ދިވެހި ފުލުހުންގެ ޚިދުމަތުން ޙިއްޞާކޮށްފައިވާ ކަސްޓޯޑިއަލް ޖަލުތަކާބެހޭ ގަވާއިދުގެ ޑްރާފްޓަށް ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗުއާރުސީއެމް) އިޞްލާޙު ހުށަހަޅައިފިއެވެ. މި ގަވާއިދު އިންސާނީ ހައްޤުތަކުގެ ނަޒަރުން ރިވިއު ކުރުމަށްފަހު ޖުމްލަ 88 އިޞްލާޙަކާއިއެކު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙިއްޞާކޮށްފައު ކަމަށް އެވެ.

މި އިޞްލާޙުތަކުގެ ތެރޭގައި ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައި ތިބޭ މީހުންނަށް ލިބޭ އަސާސީ ޚިދުމަތާއި ޢިނާޔަތްތައް ތަޢާރުޟްނުވާނެހެން ވަކި ޚިދުމަތްތަކެއްގެ ގޮތުގައި ގަވާޢިދުގެ މާއްދާތަކުގައި ބަޔާންކުރުމާއި، އެއްވެސް ޙާލަތެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީންނާއި ޤާނޫނާ ގަވާއިދުތަކުން ލިބިދޭ އެއްވެސް އަސާސީ ޙައްޤެއް އެއްވެސް މިންވަރަކަށް އުނި ނުކުރުމާއި އޭގެ އިތުރުން މެދުކަނޑައިނުލުން، ރިމާންޑް ޖަލަށް ބަދަލުކުރަންޖެހޭ އެހެންނަމަވެސް އެކި ސަބަބުތަކާހުރެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭފަރާތްތަކަށް ކަނޑައެޅޭ އުޞޫލެއްގެމަތިން ޤާނޫނާ ގަވާއިދުތަކުން ކަށަވަރުކޮށްދީފައިވާ އެފަދަ ބަންދުމީހުންނަށް ރިމާންޑް ޖަލަކުން ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކާ ޢިނާޔަތްތައް އެ ފަރާތްތަކަށް ލިބިދެވޭކަން ކަށަވަރުކުރުމަށް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ވީހާވެސް އަވަހަށް މިފަދަ ފަރާތްތައް ރިމާންޑް ޖަލަކަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުން އަދި އެމީހަކު ކުރާ ކުށުގެ ކުޑަބޮޑު މިނަށާއި، ކުށުގެ ބާވަތަށް ބަލައި ގިންތިކޮށް ކުޑަކުދިންނާއި، އަންހެނުންނާއި ފިރިހެނުން ވީހާވެސް ބޮޑަށް އެއްބަޔަކު އަނެއްބަޔެއްގެ އަޑާއި ޙަރަކާތްތައް ނުފެންނާނެހެން އަދި އެފަރާތްތަކުގެ އިންސާނީ ކަރާމާތް ނުގެއްލޭނެހެން ކަސްޓޯޑިއަލްގައި ބޭތިއްބުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެމަތީން، ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ހުންނަ ހަމަ ކޮންމެ މީހަކަށްމެ އެއްވެސް ތަފާތުކުރުމެއްނެތި ލިބިދޭންޖެހޭ ޙައްޤުތަކާއި، ޢިނާޔަތްތަކާއި، ހިމާޔަތާއި ރައްކާތެރިކަން ލިބިދެވޭކަން ކަށަވަރުކުރުމަށް އިސްލޙުގައިވެއެވެ. އޭގެ އިތުރުން މިފަދަ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މާބަނޑު މީހުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ޙައްޤާއި އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤު ކަށަވަރުކޮށްދިނުން ހިމަނާފައި ވެއެވެ.