މުސްލިމަކާ ދިމާއަށް ކާފަރެކޭ ނުބުނެވޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަށް ޖުމްހޫރީޕާޓީން ތާއިދު ނުކުރާ ކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީޕާޓީގެ ސެކްރެޓަރީޖެނެރަލް އަލީ އާރިފް މިއަދު ވިދާޅުވީ އެ ބިލާ ބެހޭ ގޮތުން އެޕާޓީއާ އެއްވެސް ވަރަކަށް މަޝްވަރާ ވެސް ކޮށްފައި ނުވާކަމަށެވެ. މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ.

މި ބިލާ ބެހޭ ގޮތުން ބިލެތްދޫ ދާއިރާގެ މެމްބަރު ދޮންބިލެތް އަހުމަދު ހަލީމް ވިދާޅުވީ އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ކޯލިޝަން ޕާޓުނަރުންނާއެކު މަޝްވަރާ ކުރުމަށް ފަހުގައެވެ. އެހެންނަމަވެސް އަދާލަތު ޕާޓީއިން ވެސް ބުނެފައިވަނީ އެޕާޓީއާ ވެސް މަޝްވަރާ ނުކުރާ ކަމަށެވެ.

ދޮންބިލެތް އަހުމަދު ހަލީމް ވިދާޅުވެފައިވަނީ ކޯލިޝަން ސަރުކާރުގައި ތިބެގެން ސަރުކާރުން ހުށަހަޅާ އެފަދަ ބިލްތަކަށް ކޯލިޝަން ޕާޓުނަރުން ތާއީދު ކުރަންޖެހޭނެ ކަމަށެވެ. އެހެން ނޫނީ ޖެހޭނީ ކޯލިޝަނުން ވަކިވާން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އެކަމާ ބެހޭގޮތުން އަލީ އާރިފް ވިދާޅުވީ ބިލަށް ތާއިދު ނުކުރުމާއި ކޯލިޝަނުން ވަކިވުމާ އެއީ މުޅިން ދެކަމެއް ކަމަށެވެ. "އެ ބިލާ ބެހޭގޮތުން ޖުމްހޫރީ ޕާޓީއާ އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރޭ. އެއީ ޖޭޕީން ތާއިދުކުރާ ވެސް ބިލެއްނޫން. ޖޭޕީގެ އިތުރުން ޕާޓީގެ ލީޑަރު އަމިލަ ހައިސިއްޔަތުން ވެސް އޮންނާނެ ވިދާޅުވެފައި އެ ބިލަށް ތާއިދު ނުކުރައްވާ ކަމަށް،" އަލީ އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯލިޝަން ސަރުކާރަކަށް ވިޔަސް އެހެން ޕާޓީތަކުން ހަދާ ގޯސްތަކަށް ދެން ތިބޭ ޕާޓީތަކުން ޒިންމާވާކަށް ނުޖެހޭނެ ކަމަށެވެ.