ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި މީހެއްގެ މަރުގެ މައްސަލަ ބަލައި ދޭން އާއިލާއިން އެދިއްޖެއެވެ. މިމީހާ ހައްޔަރު ކުރީ އިސްލާމްއާބާދުގައި ދިން ހަމަލައެއްގައި ދެ ފުލުހަކު މަރުވުމާ ގުޅިގެންނެވެ. މިމީހާގެ މަންމަ ބުނާ ގޮތުން އޭނާ މަރުވެފައި ވަނީ ފުލުހުން އޭނާއާ އެކު ތަހުގީގު ކުރިފަހުންނެވެ.
މިމީހާގެ މަންމަ ވަނީ މަގުމަތީގައި އަވަށްޓެރިންނާއެކު އިށީދެ އިންދެގެން މި މައްސަލަ ތަހުގީގު ކޮށް ދިނުމަށް އެދިފައެވެ. އިސްލާމްއާބާދު ފުލުހުންގެ ފަރާތުން ވަނީ މި މީހާގެ މަރުގެ މައްސަލާގައި ކޯޓެއްގެ ފަނޑިޔާރަކު މެދުވރިކޮށް މައްސަލަ ބަލަނެ ކަމުގެ ޔަގީންކަން ދީފައެވެ.
މި މީހާގެ މަންމައާއެކު މަގުމަތީގައި އިށީދެ ތިބުމުގައި ބައިވެރިވި އަވަށްޓެރިން ވަނީ ފުލުހުން އަނިޔާކޮށް އޭނާ މަރާލީ ކަމަށް ބުނެފައެވެ. ހިނަވުމުގެ ތެރޭގައި ހަށިގަނޑުން އަނިޔާގެ ނިޝާން ފެނިފައިވާ ކަމަށް ވެސް އެމީހުން ބުނެއެވެ. އެކަމަކު ފުލުހުން ބުނެފައ ވަނީ އޭނާ މަރުވެފައި ވަނީ ގަދަ ހުމެއް ޖެހިގެން ކަމަށެވެ.
މި މީހުން ހަޅުތާލު ކުރިފަހުން، މި މައްސަލާގައި ހިމެނޭ ތިން ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
ފުލުހުންގެ ކަސްޓަޑީގައި މީހުން މަރުވުމާއި މީހުން ގެއްލުމުގެ މައްސަލައަކީ ހައްލު ނުވެފައިވާ މައްސަލަތަކެވެ. މިކަމަށް ޕާކިސްތާން ޖުޑިޝަރީންވެސް ވަނީ ތަހްގީގުތަކެއް ހިންގައި ސުއާލުތައް ކޮށްފައެވެ.