ގދ.ފަރެސްމާތޮޑާ އަޓިގެ ރައްކާތެރިކޮށް ތަރައްޤީ ކުރުމާ ގުޅޭގޮތުން ނެޝަނަލް ސެންޓަރ ފޯ ކަލްޗުރަލް ހެރިޓޭޖް އާއި އެރަށު ކައުންސިލާ މަޝްވަރާ ކުރައްވައިފިއެވެ.

ވާރޗުއަލްކޮށް މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ވަނީ އަޓިގެ އަލުން ރައްކާތެރިކޮށް ތަރައްޤީކުރުމާމެދު ގދ.ފަރެސްމާތޮޑާ ކައުންސިލްގެ ގެ ބޭފުޅުންނާ މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ތޯރިޤް ވަނީ އަޓިގެ އަލުން މަރާމާތުކޮށް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް ވާންޖެހޭ ފުރިހަމަ ތައްޔާރީތައް ވަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި އަޓިގެ މަރާމާތު ކުރާނެ ބަޔަކު ހޯދުމަށް ވީހާވެސް އަވަހަށް އިއުލާނު ކުރާނެ ކަަމަށް މިނިސްޓަރ ތޯރިޤު ވިދާޅުވިއެވެ.

އަޓިގެ އަކީ ފަރެސްމާތޮޑާގައި ހުރި ދުވަސްވީ އިމާރާތެކެވެ. އެރަށު ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި އަޓިގެ އަކީ އިހު ޒަމާނުގައި މާލޫދު ކިޔުންފަދަ ކަންކަމަށް ބޭނުން ކުރި ތަނެކެވެ. އަދި މަސައްކަތްތެރި ކަމާއި ފަންނުވެރިކަމާއި އެރަށުގެ ހާއްސަ ޝަހުޝިއްޔަތުންގެ ހަނދާންތަކާއި ގުޅިފައިވާ މަރުކަޒެކެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ އެތަން މަރާމާތުކޮށް ބެލެހެއްޓުމަށް މިނިސްޓްރީ އަށް ދޭންވާ ހުރިހާ އެއްބާރުލުމެއް ކައުންސިލުން ދެއްވާނެ ކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ނަސްރު ވިދާޅުވީ އަޓިގެ އަލުން މަރާމާތުކުރުމަށްފަހު ކައުންސިލުގެ ބެލުމުގެ ދަށުން އެތަން ބެލެހެއްޓުމަށް މީހަކު ހަމަޖައްސާނެ ކަމަށެވެ.

ދުވަސްވެ ވީރާނާވެފައިވާ އަޓިގެ އަލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމާފައިވާއިރު ރާއްޖޭގެ އާސާރީ ބިނާ ތަކާއި ތަރިކަ ރައްކާތެރި ކުރުމަށް އެމިނިސްޓްރީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވުމާއި މުންނާރު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހެރިޓޭޖް މިނިސްޓްރީން ވަނީ ބ.ކުޑަރިކިލު އާސާރީ މިސްކިތް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އެރަށު ކައުންސިލާ ވެސް މިއަދު މަޝްވަރާ ކުރައްވާފައެވެ.