ރަޝިޔާގައި އުފައްދާފައިވާ ލުއި ޓޭންކްތައް ގަތުމަށް އިންޑިއާއިން ނިންމައިފިއެވެ. އިންޑިއާއިން މި ނިންމުން ނިންމާފައިވަނީ ގިނަ އަދަދަކަށް ހަތިޔާރު ގަނެ ލަޝްކަރަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް އިންޑިއާއިން ބޮޑެތި އަދަދުތަކުން ހޭދަ ކުރަމުންދާ ދުވަސްވަރެއްގައެވެ.

ޗައިނާއާއި އިންޑިއާއިން ލަދާކްގައި ކުރިމަތިލާން ފެށުމުން ޗައިނާއާއި އިންޑިއާއިން ވަނީ ގިނަ އަދަދަކަށް ސިފައިން ރުކުރުވާލާފައެވެ. ޗައިނާއިން ލަދާކް ސަރަހައްދަށް ފޮނުވާފައި ވަނީ ބަރުދަން ލުއި ޓޭންކް ތަކެކެވެ. އިންޑިއާއިން ފޮނުވާފައި ވަނީ ރަޝިޔާގެ ޓީ90 މަރުކާގެ ޓޭންކްތަކެވެ.

މިހާރު އިންޑިއާ ބޭނުން ވަނީ ލަދާކްގައި ރަޝިޔާއިން އުފައްދާފައިވާ އައު ވައްތަރުގެ ލުއި ޓޭންކްތައް ގަނެގެން ބޭނުން ކުރާށެވެ. ރަޝިޔާއިން އުފައްދާ ފައިވާ ސްޕްރުޓް އެސްޑީއެމް1 އަކީ އެންމެ 18 ޓަނުގެ ޓޭންކެކެވެ. މިއީ އޭގެ އެތެރޭގައި މީހުން ތިއްބައި ވައި ކުޑައިންވެސް ގެންގޮސް މައިދާނަށް ބޭލިދާނެ ވައްތަރުގެ އެއްޗެކެވެ. އަދި ކަނޑު އުޅަނދުގައިވެސް އުފުލިދާނެ އެއްޗެކެވެ.

މީގެ އިތުރުން މި ވައްތަރުގެ ޓޭންކަކީ އެއްފަހަރު އަޅާ ތެލުން 500 ކިލޯމީޓަރަށް ދުއްވޭ ވައްތަރުގެ އެއްޗެކެވެ.

މިއާ ޚިލާފަށް ޓީ90ގެ ޓޭންކަކީ 45 ޓަނުގެ ބަރު ތަކެއްޗެވެ. އިންޑިއާއިން ވެސް ލުއި ޓޭންކްތައް އުފައްދައެވެ. ނަމަވެސް އިންޑިއާގެ އެންމެ ލުއި ޓޭންކްގެ ބަރުދަނުގައިވެސ 35 ޓަނު ހުރެއެވެ.

ޗައިނާއިން ލަދާކްގައި ބޭނުން ކުރަނީ އަމިއްލަ އަށް އުފެއްދި ލުއި ޓޭންކެކެވެ. މިއީ 25 ޓަނުގެ އެއްޗެކެވެ.

އިންޑިއާއިން ރަޝިޔާގެ ލުއި ޓޭންކް ގަތުމަށް ނިންމި އަނެއް ސަބަބަކީ އޭގެ ބަޑިއަކީ ޓީ90 ގައި ބޭނުން ކުރާ ވައްތަރުގެ ބަޑިއަކަށް ވުމުންނެވެ.

ރަޝިޔާއިން ވަނީ އިންޑިއާގެ އޯޑަރަށް އާނބަސް ބުނެފައެވެ. ނަމަވެސް އިންޑިއާއިން އަދަދު ވަނީ ސިއްރުކޮށްފައެވެ.