މިސްކިތުގައި ޖަމާއަތް އަދި ނުނިމެއެވެ. ފަހު އައްތަޙިއްޔާތުގެ ހިމޭންކަން ގެއްލިގެން ދިޔައީ މިސްކިތުގެ ބޭރުން އިވެން ފެށިހޭލަމޭލަކަމަކުންނެވެ. މަޑު ކުރި އުޅަނދުތަކުގެ އަޑެވެ. ސެއެސް ދަނގަޑާއި ލަކުޑިއާއި ޕްލާސްޓިކް އެކަތި އަނެކައްޗާ ޖެހިގެން އިވޭ އަޑެވެ. ޕްލާޓިކް ބިންމަތިން ދަމާލެވޭ އަޑުތަކާއެކު މީހުންގެ އަޑުތަކެއްވެސް އިވެއެވެ.

ޕޮލިޓިކާ ރިޕަބްލިކްގައި ދެނަމާދު ދޭތެރޭގައި އާންމު ކޮށް މަގުމަތި ހިމޭންވާނެއެވެ. އެކަމަކު މިއީކީ އެފަދަ ރެއެއް ނޫނެވެ.

އިމާމް މީހާގެ ސަލާމް ދިނުމުގެ އަޑަށްފަހު އިވުނީ ދުރުން މެގަފޯނެއްގެ ސުއިޗް ޖައްސާލި އަޑެވެ.

"ހުރިހައި ބޭފުޅުން ސަފަކަށް އެތުރިލުމަށް ދަންނަވަން.... އަދިވެސް އެއްފަހަރު ދަންނަވަން....." ތަކުރާރުކޮށް މެގަފޯނުން ގޮވަން ފެށިއެވެ.

ފައިވާން ގެއްލިދާނެތީ އަވަސް އަވަހަށް މިސްކިތުން ފައިބާ މީހުން މިއަދު އަވަސް ވެގަތީ ކުޅި ބަލާށެވެ. އެހެން ދުވަސްދުވަހުވެސް ޒިކުރު ތަސްބީޙަ ނުކިޔާން އާދަވެފައިވާ މީހުން އަވަސްވެގަތީ ކުޑަދޮރުން ބޯދިއްކޮށްލާށެވެ. ޒިކުރު ތަސްބީހަ ކިޔަމުން ފޭބި މީހުން ބޭނުންވީ މިސްކިތުން ބޭރުގެ ހޭލަމޭލަ މައިތިރިކޮށްލާށެވެ. އެހެން މީހުންގެ ހެޔޮކަމުން އިތުރު ދަރުމައާއި ސަވާބަކަށް އެދިގެންނެވެ.

ޝީލްޑްތަކާއެކު އެތުރިފައިވާ ފައުޖު ހީވީ ހަނގުރާމައިގެ މައިދާނުގައި ޝަހީދުވި އަޚުންތަކަކަށް ކަށުނަމާދަކަށް އެތުރިލައިގެން ތިބި ހެންނެވެ.

"ހުރިހައި ބޭފުޅުން ސަފަކަށް އެތުރިލުމަށް ދަންނަވަން." އެންމެ ކޮމާންޑެކެވެ!

ފައިވާން ސަލާމަތް ކުރުމުގެ ބޭނުމުގައި މިސްކިތުން އެންމެ ފުރަތަމަ ފޭބީ، ވަކީލެކެވެ. މިސްކިތް ކައިރީ މިވަރުގެ ހައިޖާނެއް ހިނގާއިރު، އޭނާގެ ގާނޫނީ ޢިލްމު ބޭނުންނުކޮށް ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.

"ވޮރެންޓެއް އެބަ އޮތޯ؟" ވަކީލު އަހައިލިއެވެ.

ޕޮލިޓިކާ ރިޕަބްލިކްގެ ކުދިބޮޑު އެންމެންނަކީ ސިޔާސީ ވިސްނުމުގެ ސިޔާސަ މީހުންނެވެ. ހަމަނުޖެހުމަކަށް ޖާހަގަ ދޭކަށް، ނުވަތަ ބޮޑު މުސާރަނަގާ މޫސުމީ މަސައްކަތްތައް އޮންނަ ކޮމިޝަންތަކުގެ އިންކުއެރީއަކަށް ޖާގަ ދޭކަށް ކޮމާންޑަރު ބޭނުން ނުވިއެވެ. އިޙުތިރާމާއެކު ވޮރެންޓްވެސް ދައްކައިފިއެވެ. ތުހުމަތުތައްވެސް ތަފްސީލުކޮށް ދިފިއެވެ.

