ދުނިޔެއިން މިހާތަނަށް ފެނުނު ތިންވަނައަށް އެންމެބޮޑު ޑައިމަންޑް އެފްރިކާގެ ގައުމެއް ކަމަށްވާ ބޮޓްސްވާނާއިން ފެނިއްޖެ ކަމަށް އެގައުމުން އިއުލާންކޮށްފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ ބޮޓްސްވާނާގައި ޑައިމަންޑް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑެބްސްވާނާ ކުންފުނިންނެވެ.

އެ ކުންފުންޏަކީ ބޮޓްސްވާނާގެ ސަރުކާރާއި، ދުނިޔޭގެ ޑައިމަންޑް ކުންފުނި ޑި ބިއާރސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ.

އެކުންފުނިން ހޯދި ޑައިމަންޑްގައި 1،098 ކެރެޓް ހުއްޓެވެ.

މިއީ ދުނިޔެއިން މިހާތަނަށް ފެނުނު މިބާވަތުގެ ތިންވަނައަށް އެންމެބޮޑު ޑައިމަންޑް ކަމަށް ޑެބްސްވާނާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ލިނެޓީ އާރމްސްޓްރޯންގ ބުނެފައި ވެއެވެ.

މި ޑައިމަންޑް ޑެބްސްވާނާ ކުންފުންޏަށް ފެނިފައިވަނީ މި ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ.

އަދި ބުދަދުވަހުވަނީ، ބޮޓްސްވާނާގެ ވެރިރަށް ގެބޮރޯންސްގައި އެގައުމުގެ ރައީސް މޮގްވީޓްސީ މަސީސީއަށް މިޑައިމަންޑް ދައްކާލާފައެވެ.

އެ ޑައިމަންޑުގެ ދިގުމިނަކީ 73 މިލިމީޓަރެވެ. ފުޅާމިނުގައި 52 މިލިމީޓަރު ހުރިއިރު ބޯމިނުގައި 27 މިލިމީޓަރު ހުއްޓެވެ.

ދުނިޔެއިން މިހާތަނަށް ފެނުނު އެންމެބޮޑު ޑައިމަންޑްގައި 3،106 ކެރެޓް ހުއްޓެވެ. އެ ޑައިމަންޑް ފެނިފައިވަނީ 1905 ވަނަ އަހަރު ސައުތު އެފްރިކާއިންނެވެ.

ދެވަނައަށް އެންމެ ބޮޑު ޑައިމަންޑްގައި 1،109 ކެރެޓް ހުއްޓެވެ. އެ ޑައިމަންޑް ފެނިފައިވަނީ 2015 ވަނަ އަހަރު ބޮޓްސްވާނާގެ އުތުރުއިރުމަތީ ކަރޯވީއިންނެވެ.

ބޮޓްސްވާނާއިން މިފަހަރު ފެނުނު ޑައިމަންޑަކީ ވަރަށް ނާދިރު ބާވަތެއްގެ އެއްޗެއް ކަމަށް ވެއެވެ. އަދި މިއީ، ބޯޓްސްވާނާގެ ތާރީޚްގައިވެސް މިބާވަތުގެ ޑައިމަންޑެއް ފެނުނު ފުރަތަމަ ފަހަރު ކަމަށްވެއެވެ.

އޭގެ އަގު އަދި އަންދާޒާވެސް ކޮށްފައެއް ނުވެއެވެ.

ޑެބްސްވާނާ ކުންފުނިން ބުނެފައިވަނީ، މިފެނުނު ޑައިމަންޑަކީ ބޮޓްސްވާނާ އަށާއި އަދި ޑައިމަންޑްގެ މަސައްކަތަށްވެސް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. ބޮޓްސްވާނާއަށް ވަރަށް ބޮޑު އުންމީދެއް އާވެއްޖެ ކަމަށްވެސް އެ ކުންފުނީގެ އެމްޑީ ބުނެފައި ވެއެވެ.

ދުނިޔެއަށް އެންމެ ގިނައިން ޑައިމަންޑް ހޯދާ ގައުމަކީވެސް މިހާތަނަށް ބޮޓްސްވާނާއެވެ.

ބޮޓްސްވާނާ ސަރުކާރުގެ މިނެރަލްސް މިނިސްޓަރ ލެފޯކޯ މޮއަގީ ވިދާޅުވީ، ވިޔަފަރީގެ އުސޫލުން ބަލާއިރު ޑައިމަންޑް ފެނުނު މި ދަނޑިވަޅަކީ ރަނގަޅު ދަނޑިވަޅެއްވެސް ނޫން ކަމަށެވެ. ސަބަބަކީ، ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު ޑައިމަންޑްގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވުމެވެ.

ބޮޓްސްވާނާ ސަރުކާރަށް ލިބޭ އާމްދަނީގެ 80 އިންސައްތައަކީ ޑެބްސްވާނާ ކުންފުނީގެ ޑައިމަންޑް ވިޔަފާރީގެ ތެރެއިން ޑިވިޑެންޑާއި، ރޯޔަލްޓީއާއި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

އެހެން ނަމަވެސް، ކޮވިޑްގެ ސަބަބުން ޑައިމަންޑްގެ އަގު ދުނިޔޭގައި ވަރަށް ބޮޑަށް ވެއްޓި ބޮޓްސްވާނާއަށް ލިބެމުންދިޔަ އާމްދަނީއަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި ވެއެވެ.