ގައުމުގެ ރައްޔިތުންނަށް ވުރެން ބޭރުން އަރާ މީހާއަށް އިސްކަން ދިނުމުން ރައްޔިތުންނާއި ސަރުކާރާ ދެމެދުގެ މަސްލަހަތު ގެއްލޭނެއެވެ. ޕާކިސްތާން ސަރުކާރާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުމުން ޗައިނާ މީހުންނަށް އިސްކަން ދިނުމުން ރައްޔިތުންނާ ސަރުކާރާ ދެމެދުގެ މަސްލަހަތު ގެއްލިގެން ގޮސްފައި ވެއެވެ.
ގަވަދާރް ބަނދަރު ހެދުމަށްޓަކައި ޕާކިސްތާން ސަރުކާރުން އެހިސާބުގައި މަސްވެރިކަން ކޮށް އުޅުނު ގަވަދާރު މަސްވެރިން އެ ސަރަހައްދުން ބޭރުކޮށްލިއެވެ. މިހާރު ބަންދަރު ހެދުމަށްފަހު އެމީހުން އެތަނަށް މަސްވެރިކަން ކުރަން އައި އިއރު ބަލޯޗިސްތާންގެ އީއީޒެޑް އޭރިއާގައި އެމީހުންނަށް މަސްވެރިކަން ކުރާކަށް ފުރުސަތެއް ނެތެވެ.
އިސްލާމްއާބާދުން ވަނީ ޗައިނާގެ މަސްބޯޓުތަކަށް ގަވަދާރް އީއީޒެޑުން މަސްހިފަން ހުއްދަ ދީފައެވެ.
ޕާކިސްތާންގެ ޑޯން ނޫހުން ބުނިގޮތުގައި ބަލޯޗިސްތާން ސިޔާސީ ޕާޓީތަކާއި ގަވަދާރް މަސްވެރިން މުޒާހަރާ ކުރަމުން ދަނީ މަރުކަޒީ ސަރުކާރުން ޗައިނާގެ މަސްވެރިންނަށް އެސަރަހައްދުން މަސްވެރިކަން ކުރަން ދީފައިވާ ހުއްދަ ބާޠިލް ކުރުމަށް އެދިއެވެ. މި މީހުން ވަނީ ގަވަދާރް ނޫސްވެރިންގެ ކްލަބްގެ ކުރިމަތީގައި އިޖުތިޖާޖަށް އިށީދެ ތިބެގެން ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ.
ޗައިނާ ޕާކިސްތާން އިކޮނިމިކް ކޮރިޑޯ (ސީޕެކް)ގެ އެއްބަސްވުމުގެ ދަށުން ބަލޯޗިސްތާންގައި ޗައިނާއިން ގިނަ މަޝްރޫއުތައް ހިންގައެވެ. ރައްޔިތުން ބުނަނީ އެމީހުންނަށް މިއިން ފައިދާއެއް ނުފެންނަ ކަމަށެވެ.
ބަލޯޗް ދަރިކޮޅުގެ މީހުން މިކަމާ ދެކޮޅަށް އަޑު އުފުލައިފިނަމަ އެމީހުންނަށް އޮންނަނީ ދެ ގޮތުން އެއް ގޮތެވެ. ބަޑީގެ އުންޑައެކެވެ. ނުވަތަ ނިޒާމުން ގެއްލުވާލުމެވެ.