ވޮރަންޓްގައި ބުނާ ގޮތުން އިމާމް މީހާވެސް ހައްޔަރު ކުރަން ޖެހެއެވެ. އަދި މިސްކިތަށް އެރި އެންމެންވެސް އޭނާއާއެކު ހައްޔަރު ކުރަން ޖެހެއެވެ.

ކޮމާންޑަރުގެ ވާހަކަތަކުން އެނގުނު ގޮތުގައި އިމާމް މީހާގެ މައްސަލައަކީ ނަމާދުގައި އޭނާ ހަރު އަޑުން ކިޔަވި އާޔަތްތަކެވެ. "وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمُ الْكَافِرُونَ" ﷲ ބާވައި ލެއްވި ޙުކުމުމް ޙުކުމް ނުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ ކާފަރުންނެވެ. އަލްމާއިދާ 44

ދައުލަތާއި ވެރިން ކާފަރު ކުރުމުގެ ތުހުމަތެވެ. އޭނާ އަކީ ނުބައި ނިޔަތެއްގެ ވެރިއެއްކަމަށް ލޭބަލް ކުރެވިފައިވާ މީހެއްކަމަށްވެސް ބުންޏެވެ.

މިސްކިތަށް އެރި މީހުންގެ މައްސަލައަކީ، އިމާމް މީހާ އެހެން މީހުން ކާފަރު ކުރިކަން އެނގި ތިބެ އެކަން ކަމާ ބެހޭ ފަރާތަށް ނޭންގިކަމެވެ.

**********

ރިޕަބްލިކް އޮފް ޕޮލިޓިކާގައި އެއްވެސް ކަމެއް ދެކޮޅަށް ވާހަކަ ދެއްކުމަކާ ނުލައި ނިމިގެނެއް ނުދާނެއެވެ. ސިޔާސީ ރައްޔިތުންގެ ސިޔާސަ ފިކުރުގައި ކޮންމެ މެހްފިލަކީވެސް ސިޔާސީ ސައްލާއަށް އޮންނަ މާލަމެކެވެ. އެސަހަރުގައި، ކޮފީ މޭޒުދޮށުގައި ކޮންމެމީހަކީވެސް ސިޔާސީ ފައިލަސޫފެކެވެ. ސިޔާސަވެގެން ގޮސް އަނެކާ ސޫއްޕަކަށްވެސް ބަދަލުކޮށްލެވޭ ވަރުގެ ހަކަތަ އެމީހުންގެ ބަސްމޮށުންތެރިކަމުގައި ހުންނާނެއެވެ.

ކޮފީއަށް ބަޖެޓް ކަނޑައެޅިފައި ނުވާ މީހުން ކްލަބްހައުސް އާއި އެފްބީގައި އެމީހުންގެ ޚިޔާލުތައް ފާޅު ކޮށް ޕްރޮގްރާމުތައް ދުރަށް ފޮނުވައެވެ. ޕޮލިޓިކާ މީހުންގެ ސިޔާސީ ބަސްކޮށާރުގައި އޮންނާނީ ދެތިން މައްސަލައެކެވެ. އެއީ، ރަށުގެ މެދުގައި ހުރި ޒިޔާރަތުގައި ވަޅުލާފައިވާ ވަލީވެރިޔާގެ މަރުގެ ހަގީގަތް ހޯދިފައި ނުވުމާއި އެޒިޔާރަތުގެ ދޮރުއަރުވާން މާގިނަ އަދަދެއްގެ ފައިސާ އިންޑިއާ ކުންފުންޏަށް ދިން މައްސަލައާއި މަގުމަތިން އެކަކު އަނެކަކަށް ކާފަރެކޭ ނުވަތަ ލާދީނީ ގޮލައެކޭ ކިޔައި ހެދުން ފަދަ މައްސަލަ ތަކެވެ. އާމްދަނީ އިތުރުކޮށް، ވަޒީފާ އުފެއްދުގެ ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ޕޮލިޓިކާ މީހުން ގަޔާވާ ކަމެއް ނޫނެވެ.

*********

ޓީވީއަށް އެންމެންވެސް އަރާހިތް ވެއެވެ. މި ރޭ ހުރިހައި ޗެނަލެއްގައިވެސް މި އޮތީ މިސްކިތުން ޖަމާއަތަށް އެރި އެންމެން ހައްޔަރު ކުރުމުން އެކަމާ ގުޅޭ ބަހުސެވެ.

