އިންޑިއާގެ ސިފައިންގެ މިލިޓަރީ ޕޮލިހަށް ވަންނާން ބޭނުންވާ ނޭޕާލް ސިފައިން ހޯދަން ކަޓްމަންޑޫގައި ހުންނަ އިންޑިއާ އެމްބަސީން އިޢްލާން ކޮށްފިއެވެ. އިންޑިއާގެ މި އިޢްލާނަކީ ނޭޕާލް މީހުން އިންޑިއާ ސިފައިންގެ ތެރެއަށް ނުވެއްދުމަށް އިންޑިއާގައި ގޮވާލާ ވަގުތެއްގައި އައިސްފައިވާ އިޢްލާނެކެވެ.

ނޭޕާލް މީހުން އިންޑިއާ ސިފައިންގެ ތެރޭގައި އުޅެއެވެ. އިންޑިއާގައި ނޭޕާލް ގުރުކާ ސިފައިންގެ ވަކި ފައުޖެއް ވެސް ގެންގުޅެއެވެ. އިންޑިއާ އެމްބަސީން ބުނީ އިންޑިއާއިން ބޭނުން ވަނީ ނޭޕާލް އަންހެނުންނަށްވެސް އަދި ޒުވާން ފިރިހެނުންނަށްވެސް އިންޑިއާ ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފުރުސަތު ފަހިކޮށްފައި ބާއްވާށެވެ.

މި އިޢްލާންގައި ބުނާ ގޮތުން އިންޑިއާ ސިފައިންގެ ޚިދުމަތުގައި އުޅެ މަރުވެފައިވާ މީހުންގެ އައުލާދަށް އިސްކަން ދެވޭނެއެވެ. އިތުރު ޝަރުތުތަކުގައި ހިމެނެނީ ދިހަ އެއް ނިންމާފައި ވުމާއި އުމުރުން16 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނަކަށް ވުމެވެ.

އިންޑިއާ ސިފައިންގެ ތެރޭގައި މިހާރުވެސް 3200 ނޭޕާލް މީހުން އުޅެތެވެ. މި މީހުން ބެހެނީ 800 ސިފައިންގެ ހަ ފައުޖެއްގެ ތެރެއަށެވެ.

އިންޑިއާ ސިފައިންގެ ތެރޭގައި އުޅެފައިވާ އެތައް ހާސް ސިފައިންނެއް މިހާރުވެސް އިންޑިއާއިން ޕެންޝަން ނަގައެވެ. އިނގިރޭސި ސިފައިންވެސް ނޭޕާލް މީހުން ރެކްރޫޓް ކުރެއެވެ.

ނޭޕާލް މީހުންނަށް އައިޑީ ކާޑް ދައްކައިގެން އިންޑިއާއަށް ވަދެވެއެވެ. އަދި އިންޑިއާގައި މިމީހުންނަށް ވަޒީފާ އަދާކުރުމުގެ ހުއްދަ އޮވެއެވެ.