ޔުވެންޓަސް އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ޔުއެފާ ނޭޝަންސް ލީގުގައި މާދަމާ ރޭ ސްވިޑްންއާ ދެކޮޅަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ރޮނާލްޑޯގެ ފަރާތުން ކޮރޯނާ ވައިރަހުގެ އެއްވެސް އަލާމާތެއް ނުފެންނަމަ ކަމަށެވެ. "އެކަމަކު ސިއްހީ އުސޫލުތައް ތަންފީޒު ކުރުމުގެ ގޮތުން ރޮނާލްޑޯ މިހާރު ހުރީ އައިސޮލޭސަންގައި" ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރޮނާލްޑޯ ކޮރޮނާއަށް ޕޮޒިޓިވްވުމާއެކު ޗެމްޕިއަންސް ލީގުގައި މިމަހުގެ 28 ވަނަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ޔުވެންސްޓަސް ކުޅޭ މެޗުގައި އޭނާއަށް ކުޅެވިދާނެކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. މިމެޗުގެ ސަބަބުން މެސީ އާއި ރޮނާލްޑޯއަށް ސަޕޯޓްކުރާ އަދި ފުޓްބޯޅައިގެ ދުނިޔޭގެ ގިނަ ސަޕޯޓަރުންތަކެއް ތިބީ ދުވަސްތަކަކަށްފަހު މިދެކުޅުންތެރިންގެ ކުރިމަތިލުމެއް ބަލާލެވޭނެ ކަމުގެ އުއްމީދުގައެވެ.
ރޮނާލްޑޯ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައި މިވަނީ، މިދިޔަ ހަފްތާގައި ޔުވެންޓަސްގެ ދެމުވައްޒަފަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްފެއިވާ ދަނޑިވަޅެއްގައެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ގިނައަދެއްގެ ބަޔަކު މަރުވެފައިވާ އިޓަލީން މިހާރު އަމަލު ކުރަމުން އަންނަ ސިއްހީ އާންމު އުސޫލުގެ ދަށުން ޓީމުގެ ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ޕޮޒިޓިވް ވެއްޖެނަމަ ޓީމު އެއްކޮށް އެއްތަނުގައި ކަރަންޓީން ވާންޖެހެއެވެ. އަދި ގައުމުން ބޭރަށް ދަތުރު ކުރެވޭނީ ކޮރޯނާ ވައިރަހަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވެއްޖެނަމައެވެ. އެހެންނަމަވެސް ނަތީޖާ ލިބުމުގެ ކުރިން ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި ޑައިބަލާ ވަނީ އިޓަލީ ދޫކޮށް ފުރާފައެވެ. އިޓަލީގެ ސިއްހީ އިދާރާއިން ދަނީ އުސޫލާއި ހިލާފް ވެފައިވާތީ ރޮނާލްޑޯ އާއި ޑައިބަލާގެ މައްސަލަ ބަލަމުންނެވެ.
ޔޫރަޕުގައި އަމަލު ކުރަމުންދާ އުސޫލުތަކުގެ ދަށުން މައިގަނޑު ގޮތެއްގައި ހޯމް އައިސޮލޭސަންގައި ތިބެން ޖެހެނީ 7-10 ދެމެދުގެ މުއްދަތަކަށެވެ.
ކޮރޯނާ ވައިރަހަށް ޕޮޒިޓިވް މިހާރު ރަގަޅު ވެފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލް އާއި ޕީއެސްޖީގެ ތަރި ނޭމާ، އާޖެންޓީނާ އާއި ޔުވެންޓަސްގެ ތަރި ޑައިބަލާ، ސްވިޑްން އާއި އޭސީމިލާނުގެ ތަރި ޒަލްޓާން އިބްރަހިމޮވިޗް ފާހަގަ ކޮށްލެވެއެވެ.