މިއަދަކީ އެމެރިކާގެ ރައިސް ބައިޑެން މަގާމާ ޙަވާލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ރަޝިޔާގެ ޕޫޓިން ރައީސް އާ ބައްދަލުކުރައްވާ ދުވަހެވެ. ޖެނީވާގައި ދެބޭފުޅުން ބައްދަލު ކުރައްވާއިރު އެންމެ މައްސަލައެއް ފިޔަވައި ހުރިހައި މައްސަލައަކާ މެދުވެސް ދެބޭފުޅުންގެ މެދުގައި ވަޚިޔާލު ތަފާތު އުފެދިފައެވެ. އިހުތިރާމްގެ ތަދުމަޑުކަމެއްވެސް އެމެރިކާ ރަޝިޔާ ގުޅުމަށް ވަނީ ކުރިމަތިވެފައެވެ.

ބައިޑެން ވަނީ ޕޫޓިން އަކީ، ގާތިލެއް ކަމަށް ސިފަ ކުރައްވާފައެވެ. ތަޖުރިބާކާރު ސިޔާސީ ލީޑަރެއްގެ ފުށުން ފެނިގެން ދިޔަ ދަށްފެންވަރުގެ ބަސްފުޅެކެވެ!

މިއަދުގެ އެޖެންޑާ އޮތް ގޮތުން ފުރަތަމައަށް އޮތީ އެއްގޮތް ކޮށްލެވޭ ކަންކަމުގައި ދެބޭފުޅުން ވަކި ބައްދަލުވެ ވަޑައިގެން ވާހަކަ ދެއްކެވުމެވެ.

މަޝްވަރާތަކަށް ލިސްޓް ކުރެވެނީ މަޢްލޫމާތުގެ ރަސްމަގުގައި ރަޝިޔާއިން މަގުފޭރޭ ކަމަށް އެމެރިކާއިން ތުހުމަތު ކުރާ މައްސަލަތަކާއި ހަތިޔާރު ކޮންޓްރޯލް ކުރުމާއި އިންތިޚާބަށް ނުފޫޒު ފޯރުވުމާއި ޔޫކްރެއިންގެ މައްސަލައެވެ. ހަތިޔާރު ކޮންޓްރޯލް ކުރުން ފިޔަވައި އެހެން ކަމެއްގައި ދެ ވެރިންގެ ޚިޔާލު އެއްގޮތްވެފައެއް ނުވެއެވެ.

ސަމިޓް ބައްދަލުވުމުގައި އިސްނަންގަވައިގެން ޕޫޓިން ސަލާމް ކުރެއްވުމަށްފަހު ވިދާޅުވީ، "ޢިއްޒަތްތެރި ރައީސް! މިއަދުގެ ބައްދަލުވުމަށް ޝުކުރު ދަންނަވަން. އަހަރުތަކެއް ވަންދެން ފުނިޖެހިފައިވާ އެތައް މައްސަލައެއްގައި ރަޝިޔާއާއި އެމެރިކާގެ އެންމެ މަތީ ފެންވަރުގައި މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި" ކަމަށެވެ.

މީޑިއާއާ ބަސްމޮށުނު ދެ ގައުމުގެ މުޙައްލިލުންނާއި މަސްއޫލުވެރިން ވިދާޅުވީ، އައު ކަމެއް ނުވަތަ މާބޮޑު ކަންކަމެއް ދެ ވެރިންގެ ބައްދަލުވުމުން ނިމިގެންދާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ދެ ބޭފުޅުންގެ ފުރަތަމަ ބައްދަލުވުން އޮތީ ދެ ގަޑިއިރަށެވެ. އެއަށްފަހު ފާޚާނާ ކުރެއްވުމަށް މެދުކަޑުއްވައި ލެއްވިއެވެ. އެކަމަކު ދެ ބޭފުޅުން އެއްކޮށް އެއްސުފުރާމަތިން ފަރިއްކުޅުއްވާކަށް ހަމަޖެހިފައެއްވެސް ނުވެއެވެ.

ދެވެރިން މެދުކެނޑުއްވުމަށްފަހު ބައްދަލުވެ ވަޑައިގަތުން އޮތީ ބޮޑު މަސްއޫލުވެރިންގެ ޓީމަކާއެކުގައެވެ.

ހަމައެކަނި އުންމީދަކީ، ބޮޑެތި ބޯ ލައިފައި ހުންނަ ނިއުކްލިއަރ (ވޯރ ހެޑް) މިސޭލުތަކުގެ އަދަދާއި އެތަކެތި އުފުލާ އުޅަނދުގެ އަދަދު މަދުކޮށްފައި ބެހެއްޓުމަށް ދެ ބޭފުޅުން އެއްބަސްވެ ވަޑައި ގަންނަވާނެ ކަމަށެވެ.

އެމެރިކާއާއި ރަޝިޔާގެ ގުޅުން ހުތް ވެގެން ދިޔައީ، ރޫސީ ރަސްކަލުން މުސްލިމުން ފައްސާލައި އަތްގަދަ ކޮށްލި، ކްރީމިއާ ސަރަހައްދު، 2014ގައި ރަޝިޔާއި ހިފައި ދެންތިބި މުސްލިމުން އެތަނުން ފައްސާލުމާއި، 2015 ގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ކުލީ ސިފައިންގެ ގޮތުގައި ރަޝިޔާ ބައިވެރިވުމާއި ޓްރަމްޕް ވެރިކަމަށް ގެނަސްދޭން 2016 ވަނަ އަހަރު އެމެރިކާގެ އިންތިޚާބުން ވައްކަން ކުރުމުގެ މައްސަލައިންނެވެ.

ދެ ބޭފުޅުން އެކުގައި ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައެއް ނުވެއެވެ. ކޮންމެ ބޭފުޅަކުވެސް ނޫސްވެރިންނާ ވާހަކަ ދައްކަވާނީ ވަކިވަކިންނެވެ.

މި ބައްދަލުވުމަށްފަހު ސީދާ އެއްގައުމުން އަނެއް ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުން ކުދަވާނެ ކަމަށް ލަފާ ކުރެވެއެވެ.