ޗައިނާގެ އެންމެބޮޑު ބައިނަލްއަގްވާމީ އޮންލައިން ވިޔަފާރީގެ ކުންފުނި އަލީބާބާ ގްރޫޕް ހޯލްޑިންގެ ފައުންޑަރ ޖެކް މާއަށް ކުއްލިއަކަށް ވީ ގޮތަކަމާމެދު ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ސުވާލު ކުރަމުން ގެންދިޔައެވެ.
ޗައިނާ ސަރުކާރުގެ ނިޒާމުތަކަށް މިދިޔަ އަހަރު ފާޑުވިދާޅުވުމުން ކުއްލިއަކަށް ޖެކް މާ "ގެއްލުނީ" އެވެ. ޗައިނާ ސަރުކާރުން ޖެކް މާ ހައްޔަރު ކުރީ ކަމަށްވެސް އެދުވަސްވަރު އަޑުތައް އަރައިގެންދިޔައެވެ.
ނަމަވެސް، ޗައިނާ ސަރުކާރުން ޖެކް މާ ހައްޔަރު ނުކުރާކަން ފަހުން ކަށަވަރުވެގެން ދިޔައެވެ. އެހެން ނަމަވެސް، ޗައިނާ ސަރުކާރުންވަނީ ޖެކް މާގެ ކުންފުންޏަށް މުލައްދަނޑީގެ ބާރުދައްކައި، އެކުންފުނި ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ.
އަލީބާބާ ގްރޫޕްގެ އެފިލިއޭޓް އޭންޓް ގްރޫޕަށް ބޮޑެތި ދަތިތައް ކުރިމަތިކޮށް، އެ ކުންފުނި އަލުން ރީސްޓްރަކްޗަރ ކުރަންވެސް މަޖުބޫރު ކުރީއެވެ.
ނުވިތާކަށް، ވިޔަފާރީ ކުރުމުގައި ނުކިއްސަރު ސިޔާސަތުތަކަށް އަމަލުކުރާ ކަމަށްބުނެ އަލީބާބާ ގްރޫޕް 2.8 ބިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާވެސް ކުރީއެވެ.
ޖެކް މާވަނީ އަލީބާބާ ގްރޫޕްގެ ޗެއަރމަން ކަމުގެ މަގާމުން 2019 ވަނަ އަހަރު އިސްތިއުފާ ދެއްވާފައެވެ. އިސްތިއުނާ ދެއްވި ނަމަވެސް، ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރުމުން އޭނާ ދުރަކަށް ވަޑައި ނުގަންނަވައެވެ.
ނަމަވެސް، ޗެއަރމަންކަމުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ސީދާ ކީއްވެގެންކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޖެކް މާ އަބަދުވެސް ފާހަގަ ކުރެވިފައިވަނީ، ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އޭނާ ދައްކަވަން ބޭނުންވާ ވާހަކައެއް ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ.
ޗައިނާ ސަރުކާރުން އެންމެފަހުން ޖެކް މާ އަދި އޭނާގެ އަލީބާބާ ގްރޫޕާ ޖައްސާލީ، ޖެކް މާއާހެދި ސަރުކާރަށް ބާރުބޮޑުވެގެން ކަމަށް ވެއެވެ.
ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ހަމައެކަނި މައްސަލައަށްވީ ޗައިނާ ސަރުކާރަށް ވުރެ، ޗައިނާގައި "ޖެކް މާ ބޮޑުވުމެވެ". ޗައިނާ ސަރުކާރަށްވުރެ ބާރުގަދަހެން ހީވުމެވެ.
ސަރުކާރަށް ބޮޑެތި ފާޑުވިދާޅުވުންތައް އަމާޒުކުރުމަށްފަހު މިދިޔަ އަހަރުން ފެށިގެން ޖެކް މާ ވަނީ އާންމުންނަށް "ގެއްލިފަ" އެވެ.
އެހެން ނަމަވެސް، ދާދިފަހުން އަލީބާބާ ކުންފުނީގެ މުވައްޒަފުން ބޭއްވި ޕާޓީއަކަށް ޖެކް މާ ވަޑައިގެންނެވިއެވެ.
އަލީބާބާ ގްރޫޕް މިހާރު ހިންގަވަނީ، އެ ކުންފުނީވެ ވައިސް ޗެއަރމަން އަދި ކޯ ފައުންޑަރ ޖޯ ސައިއެވެ.
ޖޯ ސައި މި ހަފްތާގައި އެމެރިކާގެ ޓީވީއަކަށް އިންޓަރވިއުއެއްގައި ވިދާޅުވީ، ޖެކް މާ މިހާރު ވަގުތު ހޭދަކުރައްވަނީ، އޭނާ އަމިއްލަ ޝައުގަށް ކުރައްވާ ކަންކަމާއި، އަދި ހިލޭސާބަހަށް މީހުންނަށް އިންސާނީ އެހީތައް ފޯރުކޮށްދިނުމުގައި ކަމަށެވެ. އޭނާ މިހާރު އުޅުއްވަނީ އާދައިގެ ދިރިއުޅުއްވުމެއް ކަމަށެވެ.
ޖޯ ސައި ވިދާޅުވީ، މިހާރުވެސް ކޮންމެ ދުވަހަކު އެކި ކަންކަމުގައި ޖެކް މާއާ އޭނާ ވާހަކަ ދައްކަވާ ކަމަށެވެ. ޖޯ ވިދާޅުވީ، ޖެކް މާއަކީ، އެހެން އިންސާނުންނެކޭވެސް އެއްގޮތަށް ވަރަށް އާދައިގެ އިންސާނެއް ކަމަށެވެ.
އަލީބާބާ ގްރޫޕް މިހާރު އޮތީ، އަލުން ރީސްޓްރަކްޗަރ ކުރުމުގެ މަރްހަލާއެއްގައިކަން ޖޯ ހާމަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ކުރި ޖޫރިމަނާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށާއި، ކުންފުނިން މިހާރު ބަލަނީ ކުރިއަށް ކަމަށެވެ. ވެދިޔަތަނަށް ނޫން ކަމަށެވެ.
ޗައިނާގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން އެމެރިކާގެ ޓީވީން ސުވާލު ކުރުމުން އަލީބާބާ ގްރޫޕްގެ ވައިސް ޗެއަރމަން ޖޯ ސައި ވިދާޅުވީ، ޗައިނާގެ ގިނަ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، އެކަމާ ރައްޔިތުން ތިބީ އުފަލުން ކަމަށެވެ.