ޗެނަލް 69 މިއީ ލާނެތިކަން އިންތިހާއަށް ގޮސްފައި އޮންނަ ޗެނަލެކެވެ. ޗެނަލް ޕްރޮމޯޓް ކުރާ މީހުން ބުނަނީ އަހަރަމެންގެ ލާނެތު ޕްޒެންޓަރު މިހެން ބުންޏޭ.. އެހެން ބުންޏޭ ކިޔައިގެންނެވެ. ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނަނީ މިއީ ގައުމުގެ ލައުނަތް ޗެނަލް ކަމަށެވެ.

މި ރޭގެ ޕެނަލްގައި ހުރިހައި ވައްތަރެއްވެސް ހިމަނާފައި ވެއެވެ. ހަށިގަނޑުން ސައިޒު ބޮޑު މީހުންނާއި ބޮޑެތި ބަނޑުލީ މީހުންވެސް މެއެވެ. އަޑުހަރު މީހުންނާއި އަނަރޫފަ މޫނުތަކެއްވެސް ހިމެނެއެވެ. ބަހުން ސިޔާސީ ޖިހާދަށް ނުކުމެ ތިބި ބަޔަކާއި ހިމޭންކަމާއެކު ބުއްދި އިސްކޮށް ޢިލްމީ ވާހަކައެއް ދައްކާލަން ބޭނުންވި ވައްތަރެއްވެސް ފެނެއެވެ.

މިފަދަ ޕެނަލްއަކަށް ޕްރޮގްރާމްގެ ތައާރަފެއް ބޭނުމެއް ނުވެއެވެ. ސްޓޫޑިއޯއަށް އައި އިރު ދައްކަމުން އައި ވާހަކަ ނިމުނު ހިސާބުން ކޮންމެ މީހަކުވެސް އެމީހެއްގެ ވާހަކަ ކުރިއަށް ގެންދާން ބޭނުންވިއެވެ.

"މި ބަހުސަކީ ކޮން އިސްލާމް ދީނެއްގެ ވާހަކަ ތޯ؟ އަޤާއިދީ އިސްލާމް ދީންގެ ވާހަކަ ތޯ؟ ނުވަތަ ޙަޟާރީ އިސްލާމް ދީނުގެ ވާހަކަތޯ ބަހުސަކީ؟" މަޑުމޮޅިކޮށް ވާހަކަ ފަށައިގެން ކުރިއަށް ގެންދިޔަ މީހާ ބުންޏެވެ.

"ކީރިތި ރަސޫލާއިން ފެށިގެން މިއަދާހަމައަށް އައިސްފައި މިއޮތް އިސްލާމް ދީނަށް އަޅުގަނޑުމެން ފަޚުރުވެރިވަން" ވާހަކަ މެދު ކަނޑާލައި ހަރުއަޑުން ވާހަކަ ދައްކާ މީހާ ބުންޏެވެ.

"ހުރިހައި ކަމެއް ފެންނާން އޮތީކީ ތިޔަ ވިދާޅުވާހައި އޮމާން ކޮށެއް ނޫން. އިނގޭތޯ؟ ޚުލަފާއުއްރާޝިދޫންގެ ފަހުން ފެންނަނީ ފިތުނަވެރިކަމާއި ހަނގުރާމައިގެ ހާލަތެއްގައި އުންމަތް އޮތްތައް. މުސްލިމުންގެ ފިކުރީ މުއްސަނދިކަން އިތުރުވެގެން ދިޔައީ، ހިޖުރީން ދެވަނަ ގަރުނުގައި އެހެން މީހުންގެ ހަޟާރާތަކުގެ ފޮތްތައް ތަރުޖަމާކޮށް އިސްލާމީ ދައުލަތުގައި ފިކުރީ އޮއި ވަރެއް ފެށުމުން. އެހެން ދީންތަކާއި ޙަޟާރާތަކަށްވެސް ކްރެޑިޓް ދޭން ޖެހޭނެ." ހިމޭންކަމާއެކު އޭނާ ބުނެލިއެވެ.

"ބަހުސަކީ، ޕޮލިޓިކާ ރިޕަބްލިކް. މިއީ މުސްލިމުން ގިނަ ގައުމެއް. ބޭނުންވަނީ އިސްލާމީ ޝަރީއާ ތަންފީޒު ކުރުން" ފީޑެލް ކާސްޓްރޯ ހެން މޫނުމަތިން ހީވާ މީހާ ބުނެލިއެވެ.

