ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފަށައިފިއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ "ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ޔަޤީންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑު އިންސައްތައަކުން އިތުރުކުރުން" މި ސިޔާސަތުގެ މައްޗަށް ރިޢާޔަތްކޮށް، އެ މިނިސްޓްރީއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން، ގަސް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ރަށްތަކަށް ގަސްތަށް ގެންދިޔުމުގެ މަސައްކަތްފެށިގެން ކުރިއަށްދާ ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަހަރުތެރޭ ތިލަދުންމަތީ އުތުރުބުރީ އުލިގަން، ވަށަފަރު އަދި މޮޅަދޫގެ ގޭބިސީތަކުގަޔާއި، ރަށުގެ ހުސްބިމުގައި އިންދުމަށް ގަސް ހަދިޔާކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ ގަސްތަކުގެ ތެރޭގައި ހިމެނެނީ ބަނބުކެޔޮ، މުރަނގަ، ޖަނބުރޯލު، ދޮންކެޔޮ އަދި އަލަ ކަހަލަ ބާވަތްތަކެވެ.

މި ޕްރޮގްރާމްގެ ދަށުން ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގެ ހަރަކާތް މި 3 ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހު (15 އޮކްޓޯބަރ) ގައި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ ތެރެއިން ގިނަ އަދަދެއްގެ ގަސް އުފައްދާފައިވަނީ މިމިނިސްޓްރީއިން ރާއްޖޭގެ އުތުރުގައި ދަނޑުވެރިކަމުގެ ދިރާސާއި، ތަމްރީންދިނުމަށް ޤާއިމުކޮށްފައިވާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން މައުލޫމާތުދެއެވެ،

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެއް ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ހާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ޞިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއި އެކު ރަށުން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ މަޤްސަދުގައި މިމިނިސްޓްރީއިން ކުރިއަށްގެންދާ ޕްރޮގްރާކެވެ.