރައްޔިތުންގެ ޓްރައިބިއުނަލުން ބަލަމުން ދަނީ ޗައިނާގައި ނަސްލު ނެތިކޮށްލުމުގެ އަމަލެއް ޝިންޖިއާން މުސްލިމުންނާ ދެކޮޅަށް ހިނގަމުންގެންދާ ތޯއެވެ. މިއީ ވަރލްޑް އުއިގޫރު ކޮންގްރެސްއިން އިނގިރޭސި ގާނޫނީ ވަކީލު ސަރ ޖެފްރީ ނައިސް މެދުވެރިކޮށް އުފައްދާފައިވާ ރައްޔިތުންގެ ޓްރައިބިއުނަލެކެވެ.
އުއިގޫރު ކޮންގްރސްއިން ބޭނުން ވަނީ ޑޮކިއުމެންޓްތައް ތައްޔާރުކޮށް ޗައިނާއާ ދެކޮޅަށް ޝަރީއަތެއް ހިންގުމަށް ބޭނުންވާ ހެކިތައް ހޯދާށެވެ.
އުއިގޫރު މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް މިހާރުވެސް ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. ހުޅަނގުގެ އެތައް ގައުމަކުން ވަނީ އުއިގޫރު މީހުންނާ ދެކޮޅަށް ހިންގަނީ ޖެނޮސައިޑެއް ކަމަށް ބުނެފައެވެ.
އިނގިރޭސިވިލާތާއި ކެނެޑާއާއި އެމެރިކާ އަދި ވިލާތު އިއްތިހާދުން ވަނީ ޗައިނާގެ މަސްއޫލުވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ބެލްޖިއަމްއާއި ނެދަރލެންޑާއި ކެނެޑާ އަދި ޔޫކޭ ޕަލަމެންޓުން ވަނީ އުއިގުރު މީހުންގެ ނަސްލު ނެތިކޮށްލަނީ ކަމަށް ޗައިނާއަށް ތުހުމަތު ކޮށްފައެވެ.