"ޝަރީއާ ތަންފީޒު ކުރުމުގެ ވާހަކަ ދައްކާއިރު ޝަރީއާ ބެހޭގޮތުން ވެސް ބަހުސް ކުރެވެން ޖެހޭނެ. އިސްލާމީ ޝަރީއާގައި އޮތީ ހަމައެކަނި ތަކްފީރު ކުރުމެއްވެސް ނޫން. ތަގްލީދު ކުރުމެއް ވެސް ނޫން. ހާލަތާ ޒަމާނަށް ބަލައި އައު ކުރަން ޖެހޭ ކަންތައްތަކާއި ދޫކޮށްލަން ޖެހޭ ކަންތައްތަކެއްވެސް ހުރޭ." ޕްރޮފެސަރެއްހެން ހީވާ މީހާ ބުނެލިއެވެ.

"ސުއާލު އުފައްދާ ކޮންމެ މީހަކީ ކާފަރެކޭ ބުނާކަށްވެސް ނުޖެހޭ. އެ ސުއާލު ކުރާ މީހާ އެ ސުއާލު ކުރަނީ އެއްކައުވަންތަ ކަމާ ބެހޭ ގޮތަކުންނެއް ނޫން. ނުވަތަ ރަސޫލާގެ ރަސޫލު ކަމާ ބެހިގެނެއް ނޫން. ނުވަތަ ކީރިތި ޤުރުއާނާ ބެހިގެނެއް ނޫން. އެބަހުރި ބަހުސް ކުރަން ޖެހޭ ފިގުހީ މައްސަލަތައްވެސް. އެއާމެދު ސުއާލު ކުރުމުން މީހާ ކާފަރު ކުރާކަށް ނުޖެހޭ" ހިމޭންކަމާއެކު ވާހަކަ ދައްކަން އަތް ނެގި މީހާ ބުންޏެވެ.

"ތިގޮތަށް ކަންކަމާ މެދު ބަހުސް ކުރާ ބަޔަކު މިގައުމުގައި އެބަތިބި. ޝައިތޯނާއަށް ޖާގަ ނުދޭން ވެގެން ދޭތެރެ ދުރުކޮށް ސަފުހަދަން ނުޖެހޭ އިރު އެއީވެސް ރަނގަޅުކަން ކަމަށް ބަލައިގެން އެކަމަށް ވާހަކަ ދައްކާ ބަޔަކުވެސް އުޅޭ" ލައްކަ ގިނަ އިރުވަންދެން ތުނބުޅި ވިނަވަން އިން މީހަކު ކެތް މަދުވެފައި އިނދެގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ.

"އަސްލު މައުޞޫއުގައި ތިބެމާ" ހުކުރަށް މަތިބަސް ބާލައި ތުނބުޅި މުށަކަށް ހެޔޮވަރުކޮށްފައި ހުރި މީހާ ބުންޏެވެ.

"އަސްލު މައްސަލައަކީ ޒަމާނާ އެއްގޮތަށް ދީނުގެ ނައްޞުތައް މާނަކުރުމަށް ފުރުސަތު ނެތުން. ކުރީ ޒަމާނެއްގައި ކުރެވުނު ބަހުސްތަކަކާއި އިޖުތިހާދެއްގެ މައްޗަށް ލިޔެފައިވާ ޙުކުމްތަކަކަށް މިއަދުވެސް ބަހުސް ކުރުމަކައި ނުލައި އަމަލުކުރަން ޖެހުން" ނިއްކުރި ނިކަން ސާފުވެފައި ބޮލުން ބޮކި ދިއްލިފައި ހުރި މީހާ ބުންޏެވެ.

"ތިޔަހެން ދީނުގެ ކަންކަމާ މެދު ބަހުސް ކުރަން ހުޅުވާލައިފިނަމަ، މީހުންގެ މެދުގައި ފިތުނަ އުފެދޭނީ. އެއިރުން އިމާމާއަށް ޖެހޭނީ ސައްދުއްޒަރާޢިރުގެ ދަށުން ގާނޫނުތައް ހަދައި، އުގޫބާތުގެ ފޮތްބައި އިސްލާޙުކުރަން" ތުނބުޅި ވިނަވަން އިން މީހާ ބުންޏެވެ.

"ސައްދުއްޒަރާއިއުގެ ވާހަކަ ދައްކާއިރު އެހެން ދީންތަކަށް އިޙުތިރާމް ނުކުރަނީ ކީއްވެ؟ ސައްދުއްޒަރާއިޢުގެ ދަށުން އަލްއަންޢާމް ސޫރަތުގެ 108އާޔަތާ ޚިލާފް ވީމަވެސް ގާނޫނީ ގޮޅިއަކަށް ފެތެން ޖެހޭނެއެއް ނޫން ތަ؟ މިމީހުން ޓީވީއަށް އަރައިފައިބާ ރެއެއްގައި 108ވަނަ އާޔަތާ ޚިލާފް ނުވެ ނުދަމެއް ނު" ޕްރޮފެސަރު ނިކަން މަޑުމަތިރިކަމާއެކު ކުރުކޮށްލިއެވެ.

"އަހަރަމެން މީހުން ތަކްފީރު ކުރަނިއްޔޭ ކިޔައި ވާހަކަ ދައްކާއިރު ނިކަން ދައްކަ ބަލަ ތިޔަ ބުނާ ތަޖުދީދީ އައު ވިސްނުމަކުން ވިސްނާން ޖެހޭ ކަހަލަ ކަމެއްގެ ވާހަކަ" އުސްތާޛެއްހެން ހީވާ މީހާ ބުންޏެވެ.

"މައްސަލައަކީ ބަހުސް ކޮށް ޚިޔާލު ފާޅުކުރުމަށް ޖާގަ ނުދޭކަން. އިސްލާމް ދީނުގެ އަގީދާއިން ބޭރު ނުވެ މިހެން ތިބެގެން ކަންކަމާ މެދު ބަހުސް ކޮށެއް ނުލެވޭނެ ތަ. އިމާމް އަބޫޙަނީފާ އޭނާގެ ދަރިވަރުންނާއެކުވެސް މިކަހަލަ ބަހުސްތައް ބޭއްވެވި. އިމާމް ޝާފިއީ ވެސް. ބަހުސަކީ ޚިޔާލު މުއްސަނދި ވާކަމެއް. ތިމާ ދެކޭ ގޮތާ ޚިލާފަށް ނުވަތަ ޒަމާނުއްސުރެން ތިމާމެން އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ވާހަކަ ދައްކާ ކޮންމެ މީހަކު ކާފަރު ކުރާކަށް ނުޖެހޭ" ނިކަން އިރުވަންދެން އަޑު އަހަން އިނދެފައި، މަޑުމައިތިރިކަމާއެކު ޝެއިޚް ބުނެލިއެވެ.

ތުބުޅި ވިނަވަން އިންނަ މީހާ ބޭނުންވީ މި ބަހުސް ކުރިއަށް ގެންދާށެވެ. އަދި ތަޖުދީދުކޮށް އައު ޚިޔާލާތުތަކަށް ވާހަކަ ދައްކާ މީހުންނަކީ وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمُ الْكَافِرُونَ ގެ ބާބުގައި ހިމެނޭނެ މީހުންކަމަށް ބުނަމުން ޕްރޮފެސަރު އެބުނާ ވާހަކައަށް ހެކި ދައްކާން އެދުނެވެ.

"މި ބުނަނީ ހިނގާށޭ ރަޖަމް ކުރުމާއި ގިސާސް ހިފުމާއި އަތްކެނޑުމުގެ ޙުކުމާމެދު ތިބާމެން މިދައްކާ ވާހަކަވެސް ބަހުސް ކޮށްލަމާ. އެއީ އަހަރަމެން ގަބޫލުކުރާ ޙުކުމްތައް. އަހަރަމެން އެކަމާ ދެކޮޅު ހަދަނީކީއެއް ނޫނޭ! މިސާލަކަށް ޒިނޭ ކޮށްގެން ކުއްޖަކު ލިބިފައި ހުއްޓާ އެ އަންހެން ކުއްޖާއާ އޭނާގެ ކަށަވަރު ނުވާ ބަފާ އިންނަން އުޅެފިނަ ދެން ހަދާނީ ކިހިއްތޯ؟ އަލްވަލަދު ލިލްފިރާޝް الولد للفراشގެ ދަށުން ނަސަބު ކަށަވަރެއް ނުވޭ. ހުރިހައި ގާނޫނެއްގައި މަނާކަމެއް ޝާފިޢީ މަޒުހަބު ދެކެނީ ތަފާތު ގޮތަކަށް. މިފަދަ ނުކުތާތަކާ މެދު މީހުން ކާފަރު ކުރުމަކާ ނުލައި ބަހުސް ކުރެވެން އެބަ ޖެހޭ ނޫންހޭ؟" ޕްރޮފެސަރު ބުނެލިއެވެ.

ހިނދުކޮޅަކަށް ޕެނަލްގެ މެމްބަރުންގެ ތެރެއަށް ވެރިވެގެން ދިޔަ ހިމޭން ކަމާއެކު ޗެނަލް69ގެ ޕްރެޒެންޓަރު ނިންމީ މިފަދަ ޕެނަލެއް އަދި އެހެން ދުވަހަކުން ކުރިއަށް ގެންދާށެވެ.